ads
މަނަދޫ--
މަނަދޫއަށް ކޮވިޑް-19 ދިޔަ ގޮތެއް ނޭނގޭ: ޑރ. ނަޒްލާ
ނ. މަނަދޫން ދިހަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު އެރަށަށް އެބަލި ދިޔައީ ކިހިނެއްކަން އަދި ނޭނގޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މެޑިކަލް އޮފިސަރު، ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.

މަނަދޫން އެންމެ ފުރަތަމަ ކޮވިޑް-19 ޖެހުނީ އުމުރުން 80 އަހަރުގެ އަންހެނަކަށެވެ. އިތުރު ފަރުވާއަށް މަނަދޫ އިން އައިޖީއެމްއެޗަށް ގެނައި އެމީހާ ޕޮޒިޓިވްވިއިރު އެމީހާގެ ކިބައިން ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށް ކުރިން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެ އެވެ. 

ރޭ ނޭޝަނަލް އިމަަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ އޭގެ ފަހުން އެރަށުން ނުވަ މީހަކު ޕޮޒިޓިވްވެފައިވާއިރު އެ އެންމެނަކީ ވެސް ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވެގެން ހޯމް އައިސޮލޭޝަނުގައި ތިބި މީހުން ކަމަށެވެ. 

އެގޮތުން އެ ނުވަ މީހުން ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ 14 ދުވަހުގެ ކަރަންޓީންގެ މުއްދަތު ހަމަކުރުމަށް ފަހު ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓުންކަމަށް ވިދާޅުވި އެވެ. 

އޭގެ އިތުރުން، ޑރ. ނަޒްލާ ވިދާޅުވީ މަނަދޫއަށް ކޮވިޑް-19 ދިޔަ ގޮތް ބަލަމުން އަންނަ ކަމަށާއި މިހާތަނަށް އެރަށަށް ބަލި ދިޔައީ ކިހިނެއްކަން އަދި ނޭނގޭ ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 1078 އަށް އަރާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް