ads
ފަލަސްތީނު ރައްޔިތުންގެ އެއްވުމަކަށް އިޒްރޭލުން ހުރަސް އަޅަނީ: ފޮޓޯ އެޗްއާރު ވޮޗް
ކޮވިޑް 19 ގެ ދަނޑިވަޅުގައި ވެސް ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް ކުރާ މަސައްކަތް ރާއްޖެއިން ކުށްވެރިކޮށްފި
ކޮވިޑް-19 އާ ދެކޮޅަށް ދުނިޔެއިން ހަނގުރާމަކުރަމުންދާއިރުވެސް އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް ކުރާ މަސައްކަތް ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

=ކޮވިޑް-19ގެ ނުރައްކަލާ ދުނިޔެއިން ކުރިމަތިލާފައިވާ މިދަނޑިވަޅުގައިވެސް އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާމެދު ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި، މިނިވަން ދެ ދައުލަތެއްގެ ގޮތުގައި ފަލަސްތީނާ އިސްރާއީލް އޮތުމަށް ކުރެވޭ މަސައްކަތަށް ހުރަސް އެޅޭގޮތަށް އިސްރާއީލުން ހިންގަމުންދާ އަމަލުތައް ދިވެހިރާއްޖެއިން ކުށްވެރިކޮށްފިއެވެ.

ރާއްޖެއިން މިކަން ކުށްވެރިކޮށްފައިވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކަކަށް ވެރިވެގަތުމަށް ކުރަމުންދާ މަސައްކަތާއި ފަލަސްތީނުގެ ރައްޔިތުންނާމެދު ހިންގާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް ނަން-އެލައިންޑް މޫވްމަންޓް (ނާމް) އިން ނެރުނު ގަރާރަށް ތާއީދުކުރަމުންކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. 

ނާމްގެ ގަރާރުގައި ވަނީ ކޮވިޑް-19 އާއި ދެކޮޅަށް ދުނިޔެއިން މަސައްކަތްކުރަމުންދާ މިދަނޑިވަޅުގައިވެސް 1967ގެ ބޯޑަރުގެ މައްޗަށް ބިނާކޮށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމަށް ކުރެވޭ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް އިސްރާއީލުން މިހާރު ހިންގަމުންދާ އަމަލުތަކުގެ ސަބަބުން ފަލަސްތީނިގެ ރައްޔިތުންނަށް އެތައް އަނިޔާތަކެއް ލިބި، އެމީހުންގެ ހައްގުތައް ގެއްލިގެންދާނެކަމަށެވެ. އަދި އިސްރާއީލުގެ މިއަމަލުތައް ނުހުއްޓައިފިނަމަ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށް "ޓޫ ސްޓޭޓް ސޮލިއުޝަން" ހޯދުމަށް ކުރާ މަސައްކަތަށް ހުރަސް އެޅިގެންދާނެކަމަށެވެ.

"ގަދަކަމުން ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގެން އުޅޭ އުޅުން ކުށްވެރިކޮށް، ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފް އެންމެހާ އަމަލުތައް ވަގުތުން ހުއްޓާލުމަށްވެސް ރާއްޖެ ހިމެނޭ ގޮތަށް ނާމްގެ ގައުމުތަކުން ވަނީ އިސްރާއީލަށް ގޮވާލާފަ،"

ހަމައެއާއެކު އދގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކަށް އިސްރާއީލުން ބޯނުލަނބާ މައްސަލައިގައި އެގައުމު ޖަވާބުދާރީކުރުވަން ބައިނަލްއަގްވާމީ މުޖްތަމައަށް ގޮވާލާ، 1967 ވަނަ އަހަރުގެ ބޯޑަރާ ހިސާބަށް އިސްރާއީލުން ފަހަތަށް ޖެހުމަށް ބާރު އެޅުމަށްވެސް ނާމް އިން ގޮވާލިއެވެ. މިކަންތަކަށް ބާރުއެޅުމުގެ ގޮތުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ހިންގާ އިސްރާއީލުގެ ވިޔަފާރިތަކާ މުއާމަލާތު ނުކުރުމާއި، ހިފާފައިވާ ބިންތަކުގައި އިސްރާއީލުން އުފައްދާ މުދާ ބައިނަލްއަގްވާމީ ބާޒާރަށް ނެރުނަ ނުދިނުމަށް ނާމް އިން ވަނީ ބާރު އަޅާފައެވެ. 

ނާމް އިން ވަނީ އދގެ ސަލާމަތީ މަޖިލީހުން، އެމަޖިލީހުގެ ޒިންމާ އަދާކޮށް، ފަލަސްތީނުގެ މައްސަލައިގައި އެމަޖިލީހުން ފާސްކޮށްފައިވާ ގަރާރުތައް ތަންފީޒުކޮށް، ފަލަސްތީނުގެ އިތުރު ބިންތަކަށް  ވެރިވެގަތުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް ސަލާމަތީ މަޖިލީހަށް ގޮވާލާފައެވެ. އަދި އިތުރު ބިންތަކަށް އިސްރާއީލުން ވެރިވެގަތުމަކީ މެދުއިރުމަތީގެ ސުލްހައިގެ އިތުރުން ބައިނަލްއަގްވާމީ ސުލްހައަށް އެޅިގެންދާ ހުރަހެއްކަމަށްވެސް ނާމްގެ ގައުމުތަކުން ގަބޫލުކުރެއެވެ. 

ދިވެހިރާއްޖެއާ ނާމްގެ އެހެން ގައުމުތަކުން ވަނީ ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގެންފައިވާ ވެރިވެގަތުމަށް ނިމުމެއް ގެނެސް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށް، އެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް އޮންނަން ޖެހޭކަމަށް ގަބޫލުކުރާ ސިޔާސަތު އަނެއްކާވެސް ތަކުރާރުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް