ads
ފުލުހުން----- ފޮޓޯ: ޕޮލިސް
ހަގީގަތުގައި ވެސް ނިއު ނޯމަލް ދިރިއުޅުމަކަށް ދާން ދިވެހިން ތައްޔާރުބާ؟
ރޭގައި ރައީސުލްޖުމްހޫރިއްޔާ ގައުމާއި މުހާތަބުކުރައްވަމުން ދެއްކި ވާހަކަފުޅު ތަކުގެ ސަބަބުން ހުރިހާ ރައްޔިތުންގެ ހިތައް އުފާވެރިކަން ވެރިވި އެވެ. ގޭގައި ބަންދުވެގެން ތިބެންޖެހިފައި މިތި ތިބުމަށް ލުޔެއް ލިބިގެންދާނެ ކަމުގެ ނިޝާންތައް އެމަނިކުފާނު ދެއްވީތީ އެވެ.

އެމަނިކުފާނު ވަނީ މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ލޮކްޑައުނަށް ލުޔެއް ދިނުމަށް ނިންމާފައި ވާކަމަށް ވިދާޅުވެފަ އެވެ. އެގޮތުން މި ލުއިދޭން ނިންމާފައި ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާއި މިހާރަށް ވުރެ ފަސޭހައިން ރައްޔިތުންނަށް ގެއިން ބޭރަށް ނިކުމެ އުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

މިހާރަށް ވުރެ ފަސޭހައިން ވިޔަފާރިތަކަަށް ދެވޭނެ ކަމުގެ އިންތިޒާމްތައް ހުޅުވާލާނެ ކަމުގެ އުންމީދު ރައީސް ދެއްވި އިރު، ހޮޓާ ރެސްޓޯރެންޓްތައް ވެސް އަލުން ހުޅުވާލެވިގެންދާނެ ކަމުގެ އުންމީދުވެސް ވަނީ ދެއްވާފަ އެވެ. މި ވާހަކަތަަކަކީ ގިނަ ބަޔަކު އަޑުއެހުމަށް ކެންމަދުވެފައި ތިބި ވާހަކަ ތަކެކެވެ. 

ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން އެޅު ފިޔަވަޅު ތަކުގެ ތެރެއިން އުވާލާން އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ އެއްކަމަކީ މިސްކިތްތައް ބަންދުކޮށްފައި އޮތް އޮތުމެވެ. ރޭގައި ރައީސް ވަނީ ބަލީގެ އަސަރު ނެތް ރަށުގައި ވަރަށް އަވަހަށް މިސްކިއްތައް ހުޅުވާލެވިގެންދާނެ ކަމުގެ އުފާވެރި ހަބަރުވެސް ދެއްވާފަ އެވެ. 

ބަލިމަޑު ކަމުގެ ސަބަބުން ގިނަ ބައެއްގެ އާންމު ދިރިއުޅުން ހުއްޓުމަކަށް އައިސްފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކުގައި ވަޒީފާ އަދާކުރަން ހާއްސަ އިންތިޒާމުތަކެއް ހަމަޖެހިދާނެ ކަމުގެ ހަބަރުވެސް ރައީސް ވަނީ ދެއްވާފަ އެވެ. 

މީގެ އިތުރުން ގޭގައި ފޫހިވެފައި ތިބި ކުދިންނަށް އެކުންދިންގެ ކިޔެވުންވެސް އަލުން ފެށޭނެ ކަމުގެ ހަބަރުވެސް ރައީސް ވަނީ ދެއްވާފަ އެވެ.

ނިއު ނޯމަލް އޮތީ މާ ދުރަކަ ނޫން:   

ނިއު ނޯމަލް އަކަށް ވަރަށް އަވަހަށް ދާންޖެހޭނެ ކަމަށް ރައީސް ސޯލިހުގެ މިވާހަކަތަކުން އެނގިގެން ދިޔަ އިރު، މި ފާއިތުވި ހަފްތާގެ ތެރޭގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ މި ނިއު ނޯމަަލަ އަށް ވަރަށް އަވަހަށް ދާންޖެހިދާނެ ކަމުގެ ސިގަނަލްދެމުން ގޮސްފަ އެވެ. 

ނިއު ނޯމަލް އަކަށް ދިއުމާއި އެކު ދިވެހިންގެ ދިރިއުޅުމަށް ގިނަ ބަދަލުތަކެއް ގެންނަން ޖެހޭނެ އެވެ. ގޭގެއަށް ޒިޔާރަތް ކުރާ މިންވަރު މަދުކުރުމާއި، މަގުމައްޗަށް ނުކުތުމާއި ގިނަ މީހުން އެއްތަނަކަށް އެންވެ އުޅުނު ފަދަ ކަންތައްތަކުން ދުރުވާންޖެހޭނެ އެވެ. އަދި އަބަދުވެސް އެކަކަކު އަނެކަކާއި ތިން ފޫޓުގެ ދުރުމިނެއް ބަހައްޓަން ޖެހޭ އިރު ސާފުތާހުރު ކަމުގެ މިންގަޑުތައް ހިފާއްޓަން ޖެހޭނެ އެވެ.

ނިއު ނޯމަލަށް ދިއުމާއި އެކު ކުރިން އުޅެމުން އައިސްފައިވާ މިވާ ދިރިއުޅުން އެއްކޮށް ބަދަލު ކުރަންޖެހޭނެ އެެވެ. 

އެގޮތުން އެންއީސޯގެ ޕްރެސްކޮންފަރެންސް ތަކުގައި މިކަމުގެ ގިނަ ސިގްނަލްތަކެއް ދީފައި ވާއިރު، ޑޮކްޓަރުން ވަނީ މި ނިއު ނޯމަލަށް ރަނގަޅަށް ނޫޅެވިދާނެތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

ލޮކްޑައުން ނަގާ ގޮތަށް ނިއު ނޯމަލަށް ދާންޖެހޭނެ ކަން ފާހަގަކުރައްވަމުން ޑރ. އިބްރާހިމް އަފްޒަލް ވަނީ އެންމެ ބިރު ގަންނަނީ މާލެ ސަރަހައްދަށް ގެނެސްފައިވާ ލޮކްޑައުން ނެގުމާއެކު ރައްޔިތުން ކުރީގެ އާންމު ދިރިއުޅުމުގެ ތެރެއަށް ގޮސްދާނެތީ ކަމަށް ވިދާޅުވެފައެވެ.

ހަލަބޮލި ދިރިއުޅުމެއް އުޅެމުން އައިސްފައިވާ ދިވެހިންގެ ދިރިއުޅުން ކުއްލި އަކަށް މަޑުޖެހިފައި އޮތުމަށް ފަހު ހިނގައި ގަނުމުގެ ފުރުސަތު ދިނުމުން ދިރިއުޅުމުގެ ގިނަ އާދަތަކަށް ބަދަލު ގެންނަށް ޖެހޭ ކަމުގެ ހަދާން ނެތިގެން ދިއުން މިއީ ސަރުކާރާއި ކަމާބެހޭ އިދާރާތަކުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ. 

މިކަންބޮޑުވުން މި އޮތީ ގިނަ ސަބަބު ތަކަކާއި ވެސް އެކުއެވެ. އެެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ގިނަ އިލްތިމާސްތަކެއް ކަމާބެހޭ ފަރާތްތަކުން ކުރަމުން އައިސްފައި ވާއިރު، އެންމެ ފުރަތަމަ މި އިލްތިމާސްތަކަށް ގިނަ އަދަދެއްގެ ރައްޔިތުން ދިނީ ބީރު ކަންފަތެކެވެ. 

ރާއްކާތެރި ކަމުގެ ގިނަ ފިޔަވަޅުތައް އަޅަމުން ގެންގޮސް ގެއިން ބޭރަށް ނުނިކުތުމަށާއި ގިނަ މީހުން އެއްތަނަކަށް އެއްވެ ނޫޅުމަށް އިލްތިމާސްކުރި ނަމަވެސް އެވާހަކަތައް އަޑު އިވުނީ މަދު ބަޔަކަށެވެ. ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅަމުން އަންނަ ފިޔަވަޅުތައް އެއްދުވަހުން އަނެއް ދުވަހަށް ހަރުކަށި ކުރަމުން ދިއުމުން އެކަމާއި ހިންހަމަނުޖެހުންތައް ފާޅުކޮށްފައި ވާއިރު، މިއަދާ ހަމައަށް ވެސް ސަރުކާރުން އަޅާފައި މިވާ ފިޔަވަޅުތަކަށް އެއްބާރުލުން ނުދޭ ބަޔަކު އެބަ އުޅެއެވެ. ނުވަތަ ކޮންމެވެސް ސަބަބުތަކަކާ ހުރެ އެ އުސޫލުތަކާ ހިލާފުވާން ޖެހެނީކަމަށް ވެސް ވެދާނެއެވެ. 

ގޭގައި ތިބެން ބުނާއިރު، ބައެއް އިންތިޒާމުތައް ދައުލަތުގެ ފަރާތުން ވެސް ރާވާލާފައި އޮތީ އެންމެ ފުރިހަމައަށޭ ބުނުން ވާނީ ގޯހަކަށެވެ. 

މާލެ ސަރަހައްދުގައި ގޭގައި ތިބުމުގެ މުހިންމެ ކަން ހާމަކޮށް އެންމެ ތިން ގަޑި އިރަށް މަގުމައްޗަށް ނުނިކުމެވޭ ގޮތަށް ހަދައި ކާފިއު އިއުލާން ކުރުމުން ވެސް ފެނިގެން ދިޔައީ، ކާފިއު ހަމަ ނިމުމާއި އެކު މީހުން މަގު މައްޗަށް ނުކުމެ މަގުމަތި ފުރާލާ މަންޒަރެވެ. އެހެން ކަމުން ލޮކްޑައުން އުވާލައިފި ނަމަ މާލެ މަގުމަތި އަނެއްކާވެސް ހަލަބޮލިވެ ތޮއްޖެހިގެން ދިއުމަކީ އޮތް ބޮޑު ކަންބޮޑުވުމެކެވެ. 

ލޮކްޑައުންގެ އުސޫލު ތަކާއި ހިލާފުވެގެން މިހާރުވެސް ގިނަ އަދަދެއްގެ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާއިރު، ފުލުހުންގެ ހުއްދަ އާއި އެކު އެކި އެކި ޒަރޫރީ ބޭނުން ތަކަށް ބޭރަށް ނުކުންނަ މީހުންނަށް ވެސް އެކަށީގެންވާ ވަރަށް ގައިދުރުކަން ނުބެހެއްޓޭ ކަމަށް ޑޮކްޓަރުން ވަނީ ފާހަގަކޮށްފަ އެވެ. މި ލުއިތައް ދިނުމުން އެ ގައިދުރުކަން ބަހައްޓަން އެނގޭނެ ބާއޭ އެއީ އުފެދޭ ސުވާލެކެވެ.

ކޮންމެ އަކަސް ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ ކެޕޭސިޓީ މިއަށްވުރެ އިތުރުކޮށް ބައްޔަށް ފަރުވާދިނުމަށް ބޭނުންވާ ވަސީލަތްތައް ހަމަކޮށް ލުއިތައް ދިނުމުން ސަރުކާރުން ކަނޑައަޅާ އާ އުސޫލުތަކާއި އެއް ގޮތަށް ނިއު ނޯމަލް ދިރިއުޅުމުގެ ކަންކަން ދިވެހިންނަށް ބައްޓަން ކުރެވޭނެ ބާއެވެ. 

ބަލިފެތުރުން ކޮންޓްރޯލްކޮށް އަލުން އައު ލޮކްޑައުން އަކަށް ދިއުމުގެ ފުރުސަތު ކުޑަކޮށް މުޅިން ނިއު ނޯމަލް ދިރިއުޅުމަކަށް ދިއުމަށް ހަގީގަތުގައިވެސް ދިވެހިން ތައްޔާރުބާ؟ 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް