ads
ހުކުރު ނަމާދުގެ ތެރެއިން-- ފޮޓޯ: އަތޮޅުނިއުސް
ގޭގައި އީދު ނަމާދުކުރަން ޖެހިދާނެ ކަމަށް ހީކުރި މީހުންނަށް އުފާވެރި ދުވަހެއް!
މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދުކުރުން ވަނީ ހުއްޓާލާފަ އެވެ. އެ ނިންމުމަށް އަދިވެސް ބަދަލެއް ނުގެނެ އެވެ. އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން ރާއްޖޭގެ އެހެން ރަށްތަކުގެ މިސްކިތްތައް ބަންދުކުރީ މިދިޔަ އޭޕްރީލް 19 ވަނަ ދުވަހެވެ. އެ ނިންމުމަށް މިހާރު މަހަކަށް ވުރެ ދުވަސް ފާއިތުވިއިރު މިއަދަކީ ރާއްޖޭގެ ބައެއް ރަށްތަކަށް ހަމަގައިމު ވެސް އުފާވެރި ދުވަހަކަށް ވާނެ ސަބަބުތައް ބައިވަރެވެ.

އެ އުފާވެރި ހަބަރު އެންމެ ފުރަތަމަ ދެއްވީ ބުދަ ދުވަހު ގައުމާ މުހާތަބު ކުރައްވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. ކޮވިޑް-19 ގެ އެއްވެސް އަސަރެއް ނެތް ރަށްރަށުގައި ޖަމާއަތުގައި ނަމާދުކުރުމަށް ފުރުސަތު ހުޅުވާލަން ނިންމިއިރު ރޭ ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ އެކަމުގެ ތަފްސީލު ހިއްސާކުރައްވާފަ އެވެ. އެގޮތުން މިއަދު ހުކުރު ނަމާދަށް ފަހު ކޮވިޑް-19 ގެ އަސަރެއް ނެތް ރަށްރަށުގައި މިސްކިތުގައި ނަމާދުކުރަން ފަށާނެ އެވެ. 

އެ ނިންމުމަކީ ގިނަ ބަޔަކަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނުވި ނިންމުމެކެވެ. ކޮވިޑް-19 ނެތް ރަށްރަށުގެ މިސްކިތްތައް ހުޅުވާނެ ދުވަހެއްގެ އިންތިޒާރުގައި އެތައް ބަޔަކު ތިއްބާ މިއަދު އެ އިންތިޒާރަށް މިވަނީ ނިމުމެއް އައިސްފަ އެވެ. 

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ދަށުން ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލިއިރު އެތައް ބައެއްގެ ފާޑުކިޔުން ވެސް އެ ނިންމުމަށް އަމާޒުވި އެވެ. އެއީ ރާއްޖޭގެ ތާރީހުގައި ވެސް އެފަދަ ނިންމުމެއް ނިންމި މިއީ ފުރަތަމަ ފަހަރު ކަމުން ސަރުކާރަށް އެތައް ފާޑުކިޔުމެއް އަމާޒުވަމުން އެބަދެ އެވެ. 

އެމީހުންގެ ކަންބޮޑުވުމަކަށް ވަނީ ބަލީގެ އަސަރެއް ނެތް ރަށްރަށުގައި ވެސް މީހުން ގޭގައި ނަމާދުކުރަން ޖެހޭ ޖެހުމެވެ. އެ ރަށްރަށުގެ މިސްކިތް ބަންދުކުރަންވީ ކީއްވެތޯ ސުވާލު އުފައްދަމުން އެއީ ސަރުކާރުގެ "ލާދީނީ" ކަން ދެއްކުމަށް ވެސް ބަޔަކު މަސައްކަތް ކުރަމުން އެބަދެ އެވެ. 

ކޮންމެއަކަސް ސަރުކާރުން ފިޔަވަޅެއް އަޅައިފިއްޔާ އެއީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކެއްކަމަށް ވެސް ރައީސް ސޯލިހު ތަކުރާރު ކުރެއްވި އެވެ. އަދި ފިޔަވަޅުތަކަށް ލުޔެއްދޭން ނިންމި ނިންމުމަކީ ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ބޮޑު ތަނުން ދަށްވެފައިވުންކަން ވެސް ފާހަގަކުރެއްވި އެވެ. 

ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަކީ އެއްގޮތަކަށް ވެސް ފަސޭހަ ނިންމުންތަކެއް ނޫނެވެ. ޑޮކްޓަރުންގެ ލަފާގެ މަތިން ދީނީ އިލްމުވެރިނާއި ވެސް މަޝްވަރާކުރެވިގެން އެ ނިންމުން ނިންމާފައި ވަނީ އިތުރު ގޮތެއް ނެތިގެންނެވެ. ރަށަކަށް ބަލި ގޮސްފިނަމަ ކަންވަމުން އަންނަ ގޮތް ވަރަށް ރަނގަޅަށް، ށ. ނަރުދޫގެ ހާލަތުން ދިވެހިންނަށް އެނގެން އެބަ އޮތެވެ. 

މާދަމާ މި މާތްވެގެންވާ ރަމަޟާން މަހުގެ އެންމެ ފަހު ރޯދަ ހިފަން ތައްުޔާރުވަމުން އަންނައިރު ރޯދަ މަސް އެއްކޮށް ނިމިގެން މިދިޔައީ ގޭގައި ފަރުޟު ނަމާދުތަކާއި ތަރާވީހު ނަމާދުކޮށްގެންނެވެ. މިއަދުގެ ހުކުރު ނަމާދުން ފެށިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރަން ފުރުސަތު ލިބުމާއެކު އެންމެ އުފާވެރިކަމަކީ ފިތުރު އީދު ނަމާދުކުރުމުގެ މިސްކިތުގައި ކުރަން ފުރުސަތު ލިބުމެވެ. 

އެކަމަކު އެ ފުރުސަތު ލިބުނަސް ހަނދާނުގައި ބަހައްޓަން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އެއީ ގެއިން ވުޟޫކޮށްގެން މިސްކިތަށް ނަމާދަށް ދިއުމަށާއި މިސްކިތުގައި މާގިނައިރު މަޑުކުރުމުގެ އާދަ މިވަގުތަށް ދޫކޮށްލުމެވެ. މާތްﷲ ގެ ރަހުމަތާއެކު މިސްކިތުގައި ޖަމާއަތް ހަދާލަން ފުރުސަތު ލިބުން ކަމަށްޓަކައި ޝުކުރުވެރިވާ ހާލު އެވެ. 

"އެ ބޭފުޅުން އެބަ ލަފާދޭ ގެއިން ވުލޫކޮށްގެން އައުމާއި އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނައުމަށާއި ރޯގާ ޖެހި ކިނބިހި އަޅާ މީހެއްވެއްޖެއްޔާ މިސްކިތަށް ނައުމާއި މިސްކިތުގައި މާގިނަ ވަގުތު ހޭދަނުކުރުމާއި ކޮންމެ ބޭފުޅަކު ވެސް މިސްކިތަށް ވަޑައިގަންނަވާއިރު މުސައްލަ ހިފައިގެން މިސްކިތަށް ވަޑައިގެންނެވުމާއި، ދެން މިސްކިތުގައި ކާޕެޓް އަޅާފައި ނުބޭއްވުން، މިހާރު ވެސް ނަގާފައިވަނީ ބައެއް މިސްކިތްތަކުގައި، އެގޮތަށް ނަމާދުކުރުން ކުރިއަށް ގެންދަން. ދެން މިސްކިތަށް ވަޑައިގަންނަވާއިރު މާސްކް ވެސް އަޅުއްވައިގެން ވަޑައިގަތުމަށް ލަފާދެއްވާ،" އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. މޫސާ މުރާދު ވެސް ވަނީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރަން ފަށާއިރު ކަމާއި ބެހޭ ފަރާތްތަކުން ދީފައިވާ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރުމަށް އެދިވަޑައިގެންފަ އެވެ. އަދި ވިދާޅުވީ އެގޮތަށް ބޯނުލަނބާނަމަ ޖަމާއަތުގައި ނަމާދުކުރެވޭ ގޮތަށް ދިން ފުރުސަތު އަނބުރާ ނަގަން ވެސް ޖެހިދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް