ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އާއި މޯލްޑްވިސް ކަރެކްޝަނަލް ސާވިސް ގުޅިގެން މިއަދު ކުރިއަށްގެންދިޔަ އެ ހަރަކާތުގައި ގައިދީންގެ ތެރެއިން 15 މީހެއްގެ ސާޕަލް ނަގާފައިވާއިރު، ޑިޓެއިނީސްގެ ގޮތުގައި ތިބި ފަސް ބިދޭސީންނާއި ދިހަ އޮފިސަރުންނާއި މުވައްޒަފުންގެ ސާމްޕަލް ވެސް ނަގާފައިވާ ކަމަށް ކަރެކްޝަންސުން ބުނެ އެވެ.
ކަރެކްޝަންސުން ބުނި ގޮތުގައި އެ 30 ސާމްޕަލް ނެގުމުގައި ބަލާފައި ވަނީ ވަކި ޔުނިޓްތަކުގެ ތެރެއިން ހޮވާލެވޭ ގައިދީންނާއި ތަފާތު އެކި ދާއިރާތަކުގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުން ކަމަށެވެ.
މީގެ ކުރިން ވެސް ވަނީ މާފުށީ ޖަލާއި އައްސޭރި ޖަލުގެ އިތުރުން މާލެ ޖަލުގައި ވެސް ގައިދީންނާއި އޮފިސަރުންގެ ރެންޑަމްކޮށް ސާމްޕަލް ނަގާފަ އެވެ. އެކަމަމު އެ ހުރިހާ ސާމްޕަލެއް ވެސް ވަނީ ނެގެޓިވްވެފައި ކަމަށް ކަރެކްޝަންސުން ބުނެ އެވެ.
ކޮވިޑް-19 ޖަލުތަކުގައި އޮތް މިންވަރު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނައިރު އެ ބައްޔާއި ގުޅިގެން ޖަލުތަކުން ވަނީ ރައްކާތެރިވުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް ވެސް އަޅާފަ އެވެ.
އެގޮތުން އާއިލީ އަދި އެކަހެރި ބައްދަލުވުންތައް މެދުކަނޑާލިިއިރު ޖަލުތަކުގައި ތިބި ގައިދީންނަށާއި ބަންދުމީހުންނަށް، އާއިލާގެ ފަރާތުން އަންނައުނު ފޯރުކޮށްދިނުން ވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ. އެކަމަކު އާއިލާއާ އޮންނަ ގުޅުން ބަދަހިކުރުމުގެ ގޮތުން ވަނީ ފޯން ކޯލް ދެމުންދާ މިންވަރު އިތުރުކޮށްދީފަ އެވެ.
އެންއީއޯސީ އިން އަންނަނީ މާލޭގެ އިތުރުން އަތޮޅު ތެރޭގެ އެކި ސަރަހައްދުތަކުގައި ވެސް ރެންޑަމްކޮށް ސާމްޕަލް ނަގަމުންނެވެ. އެ ސާމްޕަލްތަކުގެ ތެރެއިން ބައެއް ސާމްޕަލްތައް ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވް ވެސް ވެފަ އެވެ.