ads
ޕާކިސްތާނުގެ ގައުމީ އެއާލައިންގެ ފްލައިޓެއް މީހުން އުޅޭ ސަރަހައްދަކަށް ވެއްޓިއްޖެ
ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިން (ޕީއައިއޭ) ގެ ފްލައިޓެއް މީހުން ދިރިއުޅެމުންދާ ސަރަހައްދަކަށް ވެއްޓިއްޖެ އެވެ.

ޕާކިސްތާނުގެ ލަހޯރް އިން ކަރާޗީ އަށް ދަތުރު ކުރަމުން ދިޔަ ޕީއައިއޭގެ ފްލައިޓް ވެއްޓިފައި ވަނީ ކަރާޗީ ޖިންނަ އިންޓަނޭޝަނަލް އެއާޕޯޓް ކައިރިއަށް ކަމަށް ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ. 

އެ ފްލައިޓް ދަތުރުކުރަމުން ދިޔައީ 99 ފަސިންޖަރުންނާއި އަދި އަށް ކްރޫ މެމްބަރުންނާއި އެކު ކަމަށް ޕީއައިއޭގެ ސްޕޯކްސްޕާސަން އަބްދުލް ސައްތާރް ވިދާޅުވެފައިވާ ކަމަށް ޑޯން މީޑިއާއިން ރިޕޯޓްކުރެ އެވެ. އަދި އެއާޕޯޓްގައި ފްލައިޓް ޖައްސަން އުޅުމުގެ ތެރޭގައި އެ ފްލައިޓް ވެއްޓިފައި ވަނީ މީހުން ދިރިއުޅެމުންދާ ސަރަހައްދަކަށް ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

ފްލައިޓު ވެއްޓިފައިވާ ސަރަހައްދުގައި ދިރިއުޅެމުންދާ ބައެއް މީހުންގެ ގެތަކުގައި ރޯވެފައިވާ މަންޒަރުތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އަދި ފޮޓޯ ތަކުން ފެނެ އެވެ. 

އެމަޖަންސީ ސާވިސްތަކާއި ރެސްކިއު އޮޕަރޭޝަން މިހާރު ފްލައިޓު ވެއްޓުނު ސައިޓުގައި ކުރެވެމުންދާ ކަމަށް މީޑިއާތަކުން ބުނެ އެވެ. އަދި އަލިފާން ނިއްވުމުގެ މަސައްކަތް ވެސް މިހާރު ކުރަމުންދާ ކަމަށް ބުނެ އެވެ. 

ޕާކިސްތާން އަސްކަރީ ހެލިކޮޕްޓަރުތައް މިހާރު މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރި ވަމުންދާ ކަމަށް ވެސް ވެ އެވެ. 

އޭގެ އިތުރުން، އެ ގައުމުގެ ހެލްތު މިނިސްޓްރީ އިން ވަނީ ކަރާޗީގެ ހުރިހާ ބޮޑެތި ހޮސްޕިޓަލު ތަކެއްގައި ކުއްލި ހާލަތު އިއުލާންކޮށްފައި ކަމަށް ވެސް ބޭރުގެ ރިޕޯޓުތައް ބުނެ އެވެ. 

އެ ހާދިސާގައި ބަޔަކު ސަލާމަތްވިކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް