ads
ސީޕީ ހަމީދު އާއީ ހޯމް މިިނިސްޓަރު އިމްރާން---
ފުލުހުން ކަރަންޓު ފިސްތޯލު ބޭނުންކުރުމާ މެދު ގޮތެއް ނިންމާނީ ސަރުކާރުން: ސީޕީ
ފުލުހުންގެ އޮޕަރޭޝަންތަކުގައި ޓޭޒާ ގަން ބޭނުން ކުރަން ފެށުމާއެކު ގިނަ ބަޔަކު ފާޑުކިޔުންތައް އަމާޒުކުރަމުން އަންނައިރު އެތަކެތި ބޭނުން ކުރުމާއި މެދު ގޮތެއް ނިންމާނީ ސަރުކާރުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީއަށް ދިން އިންޓަވިއުއެއްގައި ސީޕީ ވިދާޅުވީ ފުލުހުން ކަރަންޓް ފިސްތޯލަ ބޭނުންކުރަން ފެށަން އުޅޭކަމުގެ އަޑުތަކާއެކު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު އެގޮތަށް ކަންބޮޑުވުންތައް ހިއްސާކުރެވެން ޖެހޭ ކަމަށެވެ. އަދި ފުލުހުންގެ ތާރީހުގައި ކަން ހިނގާފައި އޮތް ގޮތުން އެގޮތަށް ކަންބޮޑުވުންތައް ހުންނާނެކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. 

"އަޅުގަނޑު ގަބޫލުކުރަން މިކަމާއި ގުޅިގެން ރައްޔިތުންގެ ތެރެއިން އެ އައި ކަންބޮޑުވުން އެއީ ފުދޭވަރަކަށް ވެލިޑް ކަންބޮޑުވުމެއް. އެއީ ރާއްޖެ ނޫނަސް ކޮންމެ ގައުމެއްގަ ވެސް ފުލުހުންނަށް އަބަދުވެސް މުގުރެއް ދިންކަމުގައި ވިޔަސް އަދި ވެސް އެހެން އެއްޗެއް ދިންކަމުގައި ވިޔަސް ސުވާލުކުރާނެ އޭތި ބޭނުންކުރަނީ ރަނގަޅަށްތޯ،"

ސިޕީ ވިދާޅުވީ ކަރަންޓް ފިސްތޯލަ ބޭނުންކުރުމަކީ ކުރާނެ ކަމެއްގެ ގޮތުގައި އަދި ނުނިންމާ ކަމަށާއި ޓްރަޔަލެއްގެ ގޮތުގައި ބޭނުންކުރަން ފެށީ ކަމަށެވެ. އަދި އެ ބޭނުންކުރާނެ ޕޮލިސީތަކާއި ޕްރޮސީޖާތައް ލިޔުން ކުރިއަށްދާ ކަމަށެވެ. 

"ކޮންމެ ގޮތެއް ވިޔަސް މިކަމާއި މެދު ގޮތެއް ނިންމާނީ ސަރުކާރުން އަދި ޕޮލިސް ސާވިސް ޒިންމާދާރު ޖަވާބުދާރީ ކުރުވާ ދެން ހުރި އެހެން މުވައްސަސާތަކުން. ވަކިން ހާއްސަކޮށް މިކަމުގައި އަޅުގަނޑުމެން އަމިއްލައަށް ވެސް ޕަބްލިކަށް ކޮންސަލްޓޭޝަން ހަދާނަން،"

އެތަކެތި ހިފައިގެން ފުލުހުން މަގުމަތީގައި އުޅޭ މަންޒަރު އަދި ނުފެންނާނެކަން ފާހަގަކުރައްވާ ސީޕީ ވިދާޅުވީ ކަރަންޓް ފިސްތޯލައިގެ ބަހުސް ކުރާއިރު ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ފުލުހުންގެ ހިދުމަތް ފެށިގެން އައިއިރު ބޭނުންކުރަމުންދިޔައީ ޕެޕާ ސްޕްރޭ އާއި މުގުރު ފަދަ ތަކެތި ކަމަށެވެ. އެކަމަކު މިއަދު މުޅި ގައުމުގެ ހާލަތު ބަދަލުވެފައިވާ ކަމަށާއި މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮންޖެހުންތަކެއް ވެސް އެބަހުރިކަން ފާހަގަކުރެއްވި އެވެ. 

ސީޕީ އިތުރަށް ވިދާޅުވީ އެފަދަ ހާލަތެެއްގައި ގައުމެއް އޮންނައިރު ކަށަވަރުކުރަން ޖެހޭ ކަމަކީ އެ ގާބިލުކަން ހުރިތޯ ކަމަށެވެ. 

ސީޕީ ވަނީ ކަރަންޓް ފިސްތޯލަ ބޭނުންކުރަން ކަމާއި ބެހޭ ފަރާތްތަކުން ހުއްދަދީފިނަމަ އެތަކެތި ބޭނުންކުރާނީ ހުރިހާ ފުލުހުން ނޫން ކަމަށާއި އެ ބޭނުންކުރާނީ ވަރަށް މަތީ މިންގަނޑުން ފާސްވެފައިވާ ފުލުހުން ކަމަށެވެ. 

"މި ދައްކަނީ ފުލުހުންގެ ތެރެއިން މަދު ބަޔަކު މި ކެރީކުރާ ވާހަކަ. މިއީކީ އެތަކެތި ބޭނުންކުރަން އެކި ފަރާތްތަކުން އެޕްރީވަލް ލިބިޖެއްނަމަ،" ސިޕީ ތަކުރާރުކޮށް ވިދާޅުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް