ads
ތިނަދޫ އިސްލާމިކް ސެންޓާ--- ސީއެންއެމް ފޮޓޯ: ސުޢައިދު މުހައްމަދު ރަޝީދު
މި އީދުގައި ސަލާމް ކުރުމެއް ނެތް، ގޭގެއަށް ގޮސް ކެއުމެއް ވެސް ނެތް!
އެހެން އަހަރުތަކުގެ ފިތުރު އީދު ފާހަގަކުރި ގޮތާއި މިއަހަރުގެ ފިތުރު އީދު އެތައް ގޮތަކުން ތަފާތެވެ. ރޯދަ މަހުގެ ފަހުކޮޅާ ދިމާކޮށް، ހާއްސަކޮށް އެންމެ ފަހު ރޭ މާލޭގެ ފިހާރަތަކަށް ބާރު ބޮޑުވެ އެވެ. އީދު ހެދުން ގަތުމަށް އެއް ފަހަރާއި ގިނަ ބަޔަކު ނިކުންނައިރު މަގުމަތި ވެސް ފެންނަނީ ނިކަން ހަލަބޮލި ކޮށެވެ. އަނެއް ބަޔަކު ރޯދަ މަހުގެ ތެރޭގައި އީދު ހެދުން ފަހައި އީދު ނަމާދަށް ދިއުމަށް ތިބެނީ ތައްޔާރަށެވެ.

ބޮޑު އީދެކޭ އެއްގޮތަށް ފިތުރު އީދު ވެސް ފޯރިގަދައީ އަތޮޅު ތެރޭގައޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. އަތޮޅު ތެރޭގައި ފިތުރު އީދު ވިލޭރޭ އީދު ނަމާދަށް ފަހު އެ އޮންނަ ބޮޑު ސަޔަށް ތައްޔާރުވުން ވެސް ވަރަށް ފޯރީގައި ކުރިއަށް ދެ އެވެ. އެގޮތުން ކުޅި ބޯކިބަލަކީ ކޮންމެ ގެއެއްގެ ސުފުރާ މަތިން ލިބޭނެ އެކައްޗެވެ. 

ބޮޑު ޖަމާއަތުގައި ނަމާދުކުރުމަށް ފަހު އެކަކު އަނެކަކާއި އަތް ޖޯޑުކޮށް ސަލާމް ކުރުމަކީ އާދަ އެކެވެ. އޭގައި ދިވެއްސެއް ބިދޭސީއެއްގެ ފަރަގެއް ނުގެންގުޅެ އެވެ. އެންމެން ވެސް ވަރަށް ގުޅެ އެވެ. އެއަށް ފަހު ގާތް ރަހުމަތްތެރިންނާއި އާއިލާ މީހުންގެ ގޭގެއަށް ދަނީ އެމީހުންނާއި ބައްދަލުކޮށްލުމަށެވެ. އޭގެ ތެރެއިން ކެއުމާއި ހަދިޔާ ބަދަލުކުރުން ވެސް ދާނެ އެވެ. މިއީ އެތައް އަހަރެއްވީ ދިވެހިންގެ އާދަ އެވެ. 

އެކަމަކު މިއަހަރު މިއާދަތައް ދޫކޮށްލަން ދިވެހިންނަށް މަޖުބޫރުވެއްޖެ އެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް އެއީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ. 

އޭގެ ދަށުން ހާއްސަކޮށް މި ދުވަސްވަރު އެކަކު އަނެކަކާއި ދިމާވިޔަސް އަތްޖޯޑުކޮށް ސަލާމަތް ކުރެވޭކަށް ނެތެވެ. އެގޮތަށް އެކަން ކުރުމަކީ ފަސޭހައިން ޖަރާސީމު ގައިން ގަޔަށް އަރައި ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާނެ ކަމެކެވެ. އަދި މިދުވަސްވަރަކީ ގޭގެެއަށް ނުދިއުމަށް ޑޮކްޓަރުން އިލްތިމާސްކުރާ ދުވަސްކޮޅަކަށްވެފައި އެހެން އީދުތަކާއި އެއްގޮތަށް ގޭގެއަތް ޒިޔާރާތް ކުރުމަކީ ބުއްދިވެރިކަމަކަށް ނުވާނެ އެވެ. އެހެންކަމުން، މިއަހަރުގެ އީދު އެހެން އަހަރުތަކާއި ވަރަށް ބޮޑަށް ތަފާތު އެބަވެ އެވެ.

މިއަހަރު ފިތުރު އީދު ނަމާދުކުރުމުގެ ފުރުސަތު މުޅި ރާއްޖެއަކަށް ނުވެސް ލިބެ އެވެ. ކޮވިޑް-19 އާ ގުޅިގެން މޮނިޓަރިން ނުވަތަ ލޮކްޑައުން ކުރުމުގެ އިތުރުން މީހަކު ކަރަންޓީނުގައި ހުރި އެއްވެސް ރަށެއްގައި ޖަމާއަތުގައި ނަމާދުކުރުމުގެ ފުރުސަތެއް ނުލިބެ އެވެ. އެގޮތަށް އޮތީ 25 ރަށެއް ކަމުން އެރަށްތައް ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ޖަމާއަތުގައި ނަމާދުކުރަން ލިބި، ފިތުރު އީދު ވެސް ކުރާނެ އެވެ. 

އެކަމަކު ހަނދާނުގައި ބަހައްޓަންވީ ގިނަ ކަންތައްތަކެއް އެބަ ހުއްޓެވެ. އެއީ ރޯގާގެ އެއްވެސް އަލާމާތެއް ހުރިއްޔާ މިސްކިތަށް ނުދިއުމަށާއި ނަމާދަށް ދާއިރު ގެއިން މުސައްލައެއް ހިފައިގެން ދިއުމެވެ. އަދި ގެއިން ވުޟޫކޮށްގެން ދިއުމަށާއި މިސްކިތުގައި މާގިނައިރު މަޑުނުކުރުމުގެ އިތުރުން މާސްކް އަޅައިގެން މިސްކިތަށް ދިއުމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ ރައްޔިތުންނަށް ނަސޭހަތްތެރިވެފަ އެވެ.

ނޫންނަމަ މިސްކިތްތަކަށް އަރަން ދިން ލުއި އަނބުރާ ގެންދަން ޖެހިދާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވަކިން ހާއްސަކޮށް މިއަދަކީ ފިތުރު އީދަށް ވެފައި މިއީ މުސްލިމުން އުފާފާޅުކުރަން ލިބޭ ދުވަހަކަށްވި ނަމަވެސް ކޮވިޑް-19 އިތުރަށް ފެތުރިގެން ނުދާނެ ގޮތަކަށް ވަކި މިންތަކެއްގައި ހިފަހައްޓަން އެބަ ޖެހެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް