ads
މަޖިލިސް ހުޅުވި ޖަލްސާގެ ތެރެއިން-- ފޮޓޯ: މަޖިލިސް
19 ވަނަ މަޖިލީހަށް އެއް އަހަރު: ފާސްވި ބާ؟
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައި އޮތީ ވެރިކަން ކުރަމުން އަންނަ މައި ޕާޓީ، އެމްޑީޕީއަށެވެ. މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން 65 ގޮނޑި ކާމިޔާބުކޮށް، ރާއްޖޭގެ ތާރީހުގައި އެ ޕާޓީގެ ނަން ލިޔެވިފައި ވަނީ މިއީ ސިޔާސީ ޕާޓީ އަކަށް ރައްޔިތުންގެ މަޖިލިހުން މިހާ ގިނަ އަދަދެއްގެ ގޮނޑި ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރު ކަމުންނެވެ. ކޮންމެއަކަސް، ވެރިކަން ކުރަމުން އަންނަ މައި ޕާޓީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމުން ކުރެވުން އުއްމީދުތައް ބޮޑެވެ. މީގެ ކުރީ އަހަރުތަކުގައި މަޖިލީހުގެ ތެރެއިން ސަރުކާރު ހިންގުމަށް އެކަށީގެންވާ އެއްބާރުލުމެއް ނުލިބުނަސް، މިފަހަރު އުއްމީދުތައް އާވި އެވެ. މިއަދު އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހަށް އަހަރެއްވެގެންދާއިރު އެ އުއްމީދުތަކުގައި ހަގީގީ ކުލަ ޖެހުނު މިންވަރަށް ބަލާލުން މުހިއްމެވެ.

ރައްޔިތުންގެ އުއްމީދުތަކާއި ގުޅިފައިވާ 19 ވަނަ މަޖިލީހުގެ ރައީސްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އަދި ނައިބް ރައީސްގެ ގޮތުގައި އީވާ އަބްދުﷲ އިންތިހާބު ކުރައްވާ، މަޖިލީހުގެ ޖަލްސާތައް ފަށާފައި ވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 28 ވަނަ ދުވަހެވެ.

your imageނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުން-- ފޮޓޯ: މަޖިލިސް

އާ މަޖިލީހުގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ފެށިގެން އައިއިރު އެންމެ ފުރަތަމަ ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ގާނޫނުގައިވާ ގޮތުގެމަތިން، ޖުޑީޝަލް ސާވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މެންބަރަކު ކަނޑައެޅުމުގެ މައްސަލަކުރިއަށް ގެންގޮސްފަ އެވެެ. އެގޮތުން 81 މެމްބަރުންގެ ވޯޓާއެކު ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންގެ ނަން ވަނީ މަޖިލީހުން ފާސްކޮށްފަ އެވެ.

މަޖިލީހުގެ ޖަލްސާތައް ފެށުމާއެކު އިދިކޮޅު މެމްބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ މަޖިލިހުގެ ރިޔާސަތުގައި އިންނަވައިގެން މަޖިލިހުގެ ރައީސް ނަޝީދު ބަހުސްގައި ބައިވެރިވެވަޑައިގަތުމެވެ. އެގޮތުން މަޖިލީހުގައި ކުރިއަށްދާ ބަހުސް އާއި އަދިވެސް އެހެން ކަންކަމުގައި ފެނިވަޑައިގަންނަވާ ހިޔާލުތައް ނަޝީދު އަންނަނީ ދެއްވަމުންނެވެ. އެކަމަކު މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ރިޔާސަތުގައި އިންނަވާ ބޭފުޅަކަށް ބަހުސްގައި ބައިވެރިވެ ވަޑައެއް ނުގެންނެވޭނެ އެވެ. އެހެންވެ އެކަމުގެ ކަންބޮޑުވުން މިދިޔަ އަހަރެއްހާ ދުވަހު، ވަރަށް ގަދަޔަށް ދެކެވުނެވެ.

ކޮންމެއަކަސް ފެށުން ތަފާތެވެ. ރިޔާސަތުން ފޯރީގައި ޖަލްސާތައް ފަށައިގެން އައި ގޮތުން ހުސް ވަގުތުކޮޅެއް ނުލިބޭތީ މެމްބަރުންގެ ކަންބޮޑުވުންތައް ވެސް އިވެން ފެށި އެވެ. އެކަމަކު ނަޝީދު މަޖިލީސް ކޮންޓްރޯލް ކުރަން ފެއްޓެވި ގޮތް ރައްޔިތުންނަށް ވަރަށް ބޮޑަށް ކަމުދިޔަ އެވެ. 

މިދިޔަ އެއް އަހަރު މަޖިލީހުގައި ހިނގި ބޮޑެތި ކަންކަމަށް ބަލާލާއިރު މުހިއްމު ގިނަ ނިންމުންތަކެއް ނިންމާފައިވެ އެވެ. އެގޮތުން އެންމެ ފުރަތަމަ ފެނިގެންދިޔައީ ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅައި ފާސްކޮށް ނުދިން ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމާއި ބެހޭ ބިލު މަޖިލީހުން ފާސްކުރި މަންޒަރެވެ. އަދި ރާއްޖޭގައި މަސައްކަތް ކުރާ ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް ބާ ކައުންސިލްގެ ނަމުގައި މުއައްސަސާއެއް ވެސް މަޖިލީހުން ވަނީ އުފައްދަވާފަ އެވެ.

މަގާމުތަކުން މީހުން ވަކިކުރުން:

ރައްޔިތުންގެ މަޖިލީހުގެ ތާރީހުގައި ވެސް ފަނޑިޔާރަކު މަގާމުން ވަކިކޮށްފައި ވަނީ މިހިނގަމުންދާ މަޖިލީހުގަ އެވެ. އަންހެނަކާ ދިމާލަށް ބޭއަދަބީ ބަސްތަކުން މުޚާތަބުކޮށް ގަޒްފުކުރި މައްސަލައެއް ސާބިތުވެ ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުން ވޯޓެއް ނަގައިގެން ފަނޑިޔާރަކު މަގާމުން ބޭރުކުރި ފުރަތަމަ ފަހަރެވެ. 

ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ޖޭއެސްސީއަށް އޮންނައިރު އެތަނުން އަންނަނީ ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލަތަކެއް ވެސް ބަލަމުންނެވެ. މަޖިލީހުން ވޯޓު ދީގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ވެސް ނަވާރަ ވަނަ މަޖިލީހުން ވަނީ މަގާމުން ވަކި ކުރައްވާފަ އެވެ. އަދި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވެސް ފަނޑިޔާރުކަމުން ވަކިކޮށްފައި ވަނީ  މަޖިލީހުގެ ތެރެއިންނެވެ. 

ފަނޑިޔާރު އަބްދުﷲ މަގާމުން ވަކި ކުރެއްވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، ޖުޑިޝަލް ސާވިސް ކޮމިޝަނަށް ހުށަހެޅި މައްސަލައެއް ސާބިތުވުމާއި ގުޅިގެންނެވެ. 

ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުކޮށް ސުވާލު ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް ފާތިމަތު ޒައިނާ، އެ ކޮމިޝަންގެ މެމްބަރު ކަމުން ވަކިކުރަން މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކުރި އެވެ. އަދި ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބް ވެސް މަގާމުން ވަކިކުރަން ނިންމައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލިހުގެ ތަޅުމަށް ހުށަހެޅި އެވެ.

އެކަމަކު، އެ މައްސަލަ މަޖިލިހުގެ ތަޅުމުގައި އެޖެންޑާ ކުރުމާ އެކު، ޝަހީބު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ނިންމުމާއެކު ޖެންޑާ މިނިސްޓަރު ކަމުން ޝިދާތާ ޝަރީފް ވެސް ވަކިކުރައްވާފައިވެ އެވެ. އޭނާ މަގާމުން ވަކި ކުރެއްވީ މަގާމުގެ މަސްއޫލިއްޔަތު އެންމެ އެކަށީގެންވާ ގޮތެއްގައި އަދާ ނުކުރައްވާ ކަމަށް ބުނެ އެވެ.

އަދި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސާއި ނައިބު ރައީސްގެ އިތުރުން މަގާމުން ވަކިކުރަން މެމްބަރު އިބްރާހިމް ޝަހީގާއި ޒަކަރިއްޔާ ހުސައިން ވެސް މަޖިލީހުގެ ތެރެއިން މަގާމުން ވަކިކުރެއްވި އެވެ.

ގާނޫނަށް ގެނައި އިސްލާހާއި ހުށަހެޅި ބައެއް މުހިއްމު ބިލުތައް:

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ (އެމްއައިޔޫ) ގެ ގާނޫނަށް ވަނީ އިސްލާހުތަކެއް ވެސް ހުށަހަޅާފަ އެވެ. އެ ހުށަހެޅި އިސްލާހުތަކަށް މަޖިލީހުގައި ވާހަކަ ދައްކަވަމުން، ދެ ޔުނިވާސިޓީ އެއްކޮށްލައިގެން ހިންގުމަށް ތާއީދުކޮށް މެމްބަރުން ވާހަކަ ދައްކަވާފައިވެ އެވެ.

އެކަމާއި ގުޅިގެން އާންމުންގެ ކަންބޮޑުވުންތައް އިތުރުވެފައިވަނިކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓެއްގައި ވަނީ މި ސަރުކާރުގެ ސިޔާސަތަކީ އިސްލާމިކް ޔުނިވަސިޓީ ހިންގުން ކަމަށް ވިދާޅުވެފަ އެވެ. އަދި ތައުލީމަށް ހުޅުވިފައިވާ އެއްވެސް ފުރުސަތެއް ބަންދު ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފާއިތުވި އެއް އަހަރުގެ ތެރޭގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 5000ރ. އާއި 7000ރ. އާ ދެމެދުގެ އިނާޔަތެއް ދިނުމުގެ ބިލެއް ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި އެވެ. އެކަމަކު އެ ބިލް ވަނީ މަޖިލީހުން ބޭރުކޮށްލާފަ އެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް މިހާރު ދެމުން އަންނަ 5،000ރ. ގެ ބަދަލުގައި 10،000ރ. ގެ އިނާޔަތެއް ދިނުމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހު ވެސް މަޖިލިހުން ބަލައިނުގަނެ ވަނީ ބޭރުކޮށްލާފަ އެވެ. 

އެކަމަކު ތިމާވެށީގެ މުހިއްމު ނިންމުމެއް ނިންމާފައިވެ އެވެ. އެއީ އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކްގެ ބާވަތްތައް 2025 އިން ފެށިގެން ބޭނުންކުރުން މަނާ ކުރުމަށް މަޖިލިހުގެ ގިނަ މެމްބަރުންގެ އިއްތިފާގުން ގަރާރެއް ފާސްކޮށްފައިވުމެވެ. މިއީ މަޖިލީހުން ދަރިވަރުންތަކެއް ހުށަހެޅި ހުށަހެޅުމަކާއި ގުޅިގެން ގަރާރެއް ފާސްކުރި ފުރަތަމަ ފަހަރު ވެސް މެއެވެ. 

އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭންގެ ތެރޭގައި ވެފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނޭ، މަސް ފެކްޓަރީތައް ގާއިމްކުރަން ގޮވާލުމުގެ އިތުރުން ދިވެހިން މަސްވެރިކަން ކުރާ ސަރަހައްދުތައް ފާހަގަކޮށް އޮފްޝޯ ޕްލެޓްފޯމްތައް ހެދުމާއި އިންޑިއާ ކަނޑުގައި ބޮޑު ދާ ޖަހައިގެން މަސްވެރިކަން ކުރުން މަނާކުރުމާ ބެހޭ ގަރާރުގެ އިތުރުން ބޭރުގެ މަސް ބޯޓުފަހަރު ދިވެހި މަސް ކަނޑުތަކުގައި މަސްވެރިކަން ކުރުން ހުއްޓުވުމާއި ބޭރު ބޯޓުފަހަރު އައިސް ދިވެހި މަސްވެރިންގެ އަތުން މަސް ގަތުމުގެ ހުއްދަ ދިނުމާ ގުޅޭ ގަރާރު ވެސް ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ. 

އޭގެ އިތުރުން މިދިޔަ އަހަރު ވަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރު ކުރުމަށް ވެސް މަޖިލީހުން ފާސްކޮށްފައިވެ އެވެ. އެގޮތުން  އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތަށް ސްޕްރީމް ކޯޓުގެ ބެންޗުގައި ހަތް ފަނޑިޔާރުން ތިއްބަވަން ޖެހޭނެ ކަމަށް ހަމަޖައްސައި ގެނައި އިސްލާހު ތަސްދީގު ކުރެއްވުމާ އެކު، އިތުރު ދެ ފަނޑިޔާރުން އެ ކޯޓަށް އައްޔަން ކުރި އެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން ވަނީ އައްޔަން ކުރައްވާފަ އެވެ. އަދި ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރު ވަނީ އައްޔަން ކުރައްވާފަ އެވެ.

އަދި މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ނަޒީރާއި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދުގެ މަގާމު ގެއްލޭ ގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް ވެސް އިސްލާހު ގެނެސްފައިވެ އެވެ. އަދި ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދުގެ މަގާމު ގެއްލޭ ގޮތަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނު ވެސް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

ޕެންޝަނާ ބެހޭ ގާނޫނަށް ވެސް މުހިއްމު އިސްލާހެއް ގެނެސްފައިވެ އެވެ. ފަރުޟު ހައްޖުވުމަށް ޕެންޝަން ފަންޑުން ފައިސާ ނެގޭ މިންވަރު 80 ޕަސަންޓަށް ބޮޑު ކުރަން މިދިޔަ އަހަރު ނިންމި އެވެ. އެގޮތަށް މިހާރު އަންނަނީ އަމަލުކުރަމުންނެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ވެސް މަޖިލީހުން މަސައްކަތްތަކެއް ކޮށްފައިވެ އެވެ. އެގޮތުން ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު 15 އަހަރަށް މަތިކޮށް އަދި ކުޑަކުދިން ކައިވެނިކުރުން ވަނީ މަނާކޮށްފަ އެވެ. އަދި ކުޑަކުދިން ބަލިތަކުން ސަލާމަތް ކުރުމުގެ ބޭނުމުގައި ވެކްސިން ދިނުން މަޖުބޫރުކޮށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ އާ ބިލެއް ވެސް ފާސްކޮށްފައިވެ އެވެ. 

މިދިޔަ އަހަރަށް ކަނޑައެޅި ދައުލަތުގެ ބަޖެޓަށް 1.7 ބިލިއަން ރުފިޔާ އިތުރު ކުރުމަށް ސަރުކާރުން ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓް ވެސް މަޖިލީހުން ފާސްކޮށްފައިވެ އެވެ. އެ ބަޖެޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތައް ފުއްދަން އެހީތެރިވެދޭނެ ބަޖެޓެއްކަން ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ފާހަގަކުރައްވަ އެވެ. 

ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ވެސް ފާސްކޮށްފައިވެ އެވެ. އެ ބިލްގައި ހިމަނާފައިވާ ކަންކަމަށް ބަލާލާއިރު ބޮޑެތި ކުށްތަކުގައި ކޯޓު އަމުރަކާ ނުލައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމާއި ބަލައި ފާސް ކުރުމުގެ ބާރު ވަނީ ފުލުހުންނަށް ދީފަ އެވެ. އަދި ބިލްގައި ޓެރަރިޒަމްގެ އަމަލުތަކާއި އެފަދަ ކުށްތައް ކުރާ މީހުންނަށް ބޮޑެތި ޖަލު ހުކުމްތަކެއް ދެވޭ ގޮތަށް ކަނޑައަޅާފައިވެ އެވެ. 

އޭގެ އިތުރުން އަނެއް މުހިއްމު ނިންމުމަކީ ހިޔާނާތާއި ކޮރަޕްޝަން ފަޅާއަރުވާލާ މީހުންނަށް ހިމާޔަތް ލިބޭ ގޮތަށް ހެދި ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ބިލު ވެސް މަޖިލީހުން ފާސްކުރުމެވެ. ކޮރަޕްޝަން ފަޅާ އަރުވާލާ މީހުންނަށް ހިމާޔަތް ދިނުމާ ބެހޭ ގާނޫނީ އޮނިގަނޑެއް ރާއްޖޭގައި ނެތުމުން އެފަދަ ގާނޫނެއް ވުޖޫދަށް ގެނައުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިިޔާސީ ވައުދެކެވެ.

އޭގެ އިތުރުން އަނެއް މުހިއްމުކަމަކީ ކައުންސިލްތަކުން 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ހާއްސަކޮށް، ލާމަރުކަޒީ ބިލް ފާސްކުރުމެވެ. ރަށުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ވަސީލަތްތަކުން ލިބޭ އާމްދަނީ ކައުންސިލްތަކަށް ލިބުމާއި، މުނިސިޕަލް ހިދުމަތްތަކުން ލިބޭ އާމްދަނީ ކައުންސިލްތަކަށް ދިނުން ވެސް އިސްލާހަށް ގެނެސްފައިވެ އެވެ. 

އަދި ދަނޑުވެރިކަމާއި ބެހޭ ބިލަށް ވެސް މުހިއްމު ބަދަލެއް ގެނައެވެ. އެއީ ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލް ކުރުމާ ބެހޭ ބިލެވެ. އެ ބިލަކީ ޕެސްޓިސައިޑުގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކުން ރައްކާތެރި ކުރުމުގެ ގޮތުން އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ކަނޑައަޅައި ތަންފީޒު ކުރުމާއި، ޕެސްޓިސައިޑް ތަހްލީލު ކުރުމަށް ރަސްމީ ލެބޯޓަރީތައް ގާއިމު ކުރަން ޖެހޭ ކަމަށް ބަޔާންކުރާ ބިލެކެވެ. 

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަރުދުންގެ އަތުން އިންކަމް ޓެކްސް ވެސް ނަގަން ފަށާފައިވާއިރު 60،000 ރުފިޔާއިން މަތީގެ އާމްދަނީ ލިބޭ މީހުންގެ އަތުން މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީ ނޫން އެހެން ހުރިހާ އާމްދަނީ އަކުން އިންކަމް ޓެކްސް ނަގާނެ އެވެ.

މިނިމަމް ވޭޖް

އޭގެ އިތުރުން މި ދުވަސްވަރު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން މީހުން ހާލުގައި ޖެހި އާމްދަނީ ލިބޭނެ ގޮތެއް ނެތިފައިވާ ދަނޑިވަޅުގައި ކުލި ނުދެއްކިގެން މީހުުން މަގުމަތިިވިޔަ ނުދިނުމަށް ސަރުކާރާއި ކައުންސިލްތަކުން ފިޔަވަޅު އެޅުމަށް ހުށަހަޅާފައިވާ އިޖުތިމާއީ ކޮމެޓީގެ ރިޕޯޓް ވެސް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. 

އަދި ކޮވިޑް-19 ފެތުރޭތީ އުފެދިފައިވާ ހާލަތާ ގުޅިގެން ދައުލަތުން ކުރާ ހަރަދުތަކާއި ދަރަންޏާއި އެހީގެ ގޮތުގައި ލިބޭ ފައިސާ ހަރަދުކުރާ ގޮތް އަހަރުގެ ކޮންމެ ކުއާޓަރެއްގައި ވަކިވަކިން ފައިނޭންޝަލް އޮޑިޓެއް ކުރަން ވެސް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހަޅުއްވާފައިވެ އެވެ.

އަދި މިދަނޑިވަޅުގައި ދައުލަތަށް ލިބޭ އާމްދަނީ ދަށްވެފައިވާތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ހިމެނިވަޑައިގަަންނަވާ ގޮތުން ވަނީ ބޮޑެތި މުސާރަ ލިބިވަޑައިގަަންނަވާ މަގާމުތަކުގެ މުސާރަ ތިން މަސް ދުވަހަށް ކުޑަކުރަން މަޖިލީހުން ފާސްކޮށްފަ އެވެ.

އެ ބައްޔާއި ގުޅިގެން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު އެކަމާއި ގުޅިގެން ލޯކަލް ކައުންސިލުތަކުގެ އިންތިހާބު ފަސްކުރުމަށާއި އިންތިހާބާ ގުޅޭ އެ ނޫން ވެސް ހާއްސަ އުސޫލުތައް ކަނޑައަޅަން މަޖިލީހަށް ބިލެއް ފޮނުވާފައިވެ އެވެ. ސަންސެޓް ގާނޫނުތަކަކީ ހާއްސަ ހާލަތްތަކެއްގައި އަމަލުކުރަން ޖެހޭ ވަގުތީ ގާނޫނުތަކެކެވެ. އަދި އޭގައިވާނީ އިންތިހާބު ފަސްކުރިޔަސް އެ އިންތިހާބުގައި ވާދަކުރާނީ މިހާރު ވެސް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ކަމަށެވެ. 

މަޖިލީހުގެ ކޮމިޓީތައް: 

މަޖިލީހުގެ ގަވައިދަށް ގެނައި ބަދަލާއެކު ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީއާއެކު 17 ކޮމިޓީއެއް ވަނީ ހަދާފަ އެވެ. އެ ބަދަލު ގެނައުމުގެ ކުރިން އޮތީ 241 ކޮމިޓީ ހިމަނައިގެން ދާއިމީ 13 ކޮމިޓީއެކެވެ. 

މަޖިލީހުން އަލަށް އުފެއްދި ފަސް ކޮމިޓީ: 

  • ޖުޑިޝަރީ ކޮމިޓީގެ 
  • ލާމަރުކަޒީ ކޮމިޓީ
  • އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ
  • ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ
  • ފޮރިން ރިލޭޝަންސް ކޮމިޓީ

މަޖިލިހުގައި ކޮމިޓީތައް ބެހިފައިވާ ގޮތް:

  • އެމްޑީޕީގައި 65 މެމްބަރުން - 132 ސްލޮޓް
  • ޖުމްހޫރީ ޕާޓީގައި 5 މެމްބަރުން - 10 ސްލޮޓް
  • ޕީޕީއެމްގައި 5 މެމްބަރުން - 10 ސްލޮޓް
  • ޕީއެންސީގައި ތިން މެމްބަރުން - ހަ ސްލޮޓް
  • އެމްޑީއޭގައި ދެ މެމްބަރުން - ހަތަރު ސްލޮޓް
  • އަމިއްލަ ހަތް މެމްބަރުން - 14 ސްލޮޓް

your imageޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން-- ފޮޓޯ: މަޖިލިސް

 ކޮމިޓީތަކަށް ހުށަހެޅުން ބޮޑެތި މައްސަލަތައް:

އަފްރާޝީމްގެ މަރު: 

ދީނީ އިލްމުވެރިޔާ އަދި މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާ ގުޅިގެން ފުލުހުންގެ އިހުމާލެއް އޮޮތްތޯ އާއި އެ ޖަރީމާއާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހޯދަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމާފައިވެ އެވެ.  

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވި، ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮޮމިޝަނުން ތައްޔާރުކުރި ރިޕޯޓް ރައީސް އޮފީހުން އާންމުކުރިއިރު އެރިޕޯޓުގެ ހުލާސާއެއް ވަނީ މަޖިލީހުގައި ވެސް އިއްވާފަ އެވެ. 

ސީޕްލޭން ޓާމިނަލް: 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްމެނީ (އެމްއޭސީއެލް) އިން 55 މިލިއަން ޑޮލަރު ހޭދަކޮށްގެން ހެދި ސީޕްލޭން ޓާމިނަލް ކުއްޔަށް ދޫކުރުމާ ގުޅޭ ގޮތުން ގިނަ މައްސަލަތަކެއް އަހަރުގެ ކުރީކޮޅު އުފެދުނެވެ. އެކަމާއި ގުޅިގެން ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އާއި އެމްއޭސީއެލްގެ ވެރިން ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ. އަދި ވަނީ ދެ ފަރާތާއި ސުވާލުކޮށް ކަންކަން އޮޅުން ފިލުވާފަ އެވެ.

ދީބާޖާ މައްސަލަ: 

ކޯޓުން ބޭރުން ދިބާޖާ އިންވެސްޓްމަންޓަށް 174 މިލިއަން ރުފިޔާ ދޭން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވުމާއެކު އެ މައްސަލައިގައި ސްޕްރީމް ކޯޓުގައި އިތުރު މުރާޖާ ކުރުމަށް ބަންޑާރަ ނައިބް އިބްރާހީމް ރިފްއަތަށް ދެންނެވުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވެ އެވެ. 

އެ ކޮމިޓީގައި ބަންޑާރަ ނައިބް ވަނީ ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި ދައުލަތުން 348 މިލިއަން ރުފިޔާ ދައްކަން ޖެހޭކަމަށްވާ ކަމަށާއި އެ އަދަދުގެ ދެބައިކުޅަ އެއްބައި ކުޑަ ވުމަކީ ދައުލަތަށް މާލީ ބުރަ ވަރަށް ކުޑަވާނެ ކަމެއް ކަމަށެވެ.

ނޫމަޑިއަށް ބަދަލު ދިނުން: 

ހައުސިން ޔުނިޓްތަކެއް އަޅަން ނޫމަޑިއާއެކު ސަރުކާރުންވި އެއްބަސްވުން އުވާލުމުން އެ ކުންފުންޏަށް ބޮޑު ބަދަލެއް ދޭން ޖެހުނު މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރި އެވެ. 

މާފުށީ ޖަލުގެ ހަމަނުޖެހުން:

މާފުށީ ޖަލުގައި ހިނގާދިޔަ ހަމަނުޖެހުން، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ބެލި އެވެ. ޖަލުގެ ހަމަނުޖެހުމަށް ބަލާއިރު ޖަލު ބަލަހައްޓާ އޮފިސަރުން، ދެ ގޮޅިއަކުން ގައިދީން ނެރެ އެމީހުންގެ ފުރަގަހަށް ބިޑި އަޅުވައި ބޯ ބާލުވައި ގައިގައި ތަޅައި އަނިޔާކުރި ކަމަށް އަޑުއަރަ އެވެ. އެކަމަކު ކަރެކްޝަންސުން އެ ތުހުމަތުތައް ދޮގު ކުރެ އެވެ. 

ބޮޑެތި ކުށްތަކުގައި ހިމެނޭ ދެ ބިދޭސީން ޑީޕޯޓްކޮށްލުން:

ބޮޑެތި ކުށްތަކުގައި ހިމެނޭ ބިދޭސީން އަތުލައިގަނެ މައްސަލަ ތަހުގީގު ނުކޮށް ޑިޕޯޓްކުރުމުން މޯލްޑިވްސް އިމިގްރޭޝަންގެ ވެރިން ރައްޔިތުންގެ މަޖިލިހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރަން ވެސް ފާސްކުރެވުނެވެ. 

އެ ދެ ބިދޭސީންނަކީ ގަވައިދާ ހިލާފަށް މީހުން ރެކްރޫޓް ކުރުމާއި ހުއްދަ ނެތި ރާއްޖޭގައި ވިޔަފާރި ކުރުމުގައި އުޅުނު ބަޔެކެވެ. އެމީހުން ރާއްޖޭގައި އުޅުނީ ކުރާ މަސައްކަތް ވެސް އޮޅުވާލައިގެންނެވެ. 

މަޖިލީހަށް ވަޒީރުން ހާޒިރުކުރުން:

މިނިސްޓްރީތަކުން ކުރަމުން އަންނަ މަސައްކަތްތައް ލަސްވުމާއި މިނިސްޓްރީތަކުގެ ދަށުން ހިންގަމުން އަންނަ ޕްރޮޖެކްޓްތައް ނުފެށި ލަސްވުން ނުވަތަ ހުއްޓިފައި އޮތުމާއި އަދިވެސް ތަފާތު އެކި ކަންކަމާއި ގުޅިގެން މަޖިލީހަށް ވަޒީރުން އަންނަނީ ހާޒިރު ކުރައްވަމުންނެވެ. 

އެގޮތުން ކުރިން ޖެންޑާ މިނިސްޓަރުކަން ކުރެއްވި ޝިދާތާ ޝަރީފް އާއި ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމުގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ސުވާލުކުރުމަށް މަޖިލީހަށް ހާޒިރު ކުރައްވާފައިވެ އެވެ. އެގޮތުން މެމްބަރުން ތަމްސީލު ކުރައްވާ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގުޅިގެން ސުވާލުކުރެވިފައިވެ އެވެ. 

ބައެއް ފަހަރު މިނިސްޓަރުންނަށް އެންމެ އެކަށީގެންވާ ޖަވާބުތައް ދެވިފައި ނުވި ނަމަވެސް އަނެއް މެމްބަރުން ޖަލްސާއިން ނިކުމެ ވަޑައިގަންނަވަނީ ދެއްވާ ފުރިހަމަ ޖަވާބާއެކު "އޭ" ރިޕޯޓް ހާސިލު ކުރައްވައިގެންނެވެ. 

ނަވާރަ ވަނަ މަޖިލީހާއި ހިލާފަށް މީގެ ކުރިން ވަޒީރުން ހާޒިރުކޮށް އެގޮތަށް ސުވާލުކުރުމުގެ ފުރުސަތު އޮންނަނީ ވަރަށް ހަނިކޮށެވެ. 

އިދިކޮޅު މެމްބަރުންގެ އަޑު މަޑު: 

މަޖިލީހުގެ މެޖޯރިޓީ އޮތީ ވެރިކަން ކުރަމުން އަންނަ މައި ޕާޓީގަ އެވެ. އިދިކޮޅު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ތިން މެމްބަރުން އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ހަ މެމްބަރުން 19 ވަނަ މަޖިލީހުގައި ހިމެނިވަޑައިގަންނަވަ އެވެ. އެކަމަކު އެ މެމްބަރުންގެ އަޑު އެންމެ އެކަށީގެންވާ ގޮތެއްގައި މަޖިލީހަކުން ނީވެ އެވެ.

އިދިކޮޅުން ހުށަހެޅި ގިނަ ބިލްތައް ވަނީ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލާފަ އެވެ. 

ޕެންޝަން ފަނޑުގައި ހުރި ފައިސާ ދޫކުރުމަށް އެދި މަޖިލީހަށް ހުށަހެޅި ބިލް ދެ ފަހަރު ބޭރުކޮށްލުމުން އިތުރު ހަ ބިލެއް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހުށަހެޅުއްވި އެވެ. އެއީ "ކޮވިޑް 19 ގެ އެހީތެރިކަމުގެ ބިލް"ގެ ނަމުގައި މަޖިލީހަށް ހުށަހަޅާ ދެ ފަހަރުވެސް ބަލައިގަނެފައިނުވާ ބިލުގައިވަނީ ރިސޯޓްތަކުން ދައުލަތަށް ދައްކަން ޖެހޭ ކުއްޔާއި ދައުލަތުން ކުއްޔަށް ދީފައިވާ ބިން ބިމާއި ފްލެޓް ފަދަ ތަންތަނުގެ ކުލި ދެއްކުން ލަަސްކުރުމަށެވެ.  

އަދި އެ ބިލުގައި ވަނީ ޕެންޝަން ފަނޑުގައި ހުރި ފައިސާ ދޫކުރުމަށް ހުށަހަޅާފައެވެ. އެގޮތުން ޕެންޝަން ފަންޑުގައިވާ ފައިސާގެ ތިން ބައިކުޅަ އެއްބައި ތިން ފަހަރެއްގެ މަތިން ދޫކުރުމަށް ހުށަހަޅާފައިވެއެވެ. 

އެ ބިލު މަޖިލީހަށް ބަލައިގަނެފައިނުވަނީ އެ ބިލުގައި ދައުލަތުގެ މާލިއްޔަތާއި ގުޅުންހުރި ކަންކަން ހިމެނޭތީއެވެ. މަޖިލީހުގެ ގަވައިދު ބުނާގޮތުން އެފަދަ ބިލްތަކަކީ ސަރުކާރުގެ ފަރާތުން ހުށަހެޅޭނެ ބިލްތަކެކެވެ. 

ބިލުތައް މަޖިލީހުން ބޭރުކުރާތީ މެމްބަރުން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.

ޖުމްލަ ގޮތެއްގައި ބަލާއިރު އެހެން އަހަރުތަކާއި ހިލާފަށް 19 ވަނަ މަޖިލީހުން ވަނީ ގިނަ ޖަލްސާތަކެއް ބާއްވައި ގިނަ އިސްލާހުތަކެއް ވެސް ގާނޫނަށް ގެނެސްފަ އެވެ. އެކަމަކު ގެނެސްފައިވާ ބައެއް އިސްލާހުތަކަށް އިދިކޮޅުން ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް