ads
އެއާޕޯޓުގެ މުވައްޒަފުން-- ފޮޓޯ: އެމްއޭސީއެލް
ބޯޑަރު ހުޅުވާލާ އުދުހުންތަކަށް އެއާޕޯޓް އޮތީ ތައްޔާރަށް: އެމްްއޭސީއެލް
ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި، ނިއު ނޯމަލްގައި ދަތުރުތައް ފަށަން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އޮތީ ތައްޔާރަށް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެއިން ކޮވިޑް-19 އަށް މީހަކު ޕޮޮޒިޓިވްވުމާއެކު މާލެ ސަރަހައްދު ބަންދުކޮށްފައިވާއިރު ރާއްޖޭގެ ބޯޑަރާއި އެތެރޭގެ އުދުހުންތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.

އޭގެ ފަހުން މަސް ދުވަހަށް ވުރެ ގިނަ ދުވަސް މިހާރު މިވަނީ ފާއިތުވެފަ އެވެ. ބަލި ޖެހޭ މީހުންގެ އަދަދު ދަށް ކުރެވި ލޮކްޑައުންއަށް ލުޔެއްދޭން ސަރުކާރުން ނިންމާފައިވާއިރު މިހާރުގެ ހާލަތު އިތުރަށް ގޯސް ނުވާނަމަ އަންނަ ޖުލައި މަހުގެ ތެރޭގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލައި ބައިނަލްއަގްވާމީ ދަތުރުތައް ފަށާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެ އެވެ.

އެމްއޭސީއެލްގެ ޖެނަރަލް މެނޭޖަރު ހަސަން އަރީފް މިއަދު ސީއެންއެމްއަށް ވިދާޅުވީ ބޯޑަރު ހުޅުވާލުމަށް އަދި މަސް ދުވަސް އޮތްއިރު މިހާރު ވެސް އެމްއޭސީއެލް އޮތީ ތައްޔާރަށް ކަމަށެވެ.

އެގޮތުން މިހާރު ވެސް ވަނީ އިޖުތިމާއީ ގައިދުރުކަން ބަހައްޓައިގެން ހިދުމަތް ދެވޭ ގޮތަށް ފާހަގަތައް ޖަހާފައި ކަމަށާއި މަދު މުވައްޒަފުންނާއެކު ހިދުމަތް ދޭން ވެސް އޮތީ ތައްޔާރަށް ކަމަށެވެ. އަދި ވިދާޅުވީ މިހާރު ހުޅުވާނެ ކަމަށް ބުނެފައިވާ ތާރީހުގެ ކުރިން ހުޅުވަން ޖެހުނަސް އެއްވެސް ދައްޗެއް ނެތި ހިދުމަތް ދެވޭ ވަރަށް އެމްއޭސީއެލް އޮތީ ތައްޔާރަށް ކަމަށެވެ.

އަރީފް ވިދާޅުވީ މިހާރު ވެސް ގައުމުތަކުން ރާއްޖެއަށް މީހުން ބަލައި އަންނަ ފްލައިޓްތަކާއި ކާގޯ ފްލައިޓްތައް އައުމުން ވެސް އެއާޕޯޓް ޑިސްއިންފެކްޓް ކުރާ ކަމަށެވެ. އަދި ވިދާޅުވީ ފްލައިޓެއް ޖެއްސުމުގެ ކުރިން ވެސް ޑިސްއިންފެކްޓް ކުރާނެ ކަމަށާއި ފަސެންޖަރަކު އުޅޭ ސަރަހައްދެއް ނަމަ އެމީހުން ދިއުމާއެކު އެ ސަރަހައްދުތައް މިހާރު ވެސް އަންނަނީ ޑިސްއިންފެކްޓް ކުރަމުން ކަމަށެވެ.

އެހެންކަމުން، އެމްއޭސީއެލް އޮތީ ވަރަށް ފުރިހަމައަށް ތައްޔާރަށްކަން ފާހަގަކުރައްވަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް