ads
ރައްޔިތުންގެ މަޖިލިސް--
ރައްޔިތުންގެ އަޑު ނީވޭ ބީރު މަޖިލީހެއް!
ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރު ބަންދު ކުރާނެ ކަމަށް މާޗް މަހުގެ 17 ވަނަ ދުވަހު ސަރުކާރުން އިއުލާން ކުރުމާއި އެކު، ޖެހިގެން އައިދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ސަރުކާރު ބަންދުކުރި ނަމަވެސް ރައްޔިތުންގެ މަޖިލިސް ބާއްވަންޖެހޭ ހާލަތުގައި ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެދުވަހު ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވައިދުގެ 247 ވަނަ މާއްދާގައި މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލުމުގެ ބާރާއި އިހްތިޔާރު މަޖިލީހުގެ ރިޔާސަތަށް ލިބިގެންވާކަމަށާއި މަޖިލިސް ބަންދު ނުވާނެ ކަމަށެވެ. އަދި މިފަދަ ހައްސާސް ދަނޑިވަޅެއްގައި މަޖިލީސް ބަންދު ނުކުރެވޭނެ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

އެމަނިކުފާނު ވަނީ ކޮވިޑް-19 އާ ގުޅިގެން އަޅާ އެކިއެކި ފިޔަވަޅުތަކާ އެކު ދެންދިމާވާ އަދި ދިމާވެދާނެ އެތައްކަމެއްގެ އަންދާޒާތައް މަޖިލީހުގައި އޮންނަން ޖެހޭނެ ކަމާއި ވެދާނެ ކަންކަމަށް މަޖިލީހުން ތައްޔާރަށް ތިބެންޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. 

ރައްޔިތުންގެ މަޖިލީހަކީ ހަމައެކަނި ސަރުކާރު ޖަވާބުދާރީ ކުރުމަށް އޮންނަ އިދާރާއެއް ނޫނެވެ. އެއީ ރައްޔިތުންގެ އަޑު އަހައި އެއިރެއްގައި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ލުއި ހޯދައިދުނުމަށް މަސައްކަތް ކުރާ އިދާރާއެވެ. އެ އިދާރާގައި ތިބޭނީ ރައްޔިތުން އައްޔަން ކޮށް ރައްޔިތުން ތަމްސީލުކުރާ ރައްޔިތުންގެ މެންބަރުންނެވެ. ކޮންމެ ޕާޓީއަކަށް ނިސްބަތްވިޔަސް އެ މެންބަރުންގެ ތަމްސީލު ކުރާނީ ހަމަ ދިވެހި ރައްޔިތުންނެވެ. 

ސަރުކާރު ކޯލިޝަންގެ ޕާޓީއަކަށް ސަޕޯޓް ކުރިއަސް، އަދި އިދިކޮޅު ކޯލިޝަންގެ ޕާޓީތަކަށް ސަޕޯޓްކުރި އަސް އާންމު ރައްޔިތުންގެ ބޭނުން ހަމަ އެކެއްޗެކެވެ. މަޖިލީހަށް ކޮންމެ މެންބަރަކުވެސް އިންތިހާބު ވަނީ ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވެފައެވެ. އެންމެ ފުރިހަމައަށް ރައްޔިތުންގެ އަޑު އަހާ ރައްޔިތުންގެ އަޑު އުފުލާ މައްސަލަތަކަށް ހައްލު ހޯދާދޭނެ ކަމަށް ބުނެއެވެ. 

your imageކުރީގެ ރައީސް ނަޝީދު--

ކޮވިޑް-19 ބަލިމަޑު ކަމާއި އެކު ދިވެހިންގެ ދިރިއުޅުމަށް ހީނުކުރެވޭ ފަދަ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި އެވެ. އެންމެ ބޮޑެތި ވިޔަފާރި ތަކުން ފެށިގެން އެންމެ އާދައިގެ މީހާއަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހި ކަންބޮޑުވުންތައް އިތުރުވި އެވެ. 

ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާއިރު، ދައުލަތުގެ އާމްދަނީވެސް ބަރޯސާވެފައި އޮންނަނީ ފަތުރުވެރި ކަމަށެވެ. ކޮވިޑް-19 އާއި އެކު އެންމެ ފުރަތަމަ އަސަރު ކުރީ ވެސް ފަތުރުވެރިކަމުގެ ސިނާއަތަށެވެ. އެ ސިނާއަތް އެއްކޮށް ހުއްޓި، ވިޔަފާރިތައް ހުއްޓުމާއި އެކު އެތަށް ބައެއްގެ އާމްދަނީ ހުއްޓުނެވެ. 

ފަތުރުވެރިކަމުގެ ސިނާއަތް ތަމްސީލު ކުރާ ޖަމިއްޔާތައް އެކި ގޮތް ގޮތުން ސަރުކާރުގައި އެހީއަށް އެދުނެވެ. ވިޔަފާރިތަކަށް އެހީވެދީ އާންމު ރައްޔިތުންނަށް އެހީވުމަށް ސަރުކާރުން ރިކަވަރީ ޕެކޭޖެއް އެކުލަވާލާ ރައްޔިތުންގެ މަޖީިލީހަށް ފޮނުވާ 2.5 ބިލިއަން އެކަމަށް ފާސް ކުރިއެވެ. އެހެންނަމަވެސް މި ޕެކޭޖުން މާގިނަ ފަސޭހަ ތަކެއް ރައްޔިތުންނަށް އަދި ވިޔަފާރިތަކަށް ލިބިގެންދިޔަ ތަނެއް ނުފެނުނެވެ. 

ރިސޯޓުތަކަށް ދެވުނު އެހީ އެއީ އެންމެ އެކަށޭނަ އެހީއެއް ކަމަށް ރިސޯޓުތަކަކުން ނުދެކުނެވެ. ރިސޯޓް މުވައްޒަފުންގެ މުސާރަކުޑަކޮށް ނޯޕޭއަށް ފޮނުވާވަރަށް އަދި ކަންކަން ނުދާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި ނަމަވެސް އަދިވެސް ގިނަ އަދަދެއްގެ ރިސޯޓް މުވައްޒފުން ތިބީ ނޯޕޭގަ އެވެ. ވަޒީފާ ގެއްލުނު މުވައްޒަފުންގެ އަދަދު މަދެއް ނޫނެވެ. މުސާރާ ކުޑަ ކުރި މުވައްޒަފުންގެ މުސާރަތަށް ބޮޑުވިތަނެއް ވެސް ނުފެނެއެވެ.  

މި ޕެކޭޖު ތަކުގައި ވަޒީފާގައި އުޅޭ މީހުން ހިމެނުން މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބަައެއް މެންބަރުން ވިދާޅުވެއެވެ. ނަމަވެސް އެއީ ހަމަ ބުނެލާ ވާހަކައަކަށް ނޫނީ ނުވެއެވެ.  ރާއްޖޭގެ އާބާދީގެ ގިނަ އާއިލާތަށް ބަރޯސާވެފައި ވަނީ އެ އާއިލާއެއްގެ މަސައްކަތްތެރިންނަށް ކަމަށް ވިދާޅުވެފައެވެ. ޕެންޝަން ފަންޑުގައި ހުރި ފައިސާ މިހާލަތުގައި ރައްޔިތުންނަށް ބޭނުން ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް ވަކާލާތު ކުރި ނަމަވެސް އެ ފައިސާގެ ބޭނުން ރައްޔިތުންނަށް ކުރެވޭ ގޮތެއް ނުވިއެވެ. މިއަދާ ހަމައަށް ވެސް ޕެންޝަން ފަނޑުގައި އައްލައި އެއިން ރައްޔިތުންނަށް ފައިސާ ދިނުމުގެ ވިސްނުމެއް ސަރުކާރުގެ ނެތެވެ. 

your imageރައްޔިތުންގެ މަޖިލިސް--

މަސް ދެމަސް ވަންދެން ވަޒީފާ ގެއްލިފައި ތިބި މީހުން އެހާލުގައި ދުވަސްތައް ވޭތުކުރަމުން ދަނިކޮށް އިންކަމް އެލަވެންސްދޭން ކަނޑައަޅައި ވަޒީފާ ގެއްލުނު މީހުންނަށް 5،000 ރުފިޔާގެ އިނާޔަތް ރިކަވަރީ ޕެކޭޖުގެ ދަށުން ސަރުކާރުން ދޭން ނިންމި އެވެ. 

ރައްޔިތުންގެ ވިޔަފާރިތައް ހުއްޓިފައި ވާއިރު، އެ ވިޔަފާރިތައް ހިންގުމަށް އެންމެ އެކަށޭނަ އެހީތައް ދިނުމަށް މަޖިލީހުން ސަރުކާރަށް ގޮވާލި ނަމަވެސް އެއްވެސް ނަތީޖާއެއް ނުފެނެއެވެ. އާމްދަނީ ލިބޭނެ ގޮތެއް ނެތި، ބަނޑަށްޖެހެމުންދާ ރައްޔިތުނަށް އެހީވުމަށް ރައްޔިތުންގެ މަޖިލީހުން މާބޮޑޫ އެހީތަކެއް ވެގެން ދިޔަ ތަނެއް ނުފެނެއެވެ. 

ސަރުކާރުގެ ހަރަދުތައް ކުޑަކޮށްދީ، ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމަށް ބިލްތައް ފާސްކޮށް، ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މުސާރަތައް ކުޑަ ކުރުމުގެ ވާހަކަތައް ދެކެވި ގޮތް ނިންމިތަން ފެނުނެވެ. ސަރުކާރު ޖަވާބުދާރީ ކުރުމަށް މަސައްކަތް ކުރާ ކަމަށާއި ސަރުކާރުން ކުރާ ހަރަދުތައް ކުރަނީ އެންމެ ރަނގަޅަށްތޯ ގާތުންބަލާނެ ކަމަށް ބުނެއެވެ. 

މަޖިލީހުން ވަނީ ރާއްޖެއަށް ގެންނަށް ހަމަޖެހުނު ވެންޓިލޭޓަރުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދޭތޯ އާއި މަސައްކަތް ކުރިއަށް ދާގޮތް އޮޅުންފިލުވަން ހެލްތު މިނިސްޓަރު އަމީނަށް ލިޔުމުން ޖަވާބު ހޯދުމަށް ސުވާލު ނޯޓިސް އެއް ފޮނުއްވާފައެވެ. އެސިޓީގެ ޖަވާބު މިނިސްޓަރު މަޖިލީހަށް ފޮނުވާފައި ވަނީ ސުވާލު ނޯޓިހަށް ޖަވާބުދެއްވުމަށް އަރުވާފައިވާ 14 ދުވަހުގެ ނޯޓިހުގެ މުއްދަތު ހަމަވުމުގެ ފަހުންނެވެ. 

your imageހެލްތު މިނިސްޓަރު އަމީން---ފޮޓޯ:މަޖިލިސް

ސިޔާސީ ސްޓަންޓު ޖެހުމުގެ ބަދަލުގައި ރައްޔިތުން އެދެނީ އެމީހުންނަށް ކައިބޮއެ ހަދައި ދިރިއުޅެވޭނެ ގޮތްތައް ހޯދާދޭށެވެ. ވަޒީފާގެ ޔަގީންކަށް ހޯދައިދޭށެވެ. އެމީހުންގެ ވިޔަފާރިތައް ހުއްޓުނަ ނުދީ ކުރިއަށް ގެންދެވޭނެ ގޮތްތައް ހޯދައިދޭށެވެ. އަގަޔާއި އަތާ ދިމާވާނެ ގޮތްތައް ހޯދައިދޭށެވެ. 

ސިޔާސީ ވެރިންގެ ޖީބަށް މަދުވާ އެއްޗެއް އާންމު މީހާގެ ޖީބަކަށް ނުވަދެއެވެ. އެ މަދުވާ ފައިސާ އާންމު މީހާގެ އަސާސީ ބޭނުންތައް ފުއްދުމަކަށް ނުލިބެއެވެ. 

މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއި އެކު ވަޒީފާ ގެއްލި މާލޭގައި ތާށިވެފައި ތިބި މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަޖިލީހަށް ހުށައެޅި ބިލްވެސް ފާހެއް ނުވިއެވެ. އެހާލަތުގައި ތިބި މީހުންނަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުން ނޭޅި ފިޔަވަޅެއް އެޅޭނީ ވަކި ކޮންބަޔަކަށްތޯ އެވެ. 

އަތްމަތި ދަތިވެފައިވާ މިދަނޑިވަޅުގައި އެންމެ ބާރަށް އާންމު މީހާގެ ގައިގައި ދައިގަތީ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެކަމަށް ހައްލެއް ހޯދައިދިނުމަށް އެކި ގޮތްގޮތުން އެދެމުން ދިޔަ ކުލީގެ މައްސަލައެެވެ. ލިބޭ މުސާރާއިގެ 70 އިންސައްތައަށް ވުރެ ބޮޑުބައި ދިރިއުޅޭ ތަނުގެ ކުއްޔަށް ހަރަދުކުރާ އިރު، އާމްދަނީ ނުލިބި، މުސާރަތައް ކުޑަ ވުމާއި އެކު ކުލި ނުދެއްކި އެތައް ބައެއްގެ ގެދޮރު ގެއްލުނެވެ. ލިބޭ މަދު ފައިސާ ކޮޅު ކުއްޔަށް ދެއްކުމުން، ބަނޑުފުރާ މުއްތި ކުރާނެ ގޮތެއް އެ ރައްޔިތުންގެ ނެތެވެ.

މިވާހަކަތައް ރައްޔިތުންގެ މަޖިލީހަށް އިވުނެވެ. އެކަމަށް ހާއްސް ރެންޓް މޮނޮޓޯރިއަމް އެއް ތައްޔާރުކޮށް ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދޭނެ ކަމުގެ ފޮނި ހުވަފެންތައް ރައްޔިތުނަށް ދެއްކިއެވެ. އެހެން ނަމަވެސް އަދި އަދަށް ދާންދެން ވެސް އެ ހުވަފެންތައް އޮތީ ހުވަފެނުގެ ގޮތުގައެވެ. ކުލަ ނުޖެހޭ މާ ދުރު ހިޔާލެއްގެ ގޮތުގަ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއިން ފާސްކޮށް ތަޅުމަށް ފޮނުވި ރިޕޯޓް 66 މެންބަރުންގެ އިއްތިފާގުން ފާސްކުރެވުނު އިރު، އެ ރިޕޯޓުން ރައްޔިތުންނަށް ލިބޭނެ ކަމަށް ބުނި ލުއިތަށް އަދި ރައްޔިތުންނަކަށް ނުލިބެއެވެ. 

މި ރިޕޯޓުގައި ކުއްޔަށް ދޫކޮށްފައިވާ އެޕާޓްމަންޓް ތަކުންނާއި ގެތަކުން ކުލި ކުޑަ ވާން ޖެހޭ ގޮޮތަށް ލުއިތަކެއް ދިނުމާއި، ކުލި ނުދެއްކޭ މީހުން މަގުމަތިވިޔަ ނުދިނުމަށް ސަރުކާރާއި ކައުންސިލަތައް ގުޅިގެން ފިޔަވަޅުތައް އެޅުމުގެ އިތުރުން، ޕެކޭޖް ދޭ ފަރާތްތަކުން އަމަލު ކުރާ ގޮތް ޖޮބް ސެންޓަރުތައް މެދުވެރިކޮށް ބެލުމާއި، އެޑިއުކޭޝަން މިނިސްޓްރީން ދަރިވަރުންނަށް އޮންލައިން ޕްރޮގްރާމްތަކާއި ޓެލި ކްލާސްތައް ކުރިއަށް ގެންދިއުމަށް ވެއެވެ. އަދި މުވައްޒަފުންނާ މެދު އިހާނަތިކޮށް އަމަލުކުރާ ވިޔަފާރިތަކުގެ ޕެކޭޖުން ބައެއް ޖޫރިމަނާ ކުރުމާއި، އެޗްޕީއޭގެ އިރުޝާދުގެ ދަށުން މެނުވީ މިސްކިތްތަކާއި ޕާކުތައް ފަދަ އާންމުން އެއްވާ ތަންތަން ހުޅުވާ ނުލުމުމުގެ އިތުރުން މުވާސަލަތީ ކުންފުނިތަކާއި އެޑިއުކޭޝަން މިނިސްޓްރީން ގުޅިގެން ދަރިވަރުންނަށް ހާއްސަ އިންޓަނެޓް ޕެކޭޖެއް ތައާރަފު ކުރުމަށް ވެސް މަޖިލީހުން ފާސްކުރި އެވެ. 

your imageރައްޔިތުންގެ މަޖިލީހުގެ މެމްބަރުން--

މެންބަރުން ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެކަށީގެންވާ ފިޔަވަޅުތައް ނެތް ރަށްރަށުގައި އެކަންތައް ތައް ނެތީ ކީއްވެތޯ ސުވާލު އުފައްދާފަ އެވެ. އަދި އެރަށްރަށަށް ބޭނުންވާ ހުރިހާ އެއްޗެއް ލިބޭނެ ގޮތް ހަމަޖެއްސުމަށް މެންބަރުން ވަކާލާތުކުރި އެވެ. ރައްޔިތުންގެ މެންބަރުންވަނީ މި ބަލިމަނޑުކަމާއި ގުޅިގެން އެއްވެސް ކަމެއްގައި ސަރުކާރުން ރައްޔިތުންނަށް ދޮގު ނުހާދާނެ ކަމުގެ ޔަގީންކަންވެސް ދީފައެވެ.  

ރައްޔިިތުންނަށް ދިމާވާ ގޮންޖެހުންތަކާއި ގުޅިގެން މެމްބަރުން ފާހަގަކުރާ ކަންބޮޑުވުންތަކުގެ މައްސަލަތަކަށް ހައްލެއް ގެނައުމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ފިޔަވަޅުތައް ނާޅާ ލަސްވާ ސަބަބެއް އޮވެގެން ނުވާނެ ކަމަށާއި މަޖިލީހުގެ މެންބަރުންގެ ބާރު އޮންނާނެ ކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މެންބަރުން ފާހަގަ ކުރައްވާ މައްސަލައަށް އަމަލު ނުކުރެވޭނަމަ އިތުބާރު ނެތް ކަމަށް ނިންމޭނެކަމަށް ވިދާޅުވެފައި ވާއިރު، އެމަނިކުފާނު ވަނީ އެއީ އެހެންނަމަވެސް ދާން ބޭނުންވާ އަމާޒު ނޫންކަމަށްވެސް ވިދާޅުވެފަ އެވެ. 

ގޮތް ހުސްވެފައިވާ ރައްޔިތުންގެ އަޑު ރައްޔިތުންގެ މަޖިލީހަށް ނީވޭ ނަމަ އެ އަޑުތައް އިވޭނެ އެހެން ތަނެއް ވާނެ ހެއްޔެވެ؟ ރައްޔިތުންގެ އަޑު ނީވޭ ނަމަ ރައްޔިތުންގެ މަޖިލީހުގެ ހަގީގީ މަގްސަދު ފުރިހަމަވޭ ހެއްޔެވެ؟ ރައްޔިތުންގެ މަޖިލީހުން ފާހަގަކުރާ ކަންބޮޑުވުންތަކަށް ހައްލު ނުލިބޭނަމަ މަޖިލީހަށް އެންމެ އެދެވޭ ގޮތުގައި މަސައްލަތް ކުރެވެއޭ ބުނެވޭނެ ހެއްޔެވެ؟

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް