ads
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން (ސީޖީ) ފަތުހުﷲ ޖަމީލް--
މީރާ މެދުވެރިކޮށް ލިބޭ ފައިސާ 48 އިންސައްތަ ދަށް ވާނެ: ފަތުހުﷲ
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިއަހަރު ލިބޭނެ ކަމަށް އަންދާޒާކުރި ފައިސާގެ އަދަދު 48 އިންސައްތައަށް ދަށްވާނެ ކަމަށް ކޮމިޝަނާ ޖެނަރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަތުހުﷲ ވިދާޅުވީ ދައުލަތަށް 75 އިންސައްތަ އާމްދަނީއެއް ލިބެނީ މީރާ މެދުވެރިކޮށް ކަމަށާއި އެގޮތުން ފާއިތުވި ތިން އަހަރު ވެސް ދައުލަތުގެ އާމްދަނީ ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށެވެ. 

އެގޮތުން 2020 ވަނަ އަހަރުގެ ބަޖެޓް ތައްޔާރުކޮށްފައި ވަނީ ވެސް ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ރަނގަޅުވާނެ ކަމަށް ބަލައިގެން ކަމަށާއި އެގޮތުން ފަތުރުވެރިން އަންނަ ނިސްބަތް އިތުރުވާނެ ކަމަށާއި ރާއްޖޭގެ މުޅި އިގްތިސޯދު ވެސް ޖުމްލަ ގޮތެއްގައި ވަރަށް ރަނގަޅުވާނެ ކަމަށް ބަލައިގެން ކަަމަށް ފަތުހުﷲ ވިދާޅުވި އެވެ. 

"2019 ވަނަ އަހަރަށް ވުރެ އާމްދަނީ އިތުރުވާނެ ކަމަށް އަންދާޒާ ކުރެވިގެން ބަޖެޓް އެކުލަވާލެވިފައި ވަނީ. އެގޮތުން 17.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް އަޅުގަނޑުމެން އަންދާޒާ ކުރިން،" ފަތުހުﷲ ވިދާޅުވި އެވެ.

17.2 ބިލިއަނުގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާ ކުރި ނަމަވެސް ކޮވިޑް-19 އާ ގުޅިގެން މީރާ މެދުވެރިކޮށް ބަލައިގަންނަ ދައުލަތުގެ އާމްދަނީއަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ ބޯޑަރު ބަންދުކޮށް ރާއްޖޭގެ ފަތުރުވެރިކަން އެއްކޮށް ހުއްޓިފައި އޮތުމުން އާމްދަނީގެ ގޮތުގައި ލިބޭނެ ފައިސާ ބޮޑު ތަނުން ދަށަށް ދާނެކަން ފަތުހުﷲ ފާހަގަކުރައްވަ އެވެ. 

ފަތުހުﷲ އިތުރަށް ވިދާޅުވީ އެކަމުގެ ސަބަބުން އެކި ސިނާރިއޯތަކުގައި ރެވެނިއު ލިބޭނެ މިންވަރު މީރާއިން އަންދާޒާކޮށްފައިވާ ކަމަށާއި އެ އަންދާޒާތައް ފިނޭންސް މިނިސްޓްރީގެ އިތުރުން މަޖިލީހަށް ވެސް ހިއްސާކުރައްވާފައިވާ ކަމަށެވެ. އެގޮތުން ސިނާރިއޯ ތިނެއްގައި ރާއްޖޭގެ ހާލަތު އޮންނައިރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރި 17.2 ބިލިއަން ރުފިޔާގެ ތެރެއިން ލިބޭނީ 8.95 ބިލިއަން ކަމަށެވެ. 

މުޅި އަހަރުގެ ތެރޭގައި މީރާއިން ބަލައިގަންނަ ފައިސާގެ އަދަދު 8.95 ގައި އުޅޭނަމަ އެ އަދަދަކީ ގާތްގަނޑަކަށް 48 އިންސައްތައިގެ ދަށްވުމެއް ކަމަށް ވެސް ފަތުހުﷲ ވިދާޅުވި އެވެ. 

މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މީރާއިން ބަލައިގަތް ފައިސާގެ އަދަދު އުޅެނީ 1.8 ބިލިއަން ރުފިޔާގަ އެވެ. އެކަމަކު މަދުވަމުން އައިސް މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ބަލައިގަނެވުނީ 527 މިލިއަން ރުފިޔާ ކަމަށާއި އަދި މެއި މަހުގެ ތެރޭގައި އެ އަދަދު އިތުރަށް ދަށްވާނެ ކަމަށް ފަތުހުﷲ ލަފާކުރައްވަ އެވެ. އަދި ވިދާޅުވީ މެއި މަހުގެ 17 ގެ ނިޔަލަށް ބަލައިގަނެވުނީ 109 މިލިއަން ރުފިޔާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް