ads
ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދެން ޖެހޭކަމަށް ނުދެކެން: އުޝާމް
ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދެން ޖެހޭކަމަށް ނުދެކޭ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ޤާނޫނުއަސާސީ އިސްލާހު ކުރުމުގެ މައްސަލައިގައި މަޖިލީހުގައި މިރޭ ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ ކައުންސިލްތަކުގެ ދައުރު ދަންމާލުމުގެ މައްސަލައިގައި އޮތް ހައްލަކީ ޤާނޫނުއަސާސީ އިސްލާހު ކުރުން ކަމަށެވެ. 

ޤާނޫނުއަސާސީ އިސްލާހު ކުރުމަކީ އާންމުކޮށް ގައުމުތަކުން ކުރާ ކަމެއް ނޫންކަމަށް ބައެއް މެމްބަރުން ދެއްކެވި ވާހަކައަށް ރައްދު ދެއްވާ އުޝާމް ވިދާޅުވި ވަގުތާއި ހާލަތަށް ރިއާޔަތްކޯށް ޤާނޫނުއަސާސީ އިސްލާހު ކުރުމަކީ ހުރިހާ ގައުމަކުންވެސް ކުރާ ކަމެއްކަމަށެވެ.

ކައުންސިލްތަކުގެ ދައުރު ދަންމާލުމުގެ މައްސަލައިގައި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދުމަށް މަޖިލީހަށް ގަރާރެއް ހުށަހަޅާފައިވާއިރު އުޝާމް ވިދާޅުވީ ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދެން ޖެހޭކަމަށް ނުދެކޭކަމަށެވެ.

ސުޕްރީމް ކޯޓަށް އިސްތިޝާރީ ލަފައަށް އެދި މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގައި އެކަންކުރަނީ މެމްބަރުންނަށް އެކަމުގައި އިއްތިފާގު ނުވެވޭތީކަމަށް ބުނެފައިވާތީ އުޝާމް ވަނީ އެކަމާއި ގުޅޭގޮތުން ވެސް ވާހަކަ ދައްކަވާފައެވެ. އެގޮތުން އުޝާމް ވިދާޅުވީ މަޖިލީހުން ނިންމާ ނިންމުންތަކަކީ އިއްތިފާގުން ނިންމަންޖެހޭކަންކަން ކަމަކަށް ބަޔާންކޮށްފައެއް ނުވާކަމަށާއި އޮންނަނީ މެޖޯރިޓީން ނިންމަންޖެހޭގޮތަށްކަމަށެވެ. އަދި އިއްތިފާގު ނުވެވޭ ކޮންމެ ކަމެއްގައި ސުޕްރީމް ކޯޓަށް ދިއުމަކީ ކުރަންވާވަރު ކަމެއްނޫން ކަމަށް އުޝާމް ވިދާޅުވި އެވެ.

ކައުންސިލްތަކުގެ ދައުރު ހަމަވާން ދެތިން ދުވަހަށް ކައިރިވުމުން އެކަން ސުޕްރީމް ކޯޓުގެ ބޮލަށް ޖެހުމަކީ އެއްވެސް ވަރަަކަށް ރަނގަޅުކަމެއް ނޫންކަމަށްވެސް އުޝާމް ވިދާޅުވި އެވެ. އަދި ޑިމޮކްރަސީގެ ހަމައަކީ މެޖޯރިޓީން ނިންމާ ނިންމުމަށް އިހުތިރާމްކޮށް ތަބާވުން ކަމަށާއި، ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް ނާހާ މަޖިލީހުން މިކަން ނިންމަންޖެހޭ ކަމަށް އުޝާމް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް