ads
މާސްކު އަޅުއްވައިގެން އާޒިމް މަޖިލީހުގައި
ސިއްޙީ ޚިދުމަތްތެރިންނަށް އާޒިމްގެ ޝުކުރު
ކޮވިޑް ނަވާރައިގެ ދަނޑިވަޅުގައި ފްރަންޓްލައިންގައި މަސައްކަތް ކުރައްވާ ސިއްޙީ ޚިދުމަތްތެރިންނަށް، އެމްޑީޕީގެ ނަމުގައި އެމްޑީޕީގެ ޕީޖީ ލީޑަރ އަލީ އާޒިމް ޝުކުރު އަދާކުރައްވައިފިއެވެ.

ސިއްޙީ ޚިދުމަތްތެރިންނަށް އާޒިމް ޝުކުރު އަދާ ކުރެއްވީ، ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާޙު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން، ރޭ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. 

ފޭސް މާސްކަކުން މޫނު ނިވާކުރައްވައިގެން ވާހަކަ ދައްކަވަމުން، އާޒިމް ވިދާޅުވީ، ސިއްހީ ހިދުމަތްތެރިންނާއި އަދި ފުރަތަމަ ސަފުގައި މަސައްކަތް ކުރައްވާ އެންމެހާ ފަރާތްތަކުން ކުރައްވަމުން ގެންދަވަނީ ހިތްވަރުގަދަ އަދި އެހާމެ ބުރަ މަސައްކަތެއް ކަމަށެވެ. މާސްކް އަޅައިގެން އެންމެ ފަނަރަ ވަރަކަށް މިނިޓްވެސް ހުންނެވުމަކީ އުނދަގޫ ކަމެއް ކަން ފާހަގަ ކުރައްވާ އާޒިމް ވިދާޅުވީ، ސިއްހީ ހިދުމަތްތެރިން އެ ތިބެނީ އެތައް ދުވަހަކު އެ މާސްކް އަޅައިގެން އެ އުނދަގޫ ތަހައްމަލު ކުރާ ހާލު ދިވެހި ރައްޔިތުންނަށްޓަކައި ކަމަށެވެ.

އަޅުގަނޑުމެންގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ މީހުން، އެ ބޭފުޅުން އެތިބެނީ އެތައް ދުވަހެއްގައި މި މާސްކް އަޅައިގެން. އަޅުގަނޑުމެންނަށްޓަކައި، އަޅުގަނޑުމެންގެ ދަރިންނަށްޓަކައި، މި ރާއްޖެއަށްޓަކައި. އަޅުގަނޑުމެން މިއަދު ޝުކުރު އަދާކުރަން ޖެހޭ އެ ފަރާތްތަކަށް. ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް. އެ ތިބެނީ އެތައް ދުވަހެއް ވަންދެން މި މާސްކް އަޅައިގެން. އަޅުގަނޑު ހަމަ އެމްޑީޕީގެ ނަމުގައި ފަށްފަށުން ޝުކުރު އަދާކުރަން. ސިއްހީ ޚިދުމަތްތެރިން، ސިފައިންނާއި ފުލުހުން، އަދި އެހެންވެސް އެންމެހާ ފަރާތްތަކަށް އަޅުގަނޑު މި ހައުސްގެ ލީޑަރުގެ ހައިސިއްޔަތުން ފަށްފަށުން ޝުކުރު އަދާކުރަން.

ކޮވިޑްގެ ކަންތަކާއި ގުޅިގެން ސިއްހީ ޚިދުމަތްތެރިންނާއި އަދި ކަމާ ގުޅޭ އެތައް ބަޔަކު އަންނަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. މިހާތަނަށް އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ފްރަންޓްލައިންގައި މަސައްކަތްކުރައްވާ ދުވިސައްތައެއްހާ މީހުންވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި އޭނގެ ތެރެއިން ބައެއް މީހުންވަނީ ބަލިން ރަނގަޅުވެ އަނެއްކާވެސް މަސައްކަތަށް ނުކުމެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް