ads
ނައީމް--
އެންވަޔަރަމަންޓް މިނިސްޓްރީން އީޕީއޭގެ ވެރިޔާއަށް އިންޒާރެއް
ގުޅީފަޅުގެ ބިން ހިއްކުމާއި ގުޅޭ ގޮތުން، އެންވަޔަރަމަންޓް މިނިސްޓްރީން އަންގާފައިވާ ގޮތަށް އަމަލުނުކުރާ ކަމަށް ބުނެ، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ވެރިޔާ، އިބްރާހީމް ނައީމަށް މިނިސްޓްރީން ލިޔުމުން އިންޒާރު ދީފި އެވެ.

މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އީޕީއޭގެ ވެރިޔާއަށް، އެންވަޔަރަމެންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޖްވަދު މުސްތޮފާ ސޮއިކުރައްވާ ފޮނުވި އެ އިންޒާރުގެ ލިޔުމާއި ގުޅިގެން "ސީއެންއެމް" އިން އޭނާއާ ސުވާލުކުރުމުން ވިދާޅުވީ އެއީ ކޮންފިޑެންޝަލް މައުލޫމާތު ކަމުން ހިއްސާކުރެވެން ނެތް ކަމަށެވެ. 

އެކަމަކު ވިދާޅުވީ އޭނާއަކީ ނައީމްގެ ސުޕަވައިޒަރުކަމުން ކަމެއް ގޯސްކޮށް ހިނގާނަމަ އެކަމެއް އިސްލާހުކުރުމަށް އެންގުމަކީ އޭނާގެ ޒިންމާއެއް ކަމަށެވެ. 

އަދި ވިދާޅުވީ ގުޅީފަޅު ހިއްކުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ކަންބޮޑުވުންތައް ފާޅުކުރަމުން އަންނަ މިދަނޑިވަޅުގައި އެކަން ހިނގަނީ ރަނގަޅަށްތޯ ބެލުމަކީ އީޕީއޭއިން ކުރަން ޖެހޭ ކަމަކަށްވާތީ އެގޮތަށް އެކަން ކުރުމަށް ލަފާ ދެއްވި ކަމަށެވެ. 

އެގޮތުން ގުޅީފަޅު ހިއްކާ ސަރަހައްދަށް ގޮސް މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށާއި ކަމެއް ގޯސްކޮށް ކުރިއަށްދާނަމަ އެކަމެއް އިސްލާހުކުރަން އެންގުމަށް އެންގާފައިވާނެ ކަމަށް އަޖްވަދު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ނައީމަށް އިންޒާރުދީފައި ވަނީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު ދެއްވި އިރުޝާދަކާއި އެއްގޮތަށް އަމަލުނުކުރާނެ ކަމަށް ވިދާޅުވުމުންނެވެ.

އިންޒާރުގެ ލިޔުމުގައި ބުނެފައި ވަނީ ގުޅީފަޅުގައި ވިޔަފާރި ބަނދަރު ހެދުމުގެ މަސައްކަތަށް، އެ ފަޅު ހިއްކަން ފެށުމާއެކު ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާކަމުގެ ޝަކުވާ ލިބި، ޑރ. ނަސީރު ވަނީ ވަޓްސްއެޕް ގްރޫޕެެއްގައި ނައީމަށް އިރުޝާދުދެއްވާފައި ކަމަށެވެ.

އެކަމަކު ޑރ. ނަސީރުގެ އިރުޝާދަށް ނައީމް ކުރީ އިންކާރު ކަމަށާއި ނަސީރަކީ އީޕީއޭގެ ހިންގުމާއި ގުޅޭ އިރުޝާދުގޭ ސިޔާސީ އެންމެ އިސް ފަރާތްތަކުން އޭނާގެ އިރުޝާދަށް އިންކާރު ނުކުރެވޭނެ ކަމަށް ވެސް ބުންޏެވެ. 

އެކަމަކީ އީޕީއޭ ފަދަ މުވައްސަސާއެއްގެ ވެރިއެއްގެ ފަރާތުން ފެނިގެންވާނެ ކަމެއް ނޫންކަން ފާހަގަކޮށް ބުނެފައި ވަނީ އެއީ ސިވިލް ސާވިސް ގަވައިދު 2014 ގެ އިސްލާހީ ފިޔަވަޅު އެޅުމާއި ބެހޭ ބައިގެ ދަށުން ވަޒީފާގެ ކުށުގެ ދެވަނަ ދަރަޖައަށް ފެތޭ ކުށެއް ކަމަށެވެ.

"މީގެ ފަހުން ދިވެހި ސިވިލް ސާވިސްގެ ގަވައިދާއި ކޯޑް އޮފް ކޮންޑަކްޓާއި ހިލާފުވެއްޖެނަމަ އިތުރު އިންޒާރެއް ދިނުމަކާއި ނުލައި ވަޒީފާގެ ފަންތި ދަށްކުރުން ނުވަތަ ވަޒީފާއަށް ނުކުތުން މަނާ ކުރުން ނުވަތަ ވަޒީފާއިން ވަކި ކުރުން ފަދަ ފިޔަވަޅެއް އެޅުމުގެ އިހްތިޔާރު ސިވިލް ސާވިސް ކޮމިޝަނަށް ލިބިގެންވާކަން އަންގައި އިންޒާރު ދެން،" އިންޒާރުގެ ލިޔުމުގައި ބުންޏެވެ.

މިކަމާއި ގުޅިގެން ސީއެންއެމުން ނައީމްއަށް ގުޅުމުން ވިދާޅުވީ ވަކި އެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ.

ގުޅީފަޅުގައި ވިޔަފާރީގެ ބަނދަރުގެ ހެދުމަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު ގިނަ ބަޔަކު އަންނަނީ އެކަމުގެ ސަބަބުން ފަރާއި މުރަކަތައް މަރުވެދާނެތީ ކަންބޮޑުވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް