ads
މަސްޖިދް އަލް-ނަބަވީ
ކޮވިޑް-19: މަސްޖިދުލް ނަބަވީ އަލުން ހުޅުވައިފި
މުސްލިމުންގެ އެންމެ މުގައްދަސް މިސްކިތްތަކުގެ ތެރޭގައި ހިމެނޭ، މަސްޖިދުލް ނަބަވީ އަނެއްކާ ހުޅުވުމުގެ ހުއްދަ ސައުދީ ސަރުކާރުން ދީފި އެވެ.

ސައުދީ އަރަބިއްޔާގެ ސަރުކާރުން އެ މިސްކިތް މިއަދުން ފެށިގެން ހުޅުވުމުގެ ހުއްދަދީފައިވާއިރު މިއަދު ފަތިސް ނަމާދުން ފެށިގެން މިސްކިތް ހުޅުވާފައިވާ ކަަމަށް ސައުދީގެ ނޫސްތަކުން ބުނެ އެވެ. 

އެގޮތުން މިސްކިތް އަލުން ހުޅުވާފައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި ފިޔަވަޅުތަކުގެ ގައިޑްލައިންތަކެއް ވަނީ ސަރުކާރުގެ ފަރާތުން މީހުންނާއި ހިއްސާ ކޮށްފަ އެވެ.

ސައުދީ ސަރުކާރުން ވަނީ ފިރިހެނުންނާއި އަންހެނުންނަށް މިސްކިތައް ވަނުމަށް ވަކި ގޭޓު ތަކެއް ހަމަޖައްސާފަ އެވެ. އެގޮތުން، ފިރިހެނުންނަށް ވަދެވޭނީ، ގޭޓް ނަމްބަރު 4، 5، 8، 10، 21، 34، އަދި 37 އިން ކަމަށް ސަރުކާރުން ބުނެފައިވާއިރު އަންހެނުންނަށް މިސްކިތައް ވަނުމަށް ހުއްދަ ދީފައި ވަނީ 13، 17، 25، 29 ނަމްބަރު ގޭޓުންނެވެ.

އޭގެ އިތުރުން، ކުރީގެ މިސްކިތާއި، ޒިޔާރަތައް ވަދުމުގެ ހުއްދަ ނޯންނާނެ ކަމަށާއި، ކީރިތި ރަސޫލާ ފަސްދާނުވަޑުވާފައިވާ ތަނަށް ދިއުން ވެސް ވަނީ މަނާ ކޮށްފަ އެވެ. އަދި، ރިޔާދް އަލް ޖަންނަ އަށް ޒިޔާރަތް ކުރުން ވެސް މަނާވާނެ ކަމަށް ބުނެ އެވެ. 

އޭގެ އިތުރުން ޒަމްޒަމް ފެން ވެސް މިދުވަސްވަރު މިސްކިތަށް އަންނަ މީހުންނަށް ނުލިބޭނެ ކަަމަށް ސައުދީ ސަރުކާރުން ބުނެ އެވެ.

ސައުދީ ސަރުކާރުން އިތުރަށް ބުނި ގޮތުގައި، ނަމާދު ކުރުމަށް، މިސްކިތުގައި އަޅާފައިވާ ކާޕެޓުތައް މިހާރު ވާނީ ނަގާފައިވާއިރު ނަމާދު ކުރަން ހަމަޖެހިފައި ވަނީ ތަޅުންގަނޑު މަތީގަ އެވެ. އަދި ގެއިން އަންނަ އިރު މުސައްލައެއް ހިފައިގެން އައުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.

އޭގެ އިތުރުން 40 އަށް ވުރެ ގިނަ މީހުންނަށް މިސްކިތައް ނުވަދެވޭނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

ރައްކާތެރިވުމަށް މިސްކިތް ތެރޭގައި ވެސް ފިޔަވަޅުތަކެއް އެޅުމަށް ސައުދީ ސަރުކާރުން ގޮވާލާފައިވާއިރު މިސްކިތައް ދާ އެންމެން ވެސް މާސްކު އެޅުމަށާއި، ގައިދުރުކަން ބަހައްޓައިގެން ނަމާދު ކުރުމަށް ވަނީ އެދިފަ އެވެ. އަދި ކުޑަ ކުދިންނަށް މިސްކިތައް ނުދެވޭނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް