ads
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޤާނޫނުއަސާސީ އިސްލާހު ކުރުމަށް މިރޭ ދަންވަރު މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާއިގުޅިގެން އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ބޭތިއްބުމަށް ޤާނޫނުއަސާސިއަށް ގެންނަ އިސްލާހުގެ މަސައްކަތް މިރޭ ދަންވަރު ކުރުމަށް އެޖެންޑާ ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދެ ޖަލްސާއެއް މިރޭ ބޭއްވުމަށް މަޖިލީހުގެ އިދާރާއިން ވަނީ ނިންމާފައެވެ. އެއީ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާއާއި ދެވަނަ ޖަލްސާއެވެ. 

މިރޭގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 11:30 ގައެވެ. އެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވައިދުތައް ހަދައިފައިނުވާ މައްސަލަ މަޖިލީހުގެ ގަވައިދު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގެ ބަހުސް ކުރިއަށް ގެންދިއުމަށެވެ. 

ދެވަނަ ޖަލްސާ މަޖިލީހުން އެޖެންޑާ ކޮށްފައިވަނީ މިރޭ ދަންވަރު 01:30 އަށެވެ. އެގޮތުން ދަންވަރުގެ ޖަލްސާއަށް ވަނީ ޤާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތާއި މެމްބަރު ހަސަން ލަތިފް ހުށަހެޅުއްވި "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލު 2020" އެޖެންޑާކޮށްފައެވެ. 

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ މިރޭގެ ޖަލްސާގައި ދެ ބިލަށްވެސް ވޯޓަށް އަހާނެ ކަމަށެވެ. 

ދަންވަރު ވޯޓަށް އަހަން ޖެހެނީ ކީއްވެ؟

ޤާނޫނުއަސާސީގެ އިސްލާހަށް ހޯމަ ދުވަހުގެ ރޭ ދަންވަރު ވޯޓަށް އަހަން ޖެހެނީ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ޤާނޫނުއަސާސީއަށް ގެންނަ އިސްލާހުގެ ކޮމިޓީ ރިޕޯޓަށް ބަހުސްކުރުން އަވަސް ކުރުމަށް އެއްބަސް ނުވުމުންނެވެ. 

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނެފައިވަނި ކޮމިޓީގެ ރިޕޯޓެއްގެ ބަހުސް ފެށޭނީ އެ ރިޕޯޓެއް ފާސްކޮށް މެންބަރުންނަށް ރިޕޯޓު ފޮނުވާތާ ތިން ދުވަސް ފަހުން ކަމަށެވެ. އަދި އެނޫންގޮތަކަށް އަމަލު ކުރެވޭނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެއްބަސްވެވަޑައިގެން ކަމަށް ގަވައިދުގައި ވެއެވެ. 

އެހެން ނަމަވެސް ސަލީމް ވަނީ އެގޮތަށް ޤާނޫނުއަސާސިގެ އިސްލާހުގެ މަސައްކަތް އަވަސް ކުރުމަށް އެއްބަސް ނުވާކަމަށް ވިދާލުވެފައެވެ. 

ކައުންސިލްތަކުގެ ދައުރު ދަންމާލުމުގެ މަސައްކަތް

މިހާރު ތިބި ކައުންސިލްތަކުގެ ދައުރު މިހިނގާ ޖޫން ތިން ވަނަ ދުވަހަށް ހަމަވާއިރު މިއަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް ލޯކަލް ކައުންސިލް އިންތިހާބު ވަނީ ކޮވިޑް19 ގެ ކަންކަން ނިމެންދެން ފަސްކޮށްފައެވެ. 

ކައުންސިލްތަކުގެ ދައުރު ދަންމާލުމުގެ މައްސަލައިގައި ސަރުކާރުގެ ފަރާތުން ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ފޮނުވުމުން، މިއީ ޤާނޫނުއަސާސީ އިސްލާހު ކުރުމަށް އެންމެ ރަނގަޅު ވަގުތު ނޫންކަމަށް މަޖިލީހުގެ ރައިސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވިއެވެ. އަދި އެ ކަމުގެ ސަބަބުން މެމްބަރު ހަސަން ލަތީފް ވަނީ ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް ވަކި ބިލެއް މަޖިލީހަށް ހުށަހަޅާފައެވެ. އެހެން ނަމަވެސް އެ ބިލުގެ ކޮމިޓީ މަރުހަލާގައި ބަންޑާރަނައިބާއި މަޖިލީހުގެ ކައުންސެލާ ޖެނެރަލް ވަނީ މިކަމަށް އޮތް ހައްލަކީ ޤާނޫނުއަސާސީ އިސްލާހު ކުރުން ކަމަށް ވިދާޅުވެފައެވެ. އެއާއި އެކު ސަރުކާރުގެ ފަރާތުން ޤާނޫނުއަސާސީ އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ބިލު މަޖިލީހުގެ އެޖެންޑާގައި ތާވަލުކޮށް އޭގެ މަސައްކަތް ފެށިއެވެ. ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު މަޖިލީހަށް ބަލައިގަތުމަށް ފާސްކުރި އިރު މެމްބަރުން ވަނީ އެކަމުގައި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ވެސް އެދިފައެވެ.

އެކަމުގައި ސުޕްރީމް ކޯޓުން ދީފައިވާ ލަފައަކީ މިހާރު ސަރުކާރުގެ ފަރާތުން ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގެ ބަދަލުގައި އެ ބިލު ނުވަތަ އެނޫންވެެސް ބިލަކުން ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނެސް، ނުވަތަ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް ބަދަލުގެނައުމުގެ ބަދަލުގައި އެ މަގުސަދު ހާސިލު ކުރުމަށް ޤާނޫނުއަސާސީގެ 13 ވަނަ ބާބުގެ ފަހަތައް އިންތިގާލީ މާއްދާއެއް ހިމެނުމަށެވެ.  

މި މައްސަލައިގައި މުޅި މަޖިލީހުގެ ކޮމިޓީންވަނީ ސުޕްރީމް ކޯޓުގެ ލަފައާއި އެއްގޮތަށް ޤާނޫނުއަސާސީއަށް އިންތިގާލު މާއްދާއެއް އިތުރު ކޮށްގެން ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް ފާސްކޮށްފައެވެ. އަދި ހަމައެއާ އެކު މެމްބަރު ހަސަން ލަތިފްގެ ބިލުވެސް ލާމަރުކަޒީ ކޮމިޓީން އިސްލާހު ކޮށް ފާސްކޮށްފައިވަނީ އިންތިހާބު ބޭއްވެންދެން ކައުންސިލަރުން ދެމިތިބޭ މުއްދަތުގައި އަމަލުކުރާނެ ގޮތުގެ މައްޗަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް