ads
ދާންދޫ މަގުތަކުގައި ފެން ބޮޑުވެފައި---ފޮޓޯ:ފުލުހުން
ބޯކޮށް ވާރޭވެހި ދާންދޫ މަގުތަކުގައި ފެންބޮޑުވެ 30 ގެއަކަށް ފެން ވަދެއްޖެ
ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގައި ގއ. ދާންދޫއަށް ބޯކޮށް ވާރޭވެހި އެރަށު މަގުތަކުގައި ފެން ބޮޑުވެ، 30 ގެއަކަށް ފެން ވަދެއްޖެއެވެ.
ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގައި ގއ. ދާންދޫއަށް ބޯކޮށް ވާރޭވެހި އެރަށު މަގުތަކުގައި ފެން ބޮޑުވެ، 30 ގެއަކަށް ފެން ވަދެއްޖެ އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ދާންދޫ ކައުންސިލްގެ ރައީސް އިސްމާއިލް މުހައްމަދު ވިދާޅުވީ ދާންދޫއަށް ރޭ ފަތިހު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ގެތަކަށް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

އެގޮތުން ރޭ ފަތިހު ވިއްސާރަ ވެހެން ފެށި ގޮތަށް ވިއްސާރަ ހުއްޓާލީ ހެނދުނު 07:00 ހާއިރު ކަމަށާއި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެރަށު ސުކޫލުގެ އިމާރާތާއެކު 30 ގެއަކަށް ފެން ވަދެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން ބައެއް މަގުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވެފައިވާ ކަން ފާހަގަކުރައްވާ އިސްމާއިލް މުހައްމަދު ވިދާޅުވީ އެސަރަހައްދުތަކަކީ މަގުތައް ވަރަށް ތިރި މަގުތަކެއް ކަމަށެވެ.

ރަށުގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ރަށުގެ ކައުންސިލް އިދާރާ އާއި ދާންދޫ ފުލުހުން އަދި ރަށުގެ ރައްޔިތުން ކުރަމުންދާ ކަމަށްވެސް އިސްމާއިލް މުހައްމަދު ވިދާޅުވި އެވެ.

މެޓް އޮފީހުން ވަނީ މިއަދުވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް އެދިފަ އެވެ. އެގޮތުން މިއަދު ގިނަ އަތޮޅުތަކަށް ވައިޓް އެލާޓު ވަނީ ނެރެފަ އެވެ.

މެޓް އޮފީހުން ވަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ގުގުރުން އެކަށީގެންވާ ކަމަށް ބުނެފަ އެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް