ads
މަރުވެފައި އޮތް މަންމަ "ހޭލައްވަން" އުޅުނު ތުއްތު ކުއްޖާއަށް ޝާހު އެހީވަނީ
އިންޑިއާގެ ސިޓީއެއް ކަމަށްވާ، މުޒައްފަރުޕޫރުގެ ރެއިލްވޭ ސްޓޭޝަން ކައިރީގައި ތުއްތު ކުއްޖަކު، އޭނާގެ މަރުވެފައި އޮތް މަންމަ ނިދާފައިވާ އޮތް ކަމަށް ހީކޮށް، ހޭލެއްވުމަށް ގޮވާ ވީޑިއޯއެއް އާންމުވެފައިވަނިކޮށް ބޮލީވުޑުގެ ތަރި، ޝާހު ރުކް ހާނުގެ "މީރު ފައުންޑޭޝަން" އިން އެ ކުއްޖާއަށް އެހީތެރިވާން ނިންމައިފި އެވެ.

އެ ފައުންޑޭޝަނުން ތުއްތު ކުއްޖާ، އޭނާގެ މާމަ އާއި ކާފަ އާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް ބުނީ ކުއްޖާ ބެލެހެއްޓުމުގެ ޒިންމާ އެތަނުން ނަގާފައިވާ ކަމަށެވެ. އެގޮތުން އެ ކުއްޖާ ހޯދުމުގައި އެހީތެރިވި ފަރާތްތަކަށް ވެސް ވަނީ ޝުކުރު އަދާކޮށްފަ އެވެ. 

އާންމުވި ވީޑިއޯ އިން ފެނިގެން ދަނީ ތުއްތު ކުއްޖާ، މަގުމަތީގައި ނިދާފައި އޮތް މަންމަގެ ގައިގާ އަޅާފައިވާ ފޮތިގަނޑަށް ދަމާއި މަންމަ ހޭލެއްވުމަށް ކުއްޖާ ކުރާ މަސައްކަތެވެ. 

މީރު ފައުންޑޭޝަނުން ބުނީ ކުއްޖާ ހުރީ ކާފަގެ ބެލުމުގެ ދަށުގައި ކަމަށާއި އެމީހުންނަށް ކުއްޖާ ބެލުމުގައި އެހީތެރިވާނެ ކަމަށެވެ.

އެކަމާއި ގުޅިގެން ޝާހު ކުރި ޓްވީޓުގައި ބުނީ ކުއްޖާއަށް އޭނާގެ މަންމަ މަރުވެފައިވާކަން އެނގޭ ދުވަހަކުން އެކަމަށް ކުރިމަތިލާނެ ހިތްވަރު ލިބޭނެ ކަމަށް ދުއާ ކުރާ ކަމަށެވެ. އަދި މައިންބަފައިން މަރުވުމުގެ ހިތްދަތިކަން ވަރަށް ރަނގަޅަށް އެނގޭކަމަށް ވެސް ޝާހު ބުންޏެވެ.

ޝާހުގެ ބައްޕަ ވަނީ އޭނާ ކުޑައިރު މަރުވެފަ އެވެ. އަދި މީގެ ތިރީހަކަށް އަހަރު ކުރިން އޭނާގެ މަންމަ ވެސް ވަނީ މަރުވެފަ އެވެ. އެކަމާ ގުޅިގެން މީގެ ކުރިން ބޭރުގެ ނޫހަށް ދިން އިންޓަވިއުއެއްގައި ޝާހު ބުނީ އޭނާއަށް މައިންބަފައިންނާއެކު އެހާ ގިނަ ވަގުތު ހޭދަކުރަން ފުރުސަތު ނުލިބޭ ކަމަށެވެ. އެހެންވެ ދަރިންނާއެކު ގިނަ ވަގުތު ހޭދަކުރަމުންދަނީ އެ ކުދިންނަށް ބައްޕަ ނެތް ކަމުގެ އިހުސާސް ވިޔަ ނުދޭން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް