ads
އޭރު ވެސް މިހާރު ވެސް ތަފާތެއް ނެތް!
މި ވާހަކަ މީގެ ކުރިން އެންމެ ގަދަޔަށް ދެކެވެމުން އައީ މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރެވެ. ހއ. އަތޮޅުގައި މަސައްކަތް ކުރަމުން އައި މީހާ އައްޑޫ އަތޮޅަށް ފޮނުވާލީ އޭނާ ސޯޝަލް މީޑިއާގައި ހިއްސާކުރާ ހިޔާލެއްގެ މައްޗަށް ބިނާކޮށެވެ. ކިރިޔާ ވެސް ސޯޝަލް މީޑިއާގައި އޭރު ވެރިކަން ކުރަމުން އައި ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ފިކުރާއި ތަފާތު ހިޔާލެއް ފާޅުކުރިޔަސް އެމީހަކު ވަޒީފާއިން ވަކިކުރާ ކަމުގެ އަޑުތައް ގަދަ އެވެ. ނޫން ނަމަ އަދަބެއްގެ ގޮތުގައި އަނބިދަރިންނާއި ދުރަށް، ނުވެސް ދަންނަ ހިސާބެއްގެ ރަށަކަށް އެމީހެއްގެ ވަޒީފާ ދިޔައީ ބަދަލުކުރަމުންނެެވެ. މީހުންގެ މަގާމުތައް ދިޔައީ ދަށްކުރަމުންނެވެ.

މިކަމަށް އޭރު އެންމެ ބޮޑަށް ފާޑުކިޔަމުން އައީ އެއް ބަޔަކީ މިއަދު ވެރިކަން ކުރަމުން އަންނަ މައި ޕާޓީ، އެމްޑީޕީ އެވެ. ފާޅުކުރާ ހިޔާލެއްގެ މައްޗަށް މީހުން ވަޒީފާއިން ވަކިކުރުމަކީ ވަރަށް ނާއިންސާފުކޮށް ހިނގާ ކަމެއް ކަމަށް ބުނެ އެކަމާއި ދެކޮޅަށް ތެދުވި އެވެ. ހިޔާލު ތަފާތުވުމަކީ މައްސަލައެއް ނޫންކަމަށާއި ތަފާތު ހިޔާލުތަކަށް އިހުތިރާމުކުރުމަކީ ޑިމޮކްރަސީގެ ރީތި ސިފައެއް ކަމަށް ބުންޏެވެ. އަދި އެންމެ މުހިއްމު އަނެއް ކަމަކީ ރައްޔިތުންނަށް ދިން އިތުބާރެވެ. އެ ޕާޓީގެ ވެރިކަމެއްގައި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދޭނެ ކަމަށް ބުނެ ދިން އިތުބާރެވެ. 

ކޮންމެއަކަސް ކޮންމެ ބަޔަކު ވެސް ވެރިކަމަށް އައުމުގެ ކުރިން ރައްޔިތުންނަށް އެތައް ދަޅައެއް ދައްކަ އެވެ. އެކަމަކު، އެގޮތަށް އެކަން ހިނގިޔަސް، އެ ދައްކާ ވާހަކައެއް ގަބޫލުކުރަން ޖެހެނީ އިތުރު ބަދަލެއް ވެސް ބޭނުންވާތީ އެވެ. އޭރު ކަން ހިނގަމުން އައި ގޮތަށް ވުރެ މޮޅު މަގެއް ވެސް ފެންނާނެ ކަމުގެ އުއްމީދުގަ އެވެ. 

މާޒީގެ ހަނދާންތައް މިފަހަރު ވެސް އާކޮށްލަން މި ޖެހުނީ މިމަހުގެ ދެ ވަނަ ދުވަހު ސޯޝަލް މީޑިއާގައި އާންމުވި ޕޯސްޓަކާއި ގުޅިގެންނެވެ. މިފަހަރު ވެސް ސޯޝަލް މީޑިއާގައި ފާޅުކުރި ހިޔާލަކާ ގުޅިގެން މީހެއްގެ ވަޒީފާ ގެއްލުނު ވާހަކަ އެވެ. ހަމައެކަނި ތަފާތަކީ ރައީސް ޔާމީނު ވެރިކަމުގައި ނެތް ކަމެވެ. ފާލުކުރާ ހިޔާލެއްގެ ސަބަބުން މީހުންގެ ވަޒީފާ ނުގެއްލޭނެ ކަމަށް ބުނެ ޕޯޑިއަމްތަކުގައި އެންމެ ބާރަށް އޭރު އަޑުގަދަ ކުރި ފަރާތްތަކަށް ވެސް ބާރު ލިބުމާއެކު ނިކަމެތި ރައްޔިތުން މީހާއަށްވި ވައުދުތައް ހަނދާން ނެތިއްޖެ އެވެ.

ސޯޝަލް މީޑިއާއިން ފެނިގެންދިޔަ ޕޯސްޓުގައި ވަނީ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) ގައި މަަސައްކަތް ކުރަމުން އަންނަ މީހަކަށް ފަހުގެ އިންޒާރީ ފިޔަވަޅުތަކަށް އަމަލުނުކޮށް ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަނބުރު ގެއްލޭ ގޮތަށް ސޯޝަލް މީޑިއާގައި ލިޔަމުން ގޮސްފައިވާތީ މަގާމުން ވަކިކޮށް ފޮނުވާފައިވާ ޗިޓެވެ. 

އެތައް ބައެއްގެ ފާޑުކިޔުންތައް އެކަމަށް އަމާޒުވަމުންދަނިކޮށް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު، ޝާހިދު އަލީ ވަނީ އެގޮތަށް އެކަންވީ އޮޅުމަކުން ކަމަށް ވިދާޅުވެފަ އެެވެ. އަދި ވަނީ އެ މުވައްޒަފު ވަކިކޮށްފައި ވަނީ އެތަނުގެ ކޯޑް އޮފް ކޮންޑަކްޓް ޕޮލިސީއާ ހިލާފުވުމުން ކަމަށް ވިދާޅުވެފަ އެވެ.

އެކަމާ މުޅި ސޯޝަލް މީޑިއާ، ކެކިގެން އެރީ ކުރީގެ ހަނދާންތަކާއި ވާހަކަތައް އާކުރަމުންނެެވެ. ނުކުރާނެ ކަމަށް ބުނެ ރައްޔިތުންނަށްވި ވައުދުގައި ކޮޅުފައިން ޖެހިކަމަށް ބުނެ އެވެ. 

އެގޮތަށް ހިޔާލު ފާޅުކުރި ބައެއް މީހުން ވަނީ އޭރު އެގޮތަށް މީހުން ވަޒީފާއިން ވަކިކުރުމުން ބަދަލުހިފުމުގެ ގޮތުން އެކަހަލަ ކަންކަން ކުރުން ރަނގަޅު ނޫން ކަމަށް ބުނެފަ އެވެ. އަދި ރައްޔިތުން، ރައީސް ސޯލިހު ވެރިކަމަށް ގެނައުމަށް ވޯޓު ދިނީ އޭރުގައި ކަންކަންކުރަމުން އައި ގޮތް ގޯސްވެގެން ރަނގަޅު ވެރިކަމެއްކޮށްދޭތޯ ކަމަށް ބުންޏެވެ. 

އެމީހާގެ ވަޒީފާ ގެއްލުވާލީ ނުހައްގުން ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ބައެއް މީހުން ވެސް ގަބޫލުކުރެ އެވެ. އެގޮތުން އެމީހާގެ ދިފާއުގައި ނިކުމެ ބުނެފައި ވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އެންމެ ބާރަށް އަޑުގަދަ ކުރި ބަޔަކީ އެމްޑީޕީން ކަމުން، އެމްޑީޕީގެ ވެރިކަމެއްގައި އެފަދަ ނިންމުމެއް ނިންމުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. 

އެގޮތަށް ހިޔާލުފާޅުކުރި އެއް ފަރާތަކީ އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް، އަނަސް އަބްދުއްސައްތާރެވެ. އޭނާ ވިދާޅުވީ އެ ނިންމުމަކީ ވަރަށް ހިތާމަވެރި އަދި އެހާމެ ގޯސް ނިންމުމެއް ކަމަށެވެ. އަދި އެމްޕީއެލްގެ އެ ނިންމުން ރުޖޫއަކުރުމަށް ގޮވަލައި އޭނާ ވިދާޅުވީ ފާޅުކުރާ ހިޔާލަކަށް ބަލައިގެން ވަޒީފާއިން ވަކިކުރުމަކީ "އަޅުގަނޑުމެންގެ" ގޮތެއް ނޫން ކަމަށެވެ.

ކޮންމެއަކަސް، ފާޅުކުރި ހިޔާލަކާއެކު މީހެއްގެ ވަޒީފާ މި ވެރިކަމުގައި ވެސް ގެއްލިއްޖެ އެވެ. އެއާއެކު ސޯޝަލް މީޑިއާގައި ދެން ދައުރުވާން ފެށީ ރައީސް ސޯލިހު، ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު މީޑިއާތަކަށް ދެއްވި އިންޓަވިއުއެކެވެ. އެއީ ފާޑުކިޔަސް ވަޒީފާ ނުގެއްލޭނެ ކަމަށް ވިދާޅުވާ ވީޑިއޯއެކެވެ. އެގޮތަށް އެކަން ނުކުރާނެ ކަމަށް ބުނެ ވެރިކަަމަށް އައި ބަޔެއްގެ ވެރިކަމުގައި އެފަދަ ކަމެއް ހިނގުމުން ފާޑުކިޔާ މިންވަރު ވެސް އިތުރުވާނެ އެވެ. މިފަހަރު ވެސް ކަންތައް ވެގެންދިޔައީ އެހެންނެވެ. 

ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް ގޯސް ކަމެއްކޮށްފިނަމަ އެކަމެއް ވާނީ ގޯސް ކަމަކަށެވެ. އެއީ ތިމާ ގަބޫލުކުރާ ފިކުރެއްގެ ބަޔަކު ކުރި ކަމެއް ކަމަށް ވިޔަސް ކަންވާނީ އެހެންނެވެ. އެފަދަ ކަމެއް އޮޅިގެން ވިޔަސް ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތް ކުރަން ޖެހެ އެވެ. ހަމަ އެއާއެކު ގަބޫލު ކުރަންޖެހޭނީ ފޭރާން ހެޔޮ މުޖުތަމައުއެއް ބިނާ ކުރެވޭނީ ފާޑު ކިޔައިގެން ކަމެވެ. ނަމަވެސް ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ހިޔާލުފާޅު ކުރަން ޖެހޭނީ އިސްލާމްދީނުގެ އުސޫލުތަކާއި ރާއްޖޭގެ ގާނޫނުތަކާ އެއް ގޮތައްކަމެވެ. އަދި ތިމާ ވަޒީފާ އަދާކުރާ ތަނުގައި ހަދާ ހިންގާ އަދި އަމަލު ކުރާ ކޯޑް އޮފް ކޮންޑަކްޓް ޕޮލިސީތަކާއި އުސޫލުތަކާ އެއްގޮތަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް