ads
ތިމާވެށީގެ ދުވަހު ސޭވް މޯލްޑިވްސް އިން ގޮވާލަނީ ގުޅީފަޅު ހިއްކުން ހުއްޓާލުމަށް!
ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ގުޅީފަޅު ހިއްކުން ހުއްޓާލުމަށް ސޭވް މޯލްޑިވްސް އިން ގޮވާލައިފި އެވެ.

ސޭވް މޯލްޑިވްސް އިން ތިމާވެށީގެ ދުވަހާއި ގުޅިގެން ވަނީ ދެމެހެއްޓެނެވި ތަރައްގީއާއި ބީރައްޓެހި މިސްރާބު މުރާޖާކޮށް ކޮވިޑް-19 ބަލިމަޑުކަމާއިއެކު ދިމާވެފައިވާ އިޖުތިމާއީ އަދި އިގްތިސީދީ ކަންކަމަށް ރިއާޔަތްކޮށް، ފަނާކުރަނިވި، އަގުބޮޑު، އަދި މުހިންމުނޫން ތަރައްގީގެ މަސައްކަތްތައް ހުއްޓާލުމަށް ދިވެހި ސަރުކާރަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލާފަ އެވެ.

ރާއްޖޭގެ އިގްތިސާދަށް ހީނުކުރާފަދަ ލޮޅުމެއް ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ސަރުކާރުން އަދިވެސް ދަނީ ކުރިއެކޭ އެއްފަދައިން ކ. އަތޮޅު ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ފަދަ ދެމެހެއްޓެނިވި ތަރައްގީއާއި ބީރައްޓެހި މަޝްރޫއުތައް ބާރު ސްޕީޑްގައި ކުރިއަށް ގެންދަމުން ކަމަށް ސޭވް މޯލްޑިވްސް އިން ވަނީ ފާހަގަކޮށްފަ އެވެ. 

ސޭވް މޯލްޑިވްސް އިން ބުނި ގޮތުގައި 300 މިލިއަން ޑޮލަރުގެ ބޭރުގެ ލޯނު އެހީގައި ސަރުކާރުން ކުރިއަށް ގެންދާ އެ މަޝްރޫއަކީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތާއި އިދިކޮޅަށް، ތޮއްޖެހިފައިވާ މާލެ ސަރަހައްދުގައި ހިދުމަތްތައް އިތުރަށް މަރުކަޒުކުރެވިގެން ދާނެކަމެއް ކަމަށެވެ. އަދި އެ މަޝްރޫއުގެ ސަބަބުން ގުޅީފަޅު ފަރު އިޔާދަނުކުރެވޭނެ މިންވަރަށް މުޅިން ހަލާކުވުމުގެ އިތުރުން 13 އަކަ ކިލޯމީޓަރުގެ ކަނޑުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުން ލިބޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

އެ މަޝްރޫއުގެ މަސައްކަތް މިހާރު ފަށާފައިވާއިރު ތިމާވެށްޓަށް ލިބޭނެ ގެއްލުންތައް މިހާރުވެސް ފެންނަން ފަށައިފައިވާ ކަމަށާއި، ބޮޑު ސަރަހައްދެއްގައި ކިސަޑު ފެތުރި، ވަށައިގެން އޮތް ވިލިނގިލި ފަރަށާއި ކައިރީގައި ހުރި ޑައިވް ކުރާ ސަރަހައްދުތަކަށް އަސަރު ކުރަމުންދާ ކަމަށް ވަނީ ބުނެފަ އެވެ. 

އޭގެ އިތުރުން، ޑައިވަރުންނަށާއި، މަސްވެރިންނަށާއި، ބައެއް ރިސޯޓުތަކާއި އެހެން ވިޔަފާރިތަކަށް އަސަރުކުރާނެ ކަމަށް ސޭވް މޯލްޑިވްސް އިން ވަނީ ބުނެފަ އެވެ.

"މި ގެއްލުންތައް ދޭތަން ބަލާކަށް އަހަރެމެންނަކަށް ނުތިބެވޭނެއެވެ. ރައީސް ސާލިހުއަށް އަހަރެމެން ގޮވާލަނީ މޫސުމާބެހޭ ކުއްލި ނުރައްކަލަށާއި އިގްތިސާދީ ހަގީގަތްތަކަށް އިޖާބަދީ މިހާރުން މިހާރަށް ގުޅީފަޅު ފަނާކުރުން ހުއްޓުވުމަށެވެ،" - ސޭވް މޯލްޑިވްސް

އެގޮތުން، ރާއްޖޭގެ އިގްތިސާދު އެންމެ ބޮޑަށް ބަރޯސާވެފައިވާ ޓޫރިޒަމް ސިނާއަތް ކޮވިޑް-19 އާއި ގުޅިގެން މެދުކަނޑާލުމުން، އެތައް ބައެއްގެ ވަޒީފާތައް ގެއްލި، ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ އަސަރު ތަކެއް ވަނީ ކޮށްފަ އެވެ. އަދި، ފަތުރުވެރިކަމުގެ އިތުރުން ރާއްޖޭގެ އިގްތިސާދުގައި މުހިއްމު ރޯލެއް އަދާކުރާ، މަސްވެރިކަމަކީ ވެސް ގައުމުގެ ތިމާވެއްޓާއި، ގުދުރަތާއި ގުޅިލާމެހިފައިވާ ދެ ސިނާއަތެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކުގެ ނާޒުކުކަން ފާހަގަކުރެވިފައިވަ ކަމަށާއި، އެގޮތުން ސަރުކާރުން އެތައް ޒަމާންތަކެއްވަންދެން ތަރައްގީއާއި ތިމާވެށްޓާއި ދެމެދު ދެކެމުންއައި ގޮތުގައި ހުރި އަސާސީ އުނިކަންތައްތައް މިހާރު ވަރަށް ރަނގަޅަށް ހާމަވެފައިވާ ކަމަށް ސޭވް މޯލްޑިވްސް އިން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް