ads
އޭއެފްސީ ކަޕގެ ޕްރެސްއެއްގައި މާޒިޔާ
އޭއެފްސީ ކަޕުގެ މެޗުތައްވެސް ސެޕްޓެމްބަރު މަހު ފަހުކޮޅު
ކޮވިޑާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ އޭއެފްސީ ކަޕުގެ މެޗުތައް އަންނަ އޮކްޓޫބަރު މަހު ފަހުކޮޅަށް ތާވަލު ކުރަން އޭއެފްސީ މަޝްވަރާކޮށްފިއެވެ. މި އަހަރުގެ އޭއެފްސީ ކަޕުގައި ރާއްޖޭން ވާދަކުރަނީ މާޒިޔާއާއި ޓީސީއެވެ.

ކޮރޯނާއާއި ގުޅިގެން އޭއެފްސީގެ ހުރިހާ މެޗެއް، މުއްދަތެއް ނެތް ގޮތަށް ފަސް ކުރަން އޭއެފްސީން ނިންމާފައިވަނީ އޭޕްރީލް މަހުގެ މެދު ތެރޭއެވެ. އޭއެފްސީ ކަޕުގައި ރާއްޖޭގެ ޓީމުތައް އޭރު ކުޅެފައިވަނީ އެންމެ މެޗެކެވެ. އެއީ ބަންގްލަދޭޝްގައި ބަޝަންދުރާ ކިންގްސް އަތުން ބޮޑު ތަފާތަކުން ޓީސީ ބަލިވި މެޗާ، ޗެންނާއީ އެފްސީއާ މާޒިޔާއިން އެއްވަރު ކުރި މެޗެވެ. މި ދެ މެޗުވެސް ކުޅެފައިވަނީ ރަށުން ބޭރުގައެވެ.

އޭއެފްސީ ކަޕުގެ މެޗުތައް އަލުން ފެށުމާއި ގުޅޭ ގޮތުން، އޭއެފްސީންވަނީ ހުކުރު ދުވަހު ކްލަބުތަކާ މަޝްވަރާކޮށްފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މި ގޮތުން މި މަޝްވަރާތަކުގައި އަދި ވަކި ގޮތެއް ފައިނަލް ނުކުރި ނަމަވެސް، އޭއެފްސީން ވަނީ ދެ ގޮތެއް ކްލަބުތަކަށް ހުށަހަޅާފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އޭއެފްސީގެ އެއް ހުށަހަޅުމަކީ ސެޕްޓެމްބަރު މަހުގެ ބާވީސްވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ހަތަރުވަނަ ދުވަހާއި ހަމައަށް، ހޯމް އެންޑް އަވޭ އުޞޫލުން މެޗުތައް ކުޅެ ނިންމާލުމެވެ. އޭއެފްސީން ހުށަހެޅި ދެވަނަ ހުށަހެޅުމަކީ އޮކްޓޫބަރު މަހުގެ ތޭވީހުން ފެށިގެން ނޮވެމްބަރު މަހުގެ ހަތަރުވަނަ ދުވަހާއި ދެމެދު ކަނޑައެޅޭ އެއް ސްޓޭޑިއަމެއްގައި ހުރިހާ މެޗެއްވެސް ކުޅުމެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

އެނގިފައިވާ ގޮތުގައި ކްލަބުތަކާއި އެކު އޭއެފްސީން ބޭއްވި މަޝްވަރާތަކުގައި ގިނަ ކްލަބުތަކަށް ކަމުދިޔައީ އޭއެފްސީގެ ދެވަނަ ހުށަހެޅުމެވެ. އެއީ ކަނޑައެޅޭ ކޮންމެވެސް އެއް ސްޓޭޑިއަމެއްގައި މެޗުތައް ކުޅެ ނިންމާލުމެވެ. އެހެންނަމަވެސް ނިއުޓްރަލް ސްޓޭޑިއަމެއްގައި މެޗުތައް ކުޅުމަށްވެސް އެ ކްލަބަކުން ހުށަހެޅި ކަމަށް އެނގިފައިވެއެވެ. އޭއެފްސީގެ ވިސްނުމަކީ މި މެޗުތައް ރާއްޖެ، ބަންގްލަދޭޝް ނުވަތަ އިންޑިޔާގެ ކޮންމެވެސް ކަނޑައެޅޭ އެއް ސްޓޭޑިއަމެއްގައި ކުޅުމެވެ. އެހެންނަމަވެސް މިކަމުގައި އަދި ވަކިގޮތެއް ނުނިމެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް