ads
ނައިބް ރައީސް ފައިސަލް ނަސީމް -- ފޮޓޯ: ރައީސް އޮފީސް
މާބަނޑު މީހުންނަށް ހަރުދަނާ އަވަސް ހިދުމަތް ފޯރުވުން މުހިންމު: ނައިބު ރައީސް
މާބަނޑު މީހުންނަށް ފަރުވާ ދިނުމުގައި ހަރުދަނާ އަވަސް ހިދުމަތް ފޯރުކޮށްދިނުން މުހިންމުކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ސިއްހީ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމާ ބެހޭގޮތުން މަޝްވަރާކުރުމަށް ބައްދަލުވުމެއް ބާއްވާފައިވާއިރު، ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ވީހާވެސް ބާރު ސްޕީޑެއްގައި ހަރުދަނާގޮތެއްގައި ފޯރުކޮށްދިނުމާ ގުޅޭގޮތުން ނައިބު ރައީސް ފައިސަލް މަޝްވަރާކޮށްފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. އަދި ހާއްސަ ގޮތެއްގައި މާބަނޑު މީހުންނަށް ބޭނުންވާ ފަރުވާދިނުމުގައި ވީހާވެސް ހަރުދަނާ އަވަސް އިންތިޒާމުތަކެއް ހަމަޖެހިފައި އޮތުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވިކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

އަދި  އެމެޖެންސީކޮށް ފަރުވާ ދޭންޖެހޭ ހާލަތްތަކުގައި ހަމަޖައްސަންޖެހޭ ހުރިހާ އިންތިޒާމްތައް ވީހާވެސް އަވަހަށް ހަމަޖެހޭނެގޮތަށް ކަންކަން ރޭއްވެވުމަށާއި ފެންވަރު ރަނގަޅު ހިދުމަތެއް ލިބޭނެގޮތަށް ވަސީލަތްތަކާއި އެހެނިހެން ކަންކަން ސިއްހީ ހިދުމަތްދޭ ތަންތަނުގައި ހަމަޖެހިފައި ހުރިކަން ކަށަވަރުކުރެއްވުމަށް ނައިބުރައީސް އެދިވަޑައިގެންފައިވެ އެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި، އަތޮޅުތެރޭގައި ދިމާވާ އެކިއެކި ސިއްހީ ކުއްލި ހާލަތްތަކުގައި ފަރުވާގެ ކަންކަން އިންތިޒާމުކުރުމުގައި މިހާރަށްވުރެ ހަރުދަނާ އިންތިޒާމުތަކެއް ރާވައި، ކަމާބެހޭ ހުރިހާ ފަރާތްތަކުން ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެވިފައިވާކަމަށެވެ.

އޮންލައިނުކޮށް ކުރިއަށްދިޔަ  ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެނެވީ ހެލްތް މިނިސްޓަރު އަބުދުﷲ އަމީންއާއި، ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދުދީދީ އާއި އާސަންދަ ކުންފުންޏާއި އެސްޓީއޯގެ އިސްވެރިންގެ އިތުރުން ސިއްހީ ދާއިރާގެ ކަމާބެހޭ ބައެއް އިސްފަރާތްތަކުން ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް