ads
މެމްބަރު ޝިޔާމް-- ފޮޓޯ: ސޯޝަލް މީޑިއާ
މަޖިލީހުގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަން ޝިޔާމް ރާއްޖެއިން ބޭރަށް ދަނީ
ގާނޫނުއަސާސީ އިސްލާހުކުރުމަށް މިމަހުގެ އެއް ވަނަ ދުވަހު ދަންވަރު ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދިއުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމަށް އަނިޔާކުރި ކަމަށް ބުނާ މައްސަލަ ފުލުހަށް ހުށަހެޅުމުން، މިހާރު ފުލުހުން ވެސް އަންނަނީ އެކަން ތަހުގީގުކުރަމުންނެވެ.

މިހާރުގެ ހާލަތު ބަޔާންކޮށް ޝިޔާމް ނެރުނު ބަޔާނެއްގައި ވިދާޅުވީ އޭނާ ހަށިގަނޑުގެ އެކިތަންތަނަށް އަނިޔާލިބި، މައިބަދައިގެ ތިރީބަދައެއް ކޮންމެވެސް ވަރަކަށް އެތެރެއަށް ޖެހި ބަދައިގައި ރެނދުލާ، މޭކަށިގަނޑަށްވެސް އަނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ކޮށްފައިވާ ޓެސްޓުތަކުން އެނގިވަޑައިގަންނަވާ ކަމަށެވެ. އެހެންވެ މިހާރުގެ ހާލަތުގައި ހިނގާ ބިނގާވެ އުޅުމަށްވެސް ދަތިކަން އެބަ ހުރި ކަމަށާއި އަދި އިތުރު މައްސަލަތަކެއް ވެސް މިހާރު ކުރިމަތިވަމުން އަންނަ ކަމަށެވެ.

ޝިޔާމް ވިދާޅުވީ އެކަމާއި ގުޅިގެން ރާއްޖެއިން ބޭރަށް ދާން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ލިބިވަޑައިގަންފައިވާތީ ފަރުވާއަށް ބޭރަށް ދިއުމުގެ ތައްޔާރީތައް ވެސް ވަމުން އަންނަ ކަމަށެވެ.

މަޖިލީހުގައި ހަމަނުޖެހުން ހިނގި ގޮތް ބަޔާން ކުރަމުން ޝިޔާމް އިތުރަށް ވިދާޅުވީ އޭނާގެ ނަން އެރޭ، މަޖިލީހުގެ ރައީސް އިއްވާފައި ވަނީ އެއްވެސް ނަސޭހަތެއް އިންޒާރެއް ދެއްވުމެއް ނެތި ކަމަށެވެ.

"މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ނުބޭއްވި، މިހާރު އިންތިހާބުވެފައިވާ ކައުންސިލްތަކުގެ ދައުރު ހަމަވެ، ކުރިމަތިވެދާނެ ދުސްތޫރީ މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުން ގެންދިޔަ މަސައްކަތުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ދެއްވާފައިވާ އިސްތިޝްރީ ލަފާގެ ރޫޙާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ހިލާފަށް ގާނޫނުއަސާސީ އިސްލާޙު ކުރުމަށް 2020 ޖޫން 1 ވަނަ ދުވަހުގެ ރޭ ދަންވަރު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްވަނީ އެއްވެސް ނަސޭހަތެއް، އިންޒާރެއް ދެއްވުމެއް ނެތި، އަޅުގަނޑުގެ ނަން އިއްވައި މަޖިލިސް ދޫކޮށް ދިއުމަށް އަންގަވާފައެވެ،" އެ ބަޔާނުގައި ފާހަގަކުރެ އެވެ. 

ސިޔާމް އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ނަން އިއްވުމުގައި އަމަލުކުރަންޖެހޭ އިޖުރާއާތު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 65 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އޭނާގެ ނަން އިއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 65 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ. 

އޭގެ އިތުރުން ޝިޔާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތަބާވާންޖެހޭނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ގާނޫނުތަކާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އަންގަވާ އެންގެވުންތަކަށްކަން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ބެލުމުން ސާފުކޮށް އެނގެން އެބަ އޮތް ކަމަށާއި އެރޭ ބޭއްވުނު މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ގަވާއިދާ ހިލާފަށް އެންގެވި އެންގެވުމާ އެއްގޮތަށް އޭނާ ޖަލްސާދޫކޮށް ނުދިޔަކަމަށް ވިދާޅުވެ، މަޖިލީހުން ނެރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ މެންބަރުންނަށް އަމުރު ކުރައްވާފައި ކަމަށެވެ.

އަދި އެކަމަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ތިން ވަނަ މާއްދާއާއި 65 ވަނަ މާއްދާއާ ކަނޑައެޅިގެން ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރައްވާފައިވާކަމެއްކަން އޭނާގެ ބަޔާނުގައި ވިދާޅުވި އެވެ. 

"މަޖިލީހުގެ ރައީސްގެ މި ޣައިރު ގާނޫނީ އެންގެވުމާ ގުޅިގެން ސަރުކާރަށް ނިސްބަތްވާ މެންބަރުންތަކެއް ވަނީ އެޗްޕީއޭގެ އެންގުމާއި، އެ އޭޖެންސީގެ ގައިޑްލައިނާ ހިލާފުވެ، ގައިގޯޅިވެ، ގަޔަށް އަތްލައި އަޅުގަނޑު މަޖިލީހުން ނެރެންކަމަށްބުނެ ގިނަގުނަ އަނިޔާތަކެއް ދީފައެވެ،"

ޝިޔާމް ވަނީ މަޖިލީހުގެ ތަޅުމުގައި އޭނާއަށް ލިބެމުންދިޔަ އަނިޔާތަކުން ސަލާމަތްކުރައްވަން މަސައްކަތް ކުރެއްވި މެމްބަރުންނަށް ވެސް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ވިދާޅުވީ ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް ފަހު ކުރިއަށް ވުރެ ވަރުގަދަ ރޫހެއްގައި އެނބުރި އަންނާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް