ads
ޑރ. މުހައްމަދު މުއިއްޒު--
ރައީސް ޔާމީން ނިންމި ގޮތަށް ގުޅީފަޅުގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށް ގެންދިއުމުން ފައިދާ ބޮޑުވާނެ: މުއިއްޒު
ގުޅީފަޅުގައި ބޮޑު ޕޯޓެއް އެޅުމަށްވުރެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިއުލާންކުރެއްވި، "ވިލިމާލޭ-2" ގެ މަޝްރޫއުއަކީ ރައްޔިތުންނަށް މާފައިދާ ބޮޑު މަޝްރޫއުއެއް ކަމަށް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވިލިމާލެ-2 އަކީ 2018 ވަނަ އަހަރުގެ މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް ޔާމީން އިއުލާންކުރެއްވި މަޝްރޫއުއެކެވެ. އެގޮތުން އެތަނަކީ ތިން ލައްކަ މީހުންގެ އާބާދީ އަކަށް އަމާޒުކޮށްގެން ތަރައްގީ ކުރައްވާނެ ތަނެއްކަމަށް ވިދާޅުވި އެވެ. 

އެ މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައި އޮތީ ގުޅީފަޅުން 230 ހެކްޓަރު އަދި ފުށިދިއްގަރު ފަޅު 800 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. އެއާއެކު މާލެ އާއި ވިލީމާލޭގެ އިތުރުން ގުޅީފަޅާއި ތިލަފުށި ބްރިޖަކުން ގުޅުލުމަށް ވެސް އޮތީ ނިންމާފަ އެވެ.

އެގޮތުން 18 އަހަރުވެފައިވާ ކޮންމެ ދިވެހި ރައްޔިތެއްގެ އިތުރުން އަމިއްލަ ނަމުގައި 1000 އަކަފޫޓުގެ ބިމެއް ނެތް ކޮންމެ މީހަކަށް ވިލިމާލޭ-2 މަޝްރޫއުގައި ހަދައި ފްލެޓުތަކަށް ކުރިމަތިލެވޭ ގޮތަށް އޮތްއިރު ރިޔާސީ އިންތިހާބަށް ކުޑަތަންވެފައިވަނިކޮށް ވަނީ އެތަނުގައި ހަދައި ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. 

އެކަމަކު ވެރިކަން ބަދަލުވެ އެ މަޝްރޫއުގެ ބަދަލުގައި ގުޅީފަޅުއަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުމަށް އެތަނުން ބިން ހިއްކުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. 

ނެދަލެންޑުގެ ބޮސްކާލިސް ކުންފުނިން ގުޅިފަޅު ކޮންނަން ފެށި ދުވަހުން ފެށިގެން، އެ މަސައްކަތުގެ ސަބަބުން އުފެދޭ ކިސަޑުތައް ވިލިމާލޭގެ ފަރު މައްޗަށް ޖަމާވުމާއި އަދިވެސް ފަރަށް އެކި ކަހަލަ ގެއްލުންތައް ލިބެމުންދާތީ އެ މަސައްކަތް ހުއްޓުވުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

އެ މަސައްކަތް ކުރިއަށްދާ ގޮތާއި ގުޅިގެން ސުވާލުކުރުމަށް އިއްޔެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް އެންވަޔަރަމަންޓް މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީގެ އިތުރުން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިސް ބޭފުޅުން ހާޒިރު ކުރި އެވެ. 

އެގޮތުން މެމްބަރުން ކުރިމަތި ކުރި ސުވާލެއްގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ އެ މަޝްރޫއަކީ ތިމާވެއްޓަށް ނޭދެވޭ އަސަރުކުރި ނަމަވެސް އިގްތިސޯދަށް މާބޮޑަށް ފައިދާވާނެ މަޝްރޫއުއެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އެ ޕޯޓުގެ މަޝްރޫއު ކުރިއަށް ގެންގޮސްގެން ނޫނީ ދެން އިތުރަށް ރާއްޖޭގެ މުދާ އެތެރެކޮށް ބޭރުކުރުމަށް އޮންނަ ދޮރާށި ތަރައްގީ ކުރެވެން ނެތް ކަމަށް ސަރުކާރުން ދެކޭ ކަމަށެވެ. 

އެތަނުގައި ޕޯޓު ހެދުމާއި ދެކޮޅަށް އިދިކޮޅުން ކަންބޮޑުވުންތައް ފާޅުކުރަމުންދާ މިދަނޑިވަޅުގައި ޑރ. މުއިއްޒު ވިދާޅުވީ ގުޅީފަޅުގައި ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން" ގެ ގޮތުގައި ވިލިމާލެ-2 ގެ މަޝްރޫއު ރައީސް ޔާމީންގެ ސަރުކާރުން އޮތީ ލޯންޗުކޮށްފައި ކަމަށާއި ކުއްލިއަކަށް ޖާގަ ބޮޑު، ޕޯޓެއް އެތަނުގައި ހެދުމަށް ވުރެ ރައީސް ޔާމީންގެ ސަރުކާރުން ނިންމި ގޮތަށް މަޝްރޫއު ކުރިއަށް ގެންދިއުމުން އެކަމުގައި ރައްޔިތުންނަށް ލިބޭ ފައިދާ ބޮޑުވާނެ ކަމަށެވެ.

އެކަމާއި ގުޅިގެން ރައީސް ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި އަދި މިހާރު މާވަށު ދާއިރާގެ މެމްބަރުކަން ކުރައްވަމުން އަންނަ ސައީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން ވިދާޅުވީ ގުޅީފަޅަކީ ކޮމާޝަލް ޕޯޓް ހެދަން އެންމެ ރަނގަޅު ތަން ނޫންކަން ޗާޓަށް ބެލިޔަސް އެނގޭނެ ކަމަށެވެ. އަދި އޭރުގެ ސަރުކާރުން ތިލަފުށީގައި ޕޯޓު އަޅަން ނިންމީ ރާއްޖޭގެ އިގްތިސޯދު ފުޅާކޮށް މެރިޓައިމް ކޮމާންސްގެ ފައިދާ އެންމެ ފުޅާ މިނެއްގައި ނެގުމަށް ކަމަށް ވިދާޅުވި އެވެ. 

ތިލަފުށީގައި ޕޯޓް އެޅުމުގެ ބަދަލުގައި ގުޅީފަޅުގައި އަޅަން ނިންމި ސަބަބު ބަޔާންކޮށް ކޮމިޓީގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ތިލަފުށީގައި ވެސް އެ ބަނދަރު ހެދުމުގެ ވިސްނުން އޮތް ނަމަވެސް އެތަނުގައި މަޝްރޫއު ކުރިއަށް ނުގެންދިޔައީ އެތަނީ ކުނި ޖަމާކުރާ ރަށަކަށް ވުން ކަމަށެވެ. އެގޮތުން ވިދާޅުވީ ޕޯޓަކީ ކާބޯތަކެތި ވެސް އެތެރެކޮށް ބޭރުކުރާނެ ތަނެއް ކަމުން އެގޮތަށް އެކަން ކުރުމަކީ ރައްކާތެރިކަމެއް ކަމަށް ފެނިވަޑައިނުގަތީ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް