ads
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ގުޅީފަޅު މަޝްރޫއު މުހިއްމު، އެކަމަކު ފަރު ހަލާކުވާން ދޫކޮށްލެވޭކަށް ނެތް: ނަޝީދު
މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަށް، އެ ރަށުގެ ފަޅުން ބޮޑު ސަރަހައްދެއް ހިއްކަމުން އަންނައިރު އެ މަޝްރޫއަކީ މުހިއްމު މަޝްރޫއުއެއް ކަމަށާއި އެކަމަކު ފަރުހަލާކުވާން ދޫކޮށްލެވެން ނެތް ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގުޅީފަޅު ހިއްކުން ކުރިއަށްދާއިރު ފަރު ރައްކާތެރިކުރުމުގެ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އިތުރުން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންނަނީ އެދެމުން ކަމަށެވެ. އަދި އެދުންތައް ސަރުކާރުން ބަލައިގަންނާނެ ކަމަށް ގަބޫލުކުރައްވާކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ ގުޅީފަޅުގެ މަޝްރޫއުއަކީ މުހިއްމު އަދި އެހާމެ ގިނަ ފައިދާ ކުރާނެ މަޝްރޫއުއެއް ކަމަށެވެ. 

އެކަމަކު އެ މަޝްރޫއު ކުރިއަށްދާއިރު ވެސް ފަރަށް ގެެއްލުންވިޔަދެވެން ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

މިއަދު ނަޝީދު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ މާލެ ސަރަހައްދު ހިއްކަން ޖެހެނީ އެހެން ގޮތެއް ނެތް ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކަމަށާއި ތަރައްގީގެ ގިނަ މަސައްކަތްތަކުން ތިމާވެއްޓަށް ނުރަނގަޅު އަސަރު ކުރާކަމަށެވެ. 

"މާލެ ސަރަހައްދަށް އިތުރު ހިކި ފަސް ބޭނުމީ މާލެ ގަ ދިރިއުޅުއްވާ އެހެން ގޮތެއް ނެތް ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް އަދި މި ސަރަހައްދު ތޮއްޖެއްސުން ހުއްޓުުވުން ވެސް މުހިންމު،"

ގުޅީފަޅު ހިއްކުމުގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރުކުރަމުން އަންނަ މައްސަލަ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ވެސް ދިރާސާ ކުރަމުން އަންނައިރު ކޮމިޓީގައި އިއްޔެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ އެ މަޝްރޫއު ކުރިއަށް ގެންދަނީ ބަލަން ޖެހޭ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުވެގެން ކަމަށެވެ. އެގޮތުން ކަމެއް ފާހަގަކުރެވުމާއެކު އެކަން ރަނގަޅުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް