ads
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު -- ފޮޓޯ: ޝަހީމް/ފޭސްބުކް
ޝަހީމްގެ ސުވާލެއް: ކުރިއަށް އޮތް ތިން އަހަރު 20000 ފްލެޓް އަޅަނީ ޖިންނީން ލައްވާތަ؟
މި ސަރުކާރުގެ ބާކީ އޮތް ތިން އަހަރުގެ ތެރޭގައި 20000 ފްލެޓް އަޅަނީ ޖިންނީން ލައްވާ މަސައްކަތްކޮށްގެންތޯ ކުރީގެ އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ސުވާލު އުފައްދަވައިފި އެވެ.

ދިވެހި ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް މި ސަރުކާރުން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 20000 ހައުސިން ޔުނިޓް އެޅުމަށް ނިންމާފަ އެވެ. އެގޮތުން އެ މަޝްތޫއު ފެށުމަށް މިއަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓުގައި ވަނީ 600 މިލިއަން ރުފިޔާ ވެސް ކަނޑައަޅާފަ އެވެ. 

އެއިން އެއްވެސް ހައުސިން ޔުނިޓެއްގެ މަސައްކަތް މިއަދާ ހަމައަށް ނިމިފައި ނުވާއިރު ރައީސް ޔާމީނުގެ ވެރިކަމުގައި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާކަން ވެސް ކުރެއްވި ޝަހީމް މިރޭ ވަނީ ބާކީ އޮތީ ތިން އަހަރު ކަމަށާއި އެމްޑީޕީގެ ސަރުކާރުން 20000 ފްލެޓް އަޅަނީ ޖިންނީން ލައްވާތޯ ސުވާލު އުފައްދަވާފަ އެވެ. އަދި ވިދާޅުވީ ޖިންނީން ލައްވާ މަސައްކަތްކޮށްގެން ނޫން ގޮތަކަށް 20000 ފްލެޓް ތިން އަހަރުން އެޅޭނެހެން ހީނުވާ ކަމަށެވެ.

އަދި ހިޔާ ފްލެޓްތަކަށް އިޝާރާތް ކުރައްވަމުން ވިދާޅުވީ "އަޅާފައި ހުރި 7000 ފްލެޓް ދެ އަހަރު ތެރޭގައި ހަވާލުނުކުރެވުން" ކަމަށެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ތަރައްގީކޮށްފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓު ވެސް އޭރު އާންމުކުރި އެވެ. އެކަމަކު ފްލެޓް ދީފައިވާ ގޮތާއި މެދު އެތައް ބައެއްގެ ކަންބޮޑުވުންތަކެއް ހުރުމުން މި ސަރުކާރުން ވަނީ ވެރިކަމާއި ހަވާލުވުމަށް ފަހު ފްލެޓް ދީފައި ވަނީ ހައްގުވެރިންނަށްތޯ ބެލުމަށް ކޮމިޝަނެއް އުފައްދާފަ އެވެ. 

ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ވިދާޅުވާ ގޮތުގައި، ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދުކުރުމުގެ ކުރިން އެ ކޮމިޝަނުން ވަނީ މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތް ދެ ހަފުތާގެ ތެރޭގައި ނިމޭނެ ކަމަށް އަންގާފަ އެވެ. އެކަމަކު މިހާރު އެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. 

އާތިފާ ވިދާޅުވާ ގޮތުގައި ސަރުކާރު ހުޅުވުމާއެކު އެ މަސައްކަތް ފަށައި އަންނަ މަހުގެ ތެރޭގައި ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓު އާންމުކުރެވޭނެ އެވެ. އަދި މިއަހަރު ނިމުމުގެ ކުރިން އެތަންތަނުގައި ދިރިއުޅެން ފެށޭނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް