ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އިދިކޮޅުން މާދަމާގެ ޖަލްސާ ބޮއެކޮޓްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަމާއެކު، ގާނޫނީ ޒިންމާ އަދާކުރެވޭފަދަ މާހައުލެއް އޮތްކަމަށް ނުފެންނާތީ ކަމަށް ބުނެ މާދަމާގެ ޖަލްސާ ބޮއިކޮޓް ކުރަން ނިންމައިފި އެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕުން މިރޭ ނެރުނު ބަޔާނުގައި ބުނީ ރައްޔިތުންގެ މަޖިލީހުގައި ގާނޫނީ ޒިންމާ އަދާކުރެވޭފަދަ މާހައުލެއް އޮތްކަމަށް ނުފެންނާތީ އާއި މަޖިލީހުގައި ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހްމަދު ޝިޔާމުގެ ސިއްހީ ހާލު ގޯސްވެފައި ވާތީއާއި، އެކަމާގުޅޭ ޖިނާއީ ތަހްގީގެއް ވެސް ހިނގަމުންދާތީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުން މާދަމާގެ ޖަލްސާގައި ބައިވެރި ނުވާނެ ކަމަށެވެ. 

"ޖަލްސާތަކުގައި ބައިވެރިވުމާ ގުޅޭގޮތުން ޖޮއިންޓް ޕާޓީގެ ނިންމުން ވަރަށް އަވަހަށް ހާމަކުރާނެ ވާހަކަވެސް ދަންނަވަމެވެ،" ބަޔާނުގައި ބުނެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ ގާނޫނުއަސާސީ އިސްލާހުކުރުމަށް ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު  ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 65 ވަނަ މާއްދާއާ ހިލާފަށް، ކުއްލިއަކަށް މެމްބަރު ޝިޔާމްގެ ނަން އިއްވެވުމަށްފަހު، ބޭރަށް ނިކުންނެވުމަށް އަމުރު ކުރައްވައި، އަދި އެމްޑީޕީގެ ބައެއް މެންބަރުން ލައްވާ މެންބަރު ޝިޔާމަށް އަނިޔާކޮށް، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގެ އެންގެވުމަށް މާރާމާރީ ހިންގައި، ގަދަކަމުން މަޖިލީހުގެ މާލަމުން ބޭރަށް ނެރެލި ކަމަށެވެ. 

އަދި މަޖިލިސްކުރާ މާލަމުގެ ދޮރު ތަޅުލައި، ޝިޔާމުގެ ހާލަތު ދެނެގަތުމަށް ޖަލްސާކުރާ މާލަމުން ނިކުންނެވި އިދިކޮޅު ޕާޓީގެ މެންބަރުން ޖަލްސާގައި ބައިވެރިނުކޮށް، އަދި މެންބަރުންނަށް ވާހަކަ ދެއްކުމާއި ވޯޓުލުމުގެ ހައްގު ވެސް ނިގުޅައިގަތް ކަމަށެވެ. 

އެ ބަޔާނުގައި އިތުރަށް ބުނީ ރައްޔިތުންގެ މަޖިލީހުގެ ހިންގުމުގެ އެންމެ އިސްވެރިޔަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 3 ވަނަ މާއްދާގައި، މަޖިލީހުގެ ހުރުމަތާއި ގަދަރު ހިފެހެއްޓުމާއި މަޖިލީހުގެ ކަރާމާތަށް އުނިކަމެއް އަތުވެދާނެކަމަށް ބެލެވޭކަމެއް ފާހަގަކުރެވިއްޖެނަމަ، އެކަމެއް ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ، މަޖިލީހުގެ ރައީސްގެ ޒިންމާއެއްކަމަށް ވެސް ބަޔާންކޮށްފައިވާއިރު، އެ މަސްއޫލިއްޔަތު އެ ރޭ މަޖިލީހުގެ ރައީސް އަދާކުރައްވާފައި ނުވާ ކަމަށެވެ. 

އަދި ބުނީ މަޖިލީހުގެ ހުރުމަތާއި ކަރާމަތާއި ގަދަރު ކުޑަވާގޮތަށް އަމަލު ކުރައްވާފައިވުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި މެންބަރުންގެ ސަލާމަތީ ކަންކަން، ދައުލަތުގެ ސަލާމަތީ ހިދުމަތްތައް މެދުވެރިކޮށް ފުރިހަމައަށް އިންތިޒާމު ކުރައްވާފައި ނުވާ ކަމަށް ވެސް ގަބޫލުކުރާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް