ads
ނިއުޒިލޭންޑުގެ ބޮޑު ވަޒީރު---
ކޮވިޑު ޖެހުނު އެންމެން ރަނގަޅުވެ ނިއުޒިލެންޑުގައި އެޅި ފިޔަވަޅުތައް އުވާލަނީ
ނިއު ޒިލެންޑުގައި ކޮވިޑް-19 ޖެހުނު އެންމެން ބަލިން ރަނގަޅުވެ، އެ ބަލިން ރައްކާތެރިވުމަށް އެ ގައުމުގައި އެޅި ފިޔަވަޅުތައް އުވާލަން ނިންމައިފި އެވެ.

އެ ގައުމުގެ ބޮޑު ވަޒީރު ޖަސިންދާ އާޑާން ވިދާޅުވި ގޮތުގައި، ކޮވިޑްއަށް ފަރުވާދެމުންދިޔަ އެންމެ ފަހު މީހާ މިހާރު ރަނގަޅުވުމާއެކު އިގްތިސޯދު އާރާސްތުކުރަން ފުރުސަތު ވަނީ ލިބިފަ އެވެ.

އެގޮތުން މިރޭ އެގައުމުގައި ވަނީ މީހުން އެއްވެ އުޅުން މަނާކޮށްފައި އޮތް އޮތުން ނަގައި މުޅި ގައުމު ހުޅުވާލަން ނިންމާފަ އެވެ. ގައުމުގެ ތެރެ ހުޅުވާލަން ނިންމި ނަމަވެސް އަދިވެސް ބޯޑަރު އޮންނާނީ ބަންދުކޮށްފައި ކަމަށް ބީބީސީގައި ރިޕޯޓްކުރެ އެވެ. 

އެގައުމުގައި ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ނުވާތާ މިހާރު ދެ ހަފުތާވެފައިވާއިރު ހާލަތަށް ބަލައި އެގައުމުގައި ވެސް އައީ ލުއިތައް ދެމުންނެވެ. 

ކޮވިޑް-19 ފެތުރެން ފެށުމާއެކު އެގައުމު އެންމެ ފުރަތަމަ ލޮކްޑައުންއަކަށް ދިޔައީ މާޗު މަހުގެ 25 ގަ އެވެ. އެގޮތުން ވިޔަފާރިތަކާއި ސްކޫލުތައް ބަންދުކޮށް މީހުން ގެއިން ބޭރަށް ނުނިކުތުމަށް އެންގި އެވެ.

އޭގެ ފަސް ވަރަކަށް ހަފުތާ ފަހުން އޭޕްރީލް، މަހުގައި އެގައުމުން ވަނީ ޓޭކްއަވޭގެ ހިދުމަތްދޭ ތަންތަނުގެ ހިދުމަތް ދިނުމާއި އަދިވެސް ބައެއް ކަހަލަ ވިޔަފާރިތައް ހުޅުވުމަށް ހުއްދަދީފަ އެވެ. އެކަމަކު މިހާރު މިވަނީ ކައިވެނި ޕާޓީތަކާއި ސްކޫލްތަކާއި އެތެރޭގެ ދަތުރުފަތުރު ކުރުމުގެ ހިދުމަތްތަކުގެ އިތުރުން މީހުންގެ ޖަނާޒާގެ ކަންކަން ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދޭން ނިންމާފަ އެވެ.

ނިއުޒިލޭންޑުން ކޮވިޑް-19 އަށް 1154 މީހަކު ޕޮޒިޓިވްވި އެވެ. އަދި 22 މީހަކު އެގައުމުގައި ވަނީ އެ ބަލީގައި މަރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް