ads
އިތުރު 200 ބަންގްލަދޭޝީ ގައުމަށް ފޮނުވާލައިފި
ރާއްޖޭގައި މަސައްކަތް ކުރަމުން ދިޔަ ބަންގަލަދޭޝް މީހުންގެ ތެރެއިން އިތުރު 200 މީހަކު އެނބުރި ގައުމަށް ފޮނުވާލައިފި އެވެ.

މޯލްޑިވިއަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ބަންގްލަދޭޝްގެ އިތުރު 200 މީހަކު ގައުމަށް ފޮނުވާލާފައިވަނީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެއްގައި މިއަދު ކަމަށެވެ.

ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ ތެރެއިން މިހާތަނަށް 1800 އަށް ވުރެ ގިނަ މީހުން ގައުމަށް އަނބުރާ ފޮނުވާލާފައިވާ ކަމަށާއި މިއަދާ ހަމައަށް 10 ދަތުރު ބަންގަލަދޭޝް އަށް މީހުން ގޮވައިގެން އުދުހިފައިވާ ކަމަށް މޯލްޑިވިއަނުން ބުނެ އެވެ.

ފޮރިން މިނިސްޓްރީން ކުރިން ބުނެފައިވާގޮތުގައި ބަންގަލަދޭޝް މީހުން ގޮވައިގެން އެގައުމަށް އުދުހުމުގައި ބަންގްލަދޭޝް ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމެއް ވަނީ ލިބިފަ އެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ ބަންގްލަދޭޝް މީހުންގެ ތެރެއިން ބަޔަކު ވަނީ މިދިޔަ މަހުގެ ފަހުކޮޅު ވެސް ދެ ފަހަރެއްގެ މަތިން އެގައުމަށް ފޮނުވާލާފައި ކަމަށާއި އެގޮތުން މިދިޔަ މަހުގެ 26 ގައި ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ 200 ބަންގްލަދޭޝް މީހަކު ގައުމަށް ފޮނުވާލިއިރު 22 ވަނަ ދުވަހު ވަނީ ރާއްޖޭގައި ދިރިއުޅެމުންދިޔަ 352 ބަންގްލަދޭޝް ރައްޔިތަކު އެ ގައުމަށް ފޮނުވާލާފަ އެވެ.

ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް ރައްޔިތުން ފޮނުވާލުމުގެ މަސައްކަތަކީ ކޮވިޑް-19 އާ ގުޅިގެން ފޮރިން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި ވެސް ކަމާގުޅުން ހުރި މުއައްސަސާތަކުގެ އެހީތެރިކަމާއެކު ކުރަމުންދާ މަސައްކަތެއް ކަމަށް މޯލްޑިވިއަނުން ބުނެ އެވެ. 

މިދިޔަ މަހުގެ ތެރޭގައި ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ 1،500 އެއްހާ ބިދޭސީން އަނބުރާ ގައުމަށް ފޮނުމުގެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި 5،000 އެއްހާ މީހުން ފޮނުވާލެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ ގޮތަށް ބަލާއިރު އެންމެ ގިނައިން ޕްޒިޓިވްވެފައިވަނީ ބިދޭސީން ނެވެ. ގިނައިން ބިދޭސީން ޕޮޒިޓިވް ވަނީ ތޮއްޖެހިގެން އުޅޭތީ ކަމަށް ބުނެ އެވެ. އެފަދަ ތަންތަނުގައި އުޅޭ އެތައް ބަޔަކު، މިހާރު މާލެއިން ބޭރުގައި ހަދާފައިވާ ފެސިލިޓީތަކަށް ވަނީ ބަދަލުކޮށްފަ އެވެ.

ރާއްޖެއިން ކޮވިޑް-19 އަށް އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ވެސް ހިމެނެނީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. އެގޮތުން މިހާތަނަށް 1015 ބަންގަލަދޭޝް މީހަކަށް އެ ބަލި ޖެހިފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް