ads
ފޮޓޯ:އެމްއޭސީއެލް
އެމްއޭސީއެލް އިން ތަރައްގީކުރާ ވީއައިޕީ ޓާމިނަލްގެ ބޮޑުބައެއް ނިމިއްޖެ
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން ތަރައްގީކުރާ ވީއައިޕީ ޓާމިނަލްގެ ބޮޑުބައެއް ތަރައްގީކޮށް ނިމިއްޖެ އެވެ.

އެމްއޭސީއެލް އިން ބުނީ ހަތަރު ބުރިއަށް ތަރައްގީ ކުރާ 2،200 އަކަމީޓަރުގެ އެ އިމާރާތުގެ މަސައްކަތުގައި މިހާރު ކުރިއަށް ދަނީ ޓާމިނަލްގެ އެކްސްޓީރިއާ ފިނިޝިންގެ މަސައްކަތްތަކާއި އިންޓީރިއާގެ މަސައްކަތް ކަމަށެވެ. 

އާ ވީއައިޕީ ޓާމިނަލް އަޅަނީ މިހާރުގެ ވީއައިޕީ ޓާމިނަލްއާއި ޖެހިގެން އޮންނަ ސަރަހައްދުގަ އެވެ. އެއީ ކުރިން އަކުއާ ރެސްޓޯރެންޓް ހިންގި ބިމެވެ.

އެ މަސައްކަތް ވެސް ކުރަމުންދަނީ އެއާޕޯޓުގެ އާ ރަންވޭގެ މަސައްކަތްކޮށްފައިވާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީޔޫސީޖީންނެވެ. 

އެމްއޭސީއެލްއިން ވަނީ އާ ވީއައިޕީ ޓާމިނަލްގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބު ދައްކައިދޭ ފޮޓޯތަކެއް ޓްވިޓާގައި ހިއްސާކޮށްފަ އެވެ.



ދުނިޔޭގެ މަޝްހޫރު ތަރިންނާއި މުއްސަނދިންނަށް ހިދުމަތްދޭ ފެންވަރަށް ހަދާ އާ ވީއައިޕީ ޓާމިނަލު، ފަރުމާކޮށްފައި ވަނީ ފަސިންޖަރުންނަށް ޕްރައިވަސީ ލިބޭނެ ގޮތަށެވެ. އަދި އެ އިމާރާތުގައި ވީއައިޕީއާއި ސީއައިޕީ ލައުންޖްތައް ހުންނާނީ ވަކިވަކިންނެވެ.

އެ އިމާރާތް ތަރައްގީކޮށް ނިމުމުން މިހާރު ވީއައިޕީ ލައުންޖްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ އިމާރާތް ތަޅާލައި ވީއައިޕީ ލައުންޖްގެ ދެވެނަ ފިޔަވަހީގެ މަސައްކަތް ފަށާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް