ads
ލަންކާގައި ސަރުކާރު ސްކޫލުތައް މިމަހު ހުޅުވަނީ
ސްރީލަންކާގެ ސަރުކާރު ސްކޫލުތައް މި މަހުގެ ފަހުކޮޅު ހުޅުވުމަށް އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

ކޮމިއުނިޓީ ސްޕްރެޑެއް ނުފެންނަތާ މަހަކަށް ވުރެ ގިނަ ދުވަސްވުމުން އެ ގައުމުގެ ސަރުކާރު ސްކޫލުތައް މި މަހުގެ 29 ވަނަ ދުވަހު ހުޅުވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ. 

އެގޮތުން، ނޫސްވެރިންގެ ބައްދަލުވުމެއްގައި އެގައުމުގެ އެޑިއުކޭޝަން މިނިސްޓްރީގެ ސަބްޖެކްޓް މިނިސްޓަރު ޑުލަސް އަލަހައްޕެރުމަ ވިދާޅުވީ އެ ގައުމުގެ ސަރުކާރު ސްކޫލުތައް ހުޅުވުމަށް ހަމަޖެހިފައި ވަނީ ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ.

އެގޮތުން ފުރަތަމަ ފިޔަވަހި ޖޫން މަހުގެ 29 ވަނަ ދުވަހު ފެށަން ނިންމާފައިވާއިރު، އެ ފިޔަވަހީގައި ސްކޫލުތަކުގެ ޓީޗަރުންނާއި ޕްރިންސިޕަލުން ސްކޫލުތަކަށް ހާޒިރުވާން ފަށާނެ ކަމަށް ވިދާޅުވި އެވެ.

އަދި ދެ ވަނަ ފިޔަވަހި ފެށިގެން ދާނީ އަންނަ މަހުގެ ހަ ވަނަ ދުވަހު ކަމަށާއި އެ ފިޔަވަހީގައި ގްރޭޑު ފަހެއްގައި ކިޔަވަމުންދާ ދަރިވަރުންނާއި، ގްރޭޑު 13 އަދި 11 ގައި ކިޔަވަމުންދާ ދަރިވަރުނަށް ސްލޫލުތަކަށް ދިއުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

އަދި ޖުލައި މަހުގެ 20 ވަނަ ދުވަހު ތިން ވަނަ ފިޔަވަހި ފެށިގެން ދާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެގޮތުން، އެ ފިޔަވަހީގައި، ގްރޭޑު ދިހައެއްގައި ކިޔަވަމުންދާ ދަރިވަރުންނާއި ގްރޭޑު 12 ގައި ކިޔަވަމުންދާ ދަރިވަރުންގެ އެކެޑެމިކް ހަރަކާތްތައް ފެށިގެން ދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން، ހަތަރު ވަނަ ފިޔަވަހީގައި ގްރޭޑު ތިނެއް، ހަތަރެއް، ހަތަރެއް، ހަޔެއް، އަށެއް އަދި ނުވައެއްގެ ދަރިވަރުންނަށް ސްކޫލުތަކަށް ދިއުމުގެ ފުރުސަތު ހުޅުވާނެ އެވެ. އަދި އެ ފިޔަވަހި ފެށިގެން ދާނީ ޖުލައި މަހުގެ 27 ވަނަ ދުވަހު ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެ ފިޔަވަހިތަކުގައި ގްރޭޑް އެކެއް އަދި ދޭއްގެ ކުދިންގެ ކިޔެވުން ފެށިގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައެއް ނުވެއެވެ. އަދި އެ ދެ ގްރޭޑުގެ ކުދިން ކިޔެވުން ފެށިގެން ދާނެ ވަކި ތާރީހެއް މިނިސްޓްރީން އަދި ކަނޑައަޅާފައި ނުވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ލަންކާގައި ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން ވަނީ ކާފިއު އިއުލާނުކޮށް، ސްކޫލުތަކާއި މީހުން އެއްވެ އުޅޭ އެކި ތަންތަން ބަންދު ކޮށްފަ އެވެ. އެ ގައުމުގައި، 1،858 މީހުންނަށް ވައިރަސް ޖެހިފައިވާއިރު، 1،122 މީހުން މިހާރު ވަނީ ފަރުވާދީ ބަލިން ރަނގަޅު ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް