ads
ވެށީގެ ދިރުމެއް ނެތް ސަހަރާއެއްގެ ފޮޓޯއެއް
ވެއްޓެއް ނެތްތަނުގައި ދިރުމެއް ނުވާނެ!
އަޅުގަނޑުމެންގެ ވަށައިގެންވާ މާހައުލަކީ ކޮންމެ މީހަކަށް ވެސް އެނގޭނެ ފަދައިން ވެއްޓެވެ. ވެއްޓެއް ނެތް ތަނެއްގައި ދިރުމެއް ނުވާނެ ވެސް ބުނެވިދާނެ އެވެ. ސަބަބަކީ ވެއްޓަކީ އޭގައި އެތަކެއް ދިރުންތަކެއް ދިރިއުޅެމުން ދާ ތަނެއް ކަމުގައި ވާތީ އެވެ. ރަނގަޅު ސާފު ވެއްޓެއް ނެތްނަމަ އެއީ ގައުމެއް ނެތިދިޔުމޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. ވަކީން ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ކުދި ޖަޒީރާ ގައުމުތަކެވެ.

ވެށި ހިމާޔަތް ކުރެވޭނީ ނުވަތަ އެހެންވެސް ތަނެއް ހިމާޔަތްކުރެވޭނީ ހަމަ އެތަނެއްގެ ވެރި، އެތަނެއްގައި ދިރިއުޅޭ މީހުން ނަށެވެ. ހަމަ އެ ބީދައިން ދިވެހި ވެށި ހިމާޔަތްކޮށް ދެމެހެއްޓޭނީ ވެސް މި ރަންހާރުގެ މައްޗަށް އެކުލެވިގެންވާ ރަށްތަކުގެ މީހުން ނަށެވެ. މީގެ މިސާލެއްގެ ގޮތުން އަޅުގަނޑުމެން އުޅޭ ކޮޓަރިތަކަށް ބަލައިލަމާތޯ އެވެ؟ އަޅުގަނޑުމެން އެތަނަށް ކުނި އެޅީމާ ހަމަ އެ ކުނި ކޮޅު ގިނަ ފަހަރަށް ނަގަންޖެހިފައި އޮންނަނީ ތިމާ އަށެވެ.

މިއަދު ދުނިޔޭގެ ސައިންސްވެރިން ކަންބޮޑުވާ އެންމެ ބޮޑު އެއް މައްސަލައަކީ ތިމާވެށީގެ މައްސަލައެވެ. ސަބަބަކަށް ވަނީ މިއަދު އަޅުގަނޑުމެންނާ ކުރިމަތިލާން ޖެހިފައިވާ ގުދުރަތީ ބޮޑެތި މައްސަލަތަކެވެ. ޖައްވު ހޫނުވުމާއި އޯޒޯން ފަށަލަ ތުނިވުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ ބޮޑެތި މައްސަލަތަކެވެ. މީގެ ހިތި ރަހަ ވަނީ ދިވެހީންނާ ވެސް ކުރިމަތިލާން ޖެހިފަ އެވެ. އަތޮޅުތަކުގެ ބައެއް ރަށްރަށުގެ ރައްޔިތުން މިވަނީ އެމީހުންގެ އަމިއްލަ ވަޒަން ދޫކޮށް ކަރުނަޔާއެކު އެހެން ރަށްރަށް ހިޖުރަކުރަންޖެހިފަ އެވެ. އެހެންކަމުން މިގޮތަށް ކަންތައްތައް ދިގުލައިގެން ހިނގައްޖެނަމަ ރާއްޖޭގެ އާބާދީގެ ބޮޑުބައި ހިއްސާ ކުރާ އަތޮޅުތަކުގެ މީހުން ހަމަ ޔަގީނުން ވެސް ބަދަލުކުރާނެ ތަނެއް އޮންނާނެ އެވެ.

ރާއްޖޭގެ ވެއްޓަކީ ވަރަށްވެސް ނާޒުކު ވެށްޓެކެވެ. އަޅުގަނޑުމެންގެ ރާއްޖެ މިވަނީ ޖޯގްރަފިކަލް ގޮތުން ދުނިޔޭގެ މެދުގައެވެ. އަދި ހަމަ އެހެންމެ ރަށްތައް އެތުރިފައިވާ ގޮތުންނެވެ. ނަމަވެސް މި ކަމުން އަޅުގަނޑުމެންނަށް ފައިދާއެއްވެސް ލިބެ އެވެ. އެއީ އަޅުގަނޑުމެންގެ ރާއްޖެ ބޭރުގެ އެހެނިހެން ގައުމުތަކާ ހިލާފަށް މޫސުމީ ތަފާތުވުމެއް ނެތުމެވެ. މީގެ ބަދަލުގައި އަޅުގަނޑުމެން ކޮންމެ އަހަރަކު ކުރިމަތިލާން ޖެހެނީ އެންމެ ދެ މޫސުމާއެވެ. ވިއްސާރަކުރާ މޫސުމަކާއި ހޫނުމޫސުމެކެވެ.

ތިމާވެށްޓަށް ލިބެމުންދާ ގެއްލުންތައް ހައްލުކުރެވޭނީ އަޅުގަނޑުމެން ދިވެހިން އެއް ރޫޙެއްގައި މަސައްކަތްކޮށްގެންނެވެ. އެ ކަންތައްތައް ކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތައް ކުރަންޖެހެއެވެ. މިގޮތުން ބަލާލާއިރު ކުނި މެނޭޖްކުރުމަކީވެސް ވަރަށް ބޭނުން ތެރިކަމެކެވެ. ކުނި ނައްތާލުމުގެ ހަރުދަނާ ގަވާއިދެއް ނެތްނަމަ މިއީ ވަރަށް ވެސް ބޮޑުކަމަކަށް ވެދާނެއެވެ. ވީމާ އަޅުގަނޑުމެން މިކަމާ ދޭތެރޭގައި ފުންކޮށް ވިސްނާލުން ވަރަށް ވެސް ބޭނުމެވެ.

ޖައްވު ނުސާފުވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ބޭރުގެ ސިނާއީ ކާރުހާނާތަކުން ދޫކުރާ ވިހަ ދުމެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ރާއްޖޭގައި އެފަދަ ކާރުހާނާއެއް ނެތް ކަމުގައިވިޔަސް އަޅުގަނޑުމެންނަށް މި ރޮނގުންވެސް ކުރެވިދާނެ ކަމެއް އެބައޮތެވެ. އެއީ އެ ފަދަ ގައުމުތަކަށް އެކަން ހުއްޓުވުމަށްޓަކައި ބާރު އެޅިދާނެއެވެ. ނޫނީ އެމީހުންނަށް އެކަން ހުއްޓުވުގައި އެހީތެރިވެ ހިތްވަރުދެވިދާނެ އެވެ.

ދުއްވާ ތަކެތިން ބޭރުކުރާ ދުމަކީވެސް ވަރަށް ނުރައްކާތެރި ދުމެކެވެ. މިކަމަކީ މިއަދު އަޅުގަނޑުމެންގެ ރާއްޖޭގައި ވެސް ކުރިމަތިލާން ޖެހިފައިވާ ކަމެކެވެ. މިކަން އަތޮޅުތަކަށްވުރެން ބޮޑަށް ފާހަގަކުރެވޭނީ ވެރިރަށް މާލެއިންނެވެ. އަޅުގަނޑު ދަންނަވާލަން އޮތްހާވެސް ވާހަކަޔަކީ އަޅުގަނޑުމެންގެ ރާއްޖެއަށް އެއްވެސް ދުއްވާއެއްޗެއް ބޭނުމެއް ނުވެއެވެ. ސަބަބަކީ އަޅުގަނޑުމެންގެ ރާއްޖޭގެ މަދު ރަށެއް މެނުވީ ރަށުގެ ދެ ކޮޅު ނުފެންނަ ރަށެއް ނުއޮންނާތީއެވެ. ކޮންމެއަކަސް މިއީ މިއަދު އަޅުގަނޑުމެންގެ އާދަތައް ހުރިނެތްގޮތް ބައްލަވާށެވެ. އަޅުގަނޑުމެން ކައިރީގައި ހުންނަ ތަނަކަށްވެސް ދަނީ ދުއްވާއެއްޗެއްގައެވެ. މިއީ އަޅުގަނޑުމެން ހިތާމަކުރަން ވެއްޖެކަމެކެވެ.

އަޅުގަނޑުމެންގެ އާދަތައް ހުންނަގޮތުން ބައެއް ފަހަރަށް ފަޅުފަޅުން ވެލި ނަގައި ހެދުމަކީވެސް ވަރަށް އާއްމުކަމެކެވެ. އެހެން ނަމަވެސް ދަންނަވާލަން ބޭނުންވަނީ ކުޑަ ކުޑަ ވެލިކޮޅެއް އުފެދެންވެސް 1000 އަހަރަށް ވުރެ ގިނަ ދުވަސް ނަގާ ވާހަކަ އެވެ. އާދެ މިއީ އިންސާނީ ދަރިފަސްކޮޅުގެ 10 ޖީލް އުފަންވެ ދިރިއުޅެ ނެތި ފަނާވާހާ ދުވަހެވެ. މިއީ އަޅުގަނޑު ހެދި ދިރަސާއެއް ކަމުގައި ނުވިޔަސް، މިއީ ކުޅަދާނަ ސައިންސްވެރިން ހޯދާ ބަލައިފައިވާ ކަންތައްތަކެވެ. މިފަދަ ގޮތަކަށް އަޅުގަނޑުމެންގެ އާދަތައް ހުންނަނަމަ މީގެ 100 އަހަރު ފަހުން ރާއްޖެދާނީ ކަނޑުގެ އެތައްހާސް ފޫޓެއްގެ އަޑިޔަށް ނޫން ބާވައެވެ؟ އޭރުން އެވީ ކިހިނެއްތޯ އެވެ؟ އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެނަށް ފޯރުކޮށްދިން އަގުހުރި ތަރިކަ އަންނަން އޮތް ޖީލްތަކަށް ފޯރުކޮށްދިނުމަގައި އަޅުގަނޑުމެންނަށް ވެވުނު ހަމަ އެކަނި ކަމަކީ އެ އަމާނާތަށް ހިޔާނާތްތެރިވުމެވެ.

ދިވެހިރާއްޖެ ފަތުރުވެރިކަމުގެ ރޮނގުންވެސް މިވަނީ ވަރަށް ކުރިއަރައިފައެވެ. ވަކީން ހާއްސަކޮށް ފަރުތަކާއި ކަނޑުއަޑީގެ ހިތްގައިމު މަންޒަރުތަކުންނެވެ. އެހެން ނަމަވެސް ހިތާމަޔާއެކު ދަންނަވާލަން ބޭނުންވަނީ މިއަދު އަޅުގަނޑުމެންގެ ފަރުތަކަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން ފަތުރުވެރިކަން ދަށަށް ދާން ފަށައިފި ވާހަކަ އެވެ. އޭރުން އަޅުގަނޑުމެންގެ ރާއްޖެއަށް ލިބިފައިމިވާ ޝަރަފާއި ގަދަރު އަޅުގަނޑުމެންގެ އަތުން ބީވެގެން ދިޔައީއެވެ.

މިއަދު އަޅުގަނޑުމެންގެ ތިމާވެށްޓަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން އަސަރު ނުފޯރަނީ ފަހެ ކޮން ރޮނގަކުން ބާވައޭ އަޅުގަނޑުގެ ހިތަށް ވެރިވެގަނެއެވެ. މިކަން މިގޮތަށް ހިނގައްޖެނަމަ އަޅުގަނޑުމެންގެ ލޮބުވެތި ދިވެހި ވަތަން ދޫކޮށްފައި ދާންޖެހޭނީ ތިމާވެށީގެ ރެފިއުޖީންގެ ގޮތުގައި އެހެން ކޮންމެވެސް ގައުމަކަށެވެ. އޭރުން އަޅުގަނޑުމެންގެ އާދަކާދައާއި ސަގާފަތަށް ބުރޫ އަރައި އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އަގީދާ ބަލިކަށިވެދާނެއެވެ.

އެހެން ކަމުން އަޅުގަނޑުގެ މިލިޔުންކޮޅު ނިންމާލަމުންވެސް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް