ads
ކޮވިޑް-19 އަށް މީހުން ޓެސްޓް ކުރުމުގެ ތެރެއިން--- ފޮޓޯ: ސީއެންއެމް
ލޮކްޑައުންގެ ލުއިތަކުގެ ފުރަތަމަ ފޭސް އިން ފާސްވި ތަ؟
ކޮވިޑް-19 އާއި ގުޅިގެން އޭޕްރިލް 15 ވަނަަ ދުވަހު މާލެ ސަރަހައްދުގައި އިއުލާން ކުރި ލޮކްޑައުނަށް ލުއެއް ދީފައި ވަނީ މޭ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ނެވެ.

ލޮކްޑައުން އަށް ލުއިތައް ދޭނީ ފޭސް ތަކަކަށް ބަހާލައިގެން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައި ވާއިރު، ފުރަތަމަ ފޭސް ގެ ދިގުމިނަކަށް އެ އެޖެންސީ އިން ބުނެފައި ވަނީ ދެ ހަފްތާ އެވެ. 

އެގޮތުން މި ދިން ލުއި ތަކާ އެކު މާލެ ސަރަހައްދުގައި އުޅޭ ރައްޔިތުންނަށް ވަނީ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދައާއެކު ކޮންމެ ހަފުތާއަކު ދެ ދުވަހު ކޮންމެ ގޭބިސީއަކުން ވެސް ތިން މީހުންނަށް ދެ ގަޑިއިރަށް ނިކުމެވޭ ގޮތް ހަދައިދީ ބޭރަށް ނިކުމެ އުޅެވޭ ޒޯންތައް އިތުރުކޮށްދީފަ އެވެ. އަދި ވިޔަފާރިތައް ވެސް އަލުން ހުޅުވާލުމުގެ ފުރުސަތު އެޗްޕީއޭ އިން ވަނީ ހުޅުވާލާފަ އެވެ. 

މިކަންތައްތަކާއި އެކު ލޮކްޑައުން އަށް ލުއި ދިނުމާ އެކު އެކަމާ އުފާވި ނަަމަވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ މި ލުއިތަކަށް ދިވެހިން ތައްޔާރުތޯ ސުވާލު އުފައްދާފަ އެވެ. އަދި މި ލުއިތައް ދިނުން އެންމެ އެކަށީގެން ވޭތޯ އާއި ލުއިތަކުގެ ސަބަބުން ހާލަތު އިތުރަށް ގޯސްވެގެން ނުދާނެތޯ ގިނަ އަދަދެއްގެ ބަޔަކު ސުވާލު އުފެއްދި އެވެ. 

ލޮކްޑައުން އަށް ލުއި ދިނުން އަދި މާ އަވަސްކަމަށް ގިނަ ބަޔަކު ގަބޫލު ކުރި ނަމަވެސް ކަމާ ބެހޭ ފަރާތްތަކުގެ މަޝްވަރާތަކަށްފަހު ލުއި ދިނީ ކަމަށް ބެލެވެ އެވެ.

ލުއި ދިނުމަށް ނިންމާ އެކަން ހެލްތު މިނިސްޓަރު އަބުދުﷲ އަމީން އިއުލާން ކުރެއްވުމުން، ވާހަކަ ދައްކަވަމުން ޑރ. އަލީ ލަތީފް ވިދާޅުވެފައިވަނީ މި ލުޔާއި އެކު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވި ނަަމަވެސް ހިފައްޓާލެވޭނެ ކަމަށެވެ. އަދި މި ލުޔާއި އެކު ބަލި ޖެހޭ މީހުން އިތުރުވުން އެކަށީގެންވާ ކަމަށާއި ފުދޭވަރަކަށް ގިނަ ދުވަހު ކޮވިޑްއާއެކު ދިރިއުޅެން ޖެހޭނެ ކަަމަށް ވެސް ޑރ. އަލީ ލަތީފް ވިދާޅުވިއެވެ. 

ޑރ. ޝީނާ މޫސާ ވެސް ވަނީ ލުޔާއި އެކު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ލުއި ދިން ނަމަވެސް ބަލި ފެތުރޭ ގޮތް ގާތުން ބެލުން މުހިންމުކަމަށާއި ކަމާ ބެހޭ މީހުންގެ އިރުޝާދުތަކަށް ބޯލެބުން މުހިންމު ކަމަށް ވިދާޅުވެފަ އެވެ. 

އޭގެ އިތުރުން ޑރ. އިބްރާހިމް އަފްޒަލް ވެސް ވަނީ ލުއި ދިނުމާ އެކު ޑޮކްޓަރުގެ އެންމެ ބޮޑު ބިރަކީ މަގުމައްޗަށް ނުކުމެ އުޅޭ މީހުންގެ އަދަދު އިތުރުވުން ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ. އަދި މައިނާ ސާޖެއް އަޔަ ނުދީ ހިފެހެއްޓެން އޮތީ ރައްޔިތުންނަށް ކަމަށާއި ކަމާ ބެހޭ ފަރާތްތަކުން ދެމުން އަންނަ އިރުޝާދުތަކަށް އިހުތިރާމުކޮށް ފަރުދީ ޒިންމާ އަދާކުރަންވީ ވަގުތަކީ މިއީ ކަމަށް ޑރ. އަފްޒަލް ވަނީ ވިދާޅުވެފަ އެވެ. 

މިހުރިހާ ކަންބޮޑުވުންތަކާ އެކު ވެސް މާލެ ސަރަހައްދުގެ ލޮކްޑައުނަށް ލުއި ދިން އިރު ރާއްޖެ އިން ކޮންމެ ދުވަހަކު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅުނީ އެވްރެޖުކޮށް 50 ގަ އެވެ. އެހެން ނަަމަވެސް މި ދެ ހަފްތާގެ ތެރޭގައި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވާން ފަށާފައިވާ ކަމުގެ ސިގްނަލްތަކެއް ވަނީ ލިބިފަ އެވެ. 

ދުވާލެއްގެ މައްޗަށް އާންމުކޮށް މީހުން ޕޮޒިޓިވްވާ ވަރު މަދުވެފައި ވާއިރު، ރާއްޖެ އިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ދެބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މީހުން މިހާރު ވަނީ ބަލިން ރަނގަޅުވެސް ވެފައެވެ.

މި ދެ ހަފްތާގެ ތެރޭގައި ދެވުނު ލުއިތަކުގެ ބޭނުން ވެސް ރަނގަޅު ގޮތުގައި ހިފައިގެން ދިޔަތަން ފެނިގެން ގޮސްފި އެވެ. 

ލޮކްޑައުންގެ ލުއި ތަކުގެ ފުރަތަމަ ފޭހުގެ ދުވަސް މިހާރު ހަމަވެފައި ވާއިރު، ސުވާލަކީ މި ދެ ހަފްތާގެ ތެރޭގައި އަމަލުތައް ބެހެއްޓިފައި ހުރީ އެންމެ ރަނގަޅަށްތޯ އެވެ. ލުއިތަކާ އެކު ހާލަތު އިތުރަށް ގޯސް ނުވެ ހިފައްޓާލެވުނުތޯ އެވެ. އަދި ލޮކްޑައުންގެ ލުއިތަކުގެ ދެވަނަ ފޭހަށް ދެވޭނެތޯ އެވެ. ނޫނީ އަނބުރާ ލުއިތައް ނަގައި އެންމެ ކުރިން އިއުލާން ކޮށްފައި އޮތް ފުލް ލޮކްޑައުނަށް ދާނީތޯ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް