ads
ފޮޓޯ: އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ އިން ގޭގެއަށް ގޮސް ރީޑިން ނަގަން ފަށައިފި
މާލެ ވޯޓާ އެންޑް ސްވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އަނެއްކާ ވެސް ގޭގެއަށް ގޮސްގެން ރީޑިން ނަގަން ފަށައިފި އެވެ.

އެމްޑަބްލިއުއެސްސީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން އެ ކުންފުނީގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން، ފާއިތުވި މަހުގައި އެކުންފުނިން ބިލް ހަދާފައިވަނީ ކުންފުނީގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުން ފޮނުވާފައިވާ މީޓަރުގެ ފޮޓޯތަކުން ފެންނަން ހުރި ރީޑިން ބޭނުންކޮށްގެން ކަމަށެވެ. 

އެހެންނަމަވެސް މޯބައިލް އެޕް މެދުވެރިކޮށް ކަސްޓަމަރުން އަމިއްލައަށް ފެން މީޓަރުގެ ފޮޓޯ އާއި ރީޑިން އަޕްލޯޑް ކޮށްގެން ބިލް ހޯދުމަށް ދަަތިތަކެއް ހުރިކަން ފާހަގަކުރެވިފައިވާކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެ އެވެ. 

އެމްޑަބްލިއުއެސްސީ އިން ބުނީ ފޮޓޯ އަދި މީޓަރުގެ ރީޑިން ފޮނުވާފައި ނުވާ ގޭބީސީތަކަށް ފާއިތުވި މަސްތަކުގައި ފޮނުވާފައި ވަނީ އެވްރެޖު ބިލެއް ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ފަރާތުން ލޮކްޑައުނަށް ލުއިތަކެއް ދިނުމާއެކު ޖޫން މަހުގެ ބިލް ހެދުމަށްޓަކައި މީޓަރުގެ ފޮޓޯ އާއި ރީޑިން ފޮނުވާފައި ނުވާ ގޭބީސީތަކުން ރީޑިން ނެގުމަށް އެކުންފުނިން ކުރިން ވެސް އަމަލުކުރަމުން ގޮސްފައިވާ ގޮތަށް ޖޫން 11 ވަނަ ދުވަހުން ފެށިގެން ގޭގެއަށް ގޮސް ރީޑިން ނެގުމަށް އެކުންފުނިން ނިންމާފައި ވާކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެ އެވެ. 

އެހެން ނަމަވެސް ފޮޓޯ އަދި މީޓަރުގެ ރީޑިން ފޮނުވާފައި ނުވާ ގޭބީސީ އަކީ މޮނިޓަރިންގެ ހާލަތުގައިވާ ތަނެއް ނަމަ އެ ގޭބީސީ އަކަށް ތައްޔާރު ކުރެވޭނީ އެވްރެޖް ބިލެއް ކަމަށް އެ ކުންފުނުން ބުނެއެވެ. 

އޭގެ އިތުރުން އެމްޑަބްލިއުއެސްސީ އިން ވަނީ ލޮކްޑައުނަށް ލުއިތަކެއް ދީފައި ވީނަމަވެސް އެކުންފުނީގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެކުންފުނީގެ އެޕް މެދުވެރިކޮށް މީޓަރުގެ ފޮޓޯ އާއި ރީޑިން ފޮނުވައިގެން ބިލް ހެދުމަށް އިލްތިމާސްކޮށްފަ އެވެ. 

ފެން މީޓަރުގެ ރީޑިން ނަގާ ދުވަސް އައުމުން މީޓަރުގެ ރީޑިން އަޕްލޯޑް ކުރުމަށް އެދި އެ ކުންފުނިން ކަސްޓަމަރުންނަށް އެސްއެމްއެސް ނޮޓިފިކޭޝަނެއް ފޮނުވާނެ ކަމަށް ވެސް އެމްޑަބްލއިއެސްސީ އިން ބުނެ އެވެ. އަދި އެ ނޮޓިފިކޭޝަން ލިބުމުން އެޕްގެ ހޯމްސްކްރީން އިން ފެންނަ ރީދޫ ކުލައިގެ ކެމެރާ އައިކަން އަށް ފިއްތާލުމުން ފެންނަ އިރުޝާދުތަކާއި އެއްގޮތަށް މީޓަރުގެ ފޮޓޯ އަކާއި މީޓަރުގެ ޑައިލް އިން ފެންނަ އަށް އަދަދުގެ ނަންބަރު ޖެހުމަށް ފަހު ފޮނުވުމުން ކުޑަ އިރުކޮޅެއްގެ ތެރޭގައި ފެން ބިލް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެ އެވެ. 

އެމްޑަބްލއިއެސްސީ އިން ބުނީ އެކަމާ ގުޅޭ އިތުރު މައުލޫމާތު ކުންފުނީގެ ކަސްޓަމާ ކެއާ ސެންޓަރުގެ ހޮޓްލައިން 105 ކަށް ގުޅުމުން ނުވަތަ 1050 އަށް އެސްއެމްއެސް ކުރުމުން ނުވަތަ އެކުންފުނީގެ މެއިލް [email protected] އަށް މެއިލްއެއް ފޮނުވުމުން ލިބިގެންދާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް