ads
ބިދޭސީން---
މިއީ ލިބުނީ އިބުރަތެއް ކަމަށް ބަލައި ދަނޑިވަޅުގެ ފައިދާ ނަގަންވީ ވަގުތު!
ކޮވިޑް-19 ގެ ބަލިމަޑުކަން ލޮލުކޮޅަށް ދައްކާލުމުގެ ކުރިން ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން، ގާނޫނީ އިމުގެ ތެރެއަަށް ވެއްދުމަށް އިކޮނޮމިކް މިނިސްޓްރީން ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ކުރިއަށް ގެންދިޔަ އެވެ. އެންމެ ފުރަތަމަ މަޖީދީމަގުގައި ޕީޖީ އޮފީސް ހިންގި އިމާރާތުގެ ބައެއްގައި ހަދާފައިވާ އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޔުނިޓުން ދޫކުރާ ކިޔޫ ނަންބަރު ހޯދަން ދޭހައި އައްވަކާއި ވެހޭހާ ވާރެއެއްގައި އެމީހުން އެތައް ގަޑިއިރަކު ކިއުގައި ތިއްބެވެ. އެންމެ ފަހުން އެ މަންޒަރު ބަލަން ކެތްނުވެގެން އެ މަސައްކަތް ގަލޮޅު ދަނޑަށް ބަދަލުކުރި އެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެއޮތް ބޮޑު ގަލޮޅު ދަނޑުގެ ހުރިހާ ސިޑި ބަރިއެއް ފުރާލީ އެ ޕްރޮގްރާމުގައި ބައިވެރިވާން ދިޔަ ބިދޭސީންނެވެ. އެއް ފަހަރާއި އެހާ ގިނަ އަދަދެއްގެ ބިދޭސީން އެއް ތަަނަކަށް ޖަމާވެފައިވާ މަންޒަރު މީގެ ކުރިން ނުފެންނާތީ ހައިރާންކަމެއް ލިބުންނަމަވެސް އެތަނަށް އެދުވަހު ޖަމާވެފައި އޮތީ އަދި މަދު ބަޔެކެވެ.

ހަތަރު ލައްކައެއްހާ ދިވެހިން އުޅެމުން އަންނަ މި ކުޑަ ކުޑަ ރާއްޖޭގައި 150،000އަށް ވުރެ ގިނަ ބިދޭސީން ދިރިއުޅޭ ކަމަށް ލަފާކުރެވެ އެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ދިރިއުޅެމުން ދަނީ ތޮއްޖެހިފައި ވިވާ ޖަލެއް ކަހަލަ ވެރިރަށް މާލޭގަ އެވެ. 

މަކަރާއި ހީލަތުން އެމީހުން ރާއްޖެއަށް ގެނެސް ވިހި ތިރީސް މީހުން އުޅޭ ކޮޓަރިއެއްގެ ތެރެއަށް ވެއްދީ، މިކަމުގެ ހިތި އަމިއްލަ އަރުގައި ލާނެ ކަމުގެ ކުޑަ ވެސް ވިސްނުމެއް ނެތި އެވެ. ޕާސްޕޯޓާއި އަދިވެސް މުހިއްމު އެހެން ލިޔެކިޔުންތައް އަތުލައި އެމީހުން މަގުމަތިކޮށްލީ، މިކަމުގެ ހުރި ނުރައްކާ ވެސް ހިތަށް ނުގެންނަ ހާލު އެވެ. އެކަމަކު އެ ނުރައްކާތެރި ބިރުވެރިކަން މިވަނީ ދިވެހިންނާއި އަރައި ހަމަކޮށްފަ އެވެ. ކޮންމެވެސް، ދިވެއްސަކު އަޑީގައި ހުރެ ހިންގި އެ ލާއިންސާނީ ބޮޑު ޖާރީމާއާ ހުރެ އެކަމުގެ ނުރައްކާ މުޅި މުޖުތަމައަށް ފޯރީ، ކޮވިޑް-19 ގެ ބިޔަ ރާޅު ރާއްޖޭގެ ގޮނޑުދޮށުގައި ބީއްސާލި ހިސާބުންނެވެ. ވަކިން ހާއްސަކޮށް މާލެއިން ބަލި ފެނުމާއެކު އެވެ. 

މާލެއަށް ބަލި އަރައި ހަމަކޮށްފިނަމަ ދެން ހަދާނެ ގޮތެއް ހިޔާލައި ފިކުރުގައި ތިއްބައި އެ ބިރުވެރިކަމުގެ ތެރެއަށް ދިވެހިން ވެއްޓިގެންދިޔައިރު ފުރަތަމަކޮޅު ފެނިގެންދިޔައީ ވެސް ބިރުން ފިއްކަނޑައިގެންދާ ވަރުގެ ކަންތައްތަކެކެވެ. ބިދޭސީއަކު ޕޮޒިޓިވްވެއްޖެނަމަ އެމީހުންނާއި ކޮންޓެކްޓްވާ މީހުންގެ އަދަދު ވެސް އިތުރުވިއިރު އެމީހުންނާއެކު އެއް ތަނެއްގައި އުޅެމުން އައި އެތައް ބަޔަކު ޕޮޒިޓިވްވި އެވެ. 

ބަލި ފެތުރޭ މިންވަރު ކޮންޓްރޯލްކުރެވުނީ ސަރުކާރުން އެޅި އަވަސް ފިޔަވަޅުތަކުން:

ބަލި ޖެހޭ ބިދޭސީންގެ އަދަދު އިތުރުވެ، އެންމެ ފަހުން ތޮއްޖެހިގެން ބިދޭސީން އުޅޭ ތަންތަނަށް މޮނިޓާކުރުމުގެ މަސައްކަތަށް ފުލުހުން ނިކުތެވެ. އެތަންތަނަށް ވަދެ ނިކުމެ ހެދުން މަނާކުރެވުނެވެ. މިދިޔަ މަހުގެ ތެރޭގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި ބިދޭސީން ދިރިއުޅެމުން އަންނަ 21 ތަނެއް ފުލުހުން ބަލަހައްޓަމުން އަންނައިރު މި ތަންތަނުގައި 1000 މީހުން ދިރިއުޅެ އެވެ. އެހާ ގިނަ އަދަދެއްގެ ބަޔަކު އެންމެ 21 ތަނުގައި ދިރިއުޅެމުން އަންނައިރު މި ތަންތަނަށް 1000 މީހުންގެ މައްޗަށް ބަހާލުމުން ކޮންމެ ތަނަކަށް 47 މީހުންގެ އަދަދެއް ޖެހެ އެވެ. 

ތޮއްޖެހިގެން ދިިރިއުޅޭ ބިދޭސީންގެ ސަބަބުން މާލޭގައި އިތުރަށް ބަލި ފެތުރިދާނެ ކަމުގެ ބިރާއެކު ސަރުކާރުން ދެން މަސައްކަތް ފެށީ ތޮއްޖެހިގެން މާލޭގައި އުޅޭ މީހުން މާލެއިން ބޭރު ކުރުމުގެ މަސައްކަތެވެ. އެގޮތުން ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޮމްޕެނީ އާއި އެޗްޑީސީ ގުޅިގެން ހުޅުމާލޭގައި ގާއިމުކޮށްފައިވާ 800 މީހުންގެ ލޭބާ ކުއާޓާގެ މަސައްކަތް ނިމިފައިވާއިރު ގުޅީފަޅުގައި ގާއިމުކުރެވުނު ފެސިލިޓީތަކަށް ވެސް އޭގެ ތެރެއިން ބަޔަކު ވަނީ ބަދަލުކޮށްފަ އެވެ. އަދި ވެސް މާލެ ސަރަހައްދުގައި އެމީހުންނަށް ފެސިލިޓީތައް ހަދަމުން އެބަދެ އެވެ. 

ބޯޓަކަށް އަރުވާފައި ބިދޭސީން ގައުމުން ފޮނުވާލެވޭކަށް ނެތް

ބިދޭސީންގެ ވާހަކަ ދައްކަން ފެށުމާއެކު އާންމުންގެ ތެރެއިން ބަޔަކު ކުރިމަތިކުރާ ސުވާލަކީ އެމީހުން ބޯޓަކަށް އަރުވާ ފޮނުވާނުލެވިގެން އުޅެނީ ކީއްވެތޯ އެވެ. އެ ސުވާލުގެ ޖަވާބު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ރާއްޖެ އިން ވަނީ ބައިނަލްއަގްވާމީ ގިނަ މުއާހަދާތަކެއްގައި ސޮއިކޮށްފައިކަމުން އެގޮތަށް އެހާ ފަސޭހައިން ގައުމެއްގެ ބަޔަކު ރާއްޖެ އިން ބޭރު ނުކުރެވޭނެ ކަމަށެވެ. 

"އަޅުގަނޑު ހަމަ ތަކުރާރުކޮށް ދަންނަވަމުން މިދަނީ އަޅަގަނޑަކަށް ޕިޗޯރީން ފޮނުވާލިހެންނެއް މި ޒަމާނުގައި އެކަމެއް ނުކުރެވޭނެ އިނގޭތޯ. އެ އޮންނަ އުސޫލުތަކެއްގެ ތެރޭގައި އަޅުގަނޑުމެންނަކީ ބައިނަލް އަގްވާމީ މުއާހަދާތަކާއި އެތައް ކަމެއްގައި ބައިވެރިވެގެން އުޅޭ ބައެއް،" ފައްޔާޒު ވިދާޅުވެ އެވެ.

ބިދޭސީން ފޮނުވާލުުމުގެ މަސައްކަތުގައި ހަގީގީ ކުލަ ޖެހުނު ކަމުގެ ކޮޅުމަތި ފެނުން:

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުން ގައުމަށް ފޮނުވާލުމުގެ މަސައްކަތަށް އެގައުމުގެ އެއްބާރުލުން ހޯއްދަވާފައިކަން އިއުލާންކުރެއްވީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. ރައީސް އެކަން ހާމަކުރައްވަމުން ވިދާޅުވީ ބިދޭސީންގެ މައްސަލައަކީ އެއް ދުވަހުން ދެ ދުވަހުން ރާއްޖެ އަަށް ކުރިމަތިވި ކަމެއް ނޫންކަމަށާއި މިހާލަތުގައި މާގިނަ ދުވަހު ނުވެސް ތިބެވޭނެ ކަމަށެވެ. 

އެއާއެކު ކުރެވުނު މަސައްކަތުގެ ދަށުން 1000 ބިދޭސީއަކު މިހާތަނަށް އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް ނޭޝަނަލް އެމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެ އެވެ. އަދި ގަވައިދާ ހިލާފަށް އުޅޭ 1،500 އެއްހާ ބިދޭސީން އަނބުރާ ގައުމަށް ފޮނުމުގެ އިންތިޒާމް ހަމަޖައްސާފައިވާކަން ފާހަގަކުރައްވަމުން ވިދާޅުވެފައި ވަނީ 5000 އެއްހާ މީހުން ފޮނުވާލެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްތައް ވެސް ކުރެވެމުންދާ ކަމަށެވެ. އެ އަދަދަށް ބިދޭސީން މި ގައުމުން ބޭރު ކުރެވުނު ނަމަވެސް އޭރުންވެސް ރާއްޖޭގައި ފިރިއުޅޭ ބިދޭސީންގެ ތެރެއިން އެންމެ ހަތަރު އިންސައްތަ މީހުން ވެސް ރާއްޖެއިން ފޮނުވާނުލެވޭނެ އެވެ.

އެގޮތަށް ފޮނުވާލެވުނު މީހުންނާއެކު ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރަމުން އައި ބަންގްލަދޭޝްތަކެއް ވެސް ވަނީ އަނބުރާ ގައުމަށް ގޮސްފަ އެވެ. އަދި އިންޑިއާއަށް ބަލާއިރު އެގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ވެސް މާލެ ސަރަހައްދަށް ގެނައި ލޮކްޑައުންއާއެކު ދިމާވި ދަތިތަކުގެ ސަބަބުން ވަނީ އަނބުރާ ގައުމަށް ގެންގޮސްފަ އެވެ. 

ގައުމާ މުހާތަބުކުރައްވަމުން ރައީސް ތަކުރާރުކުރައްވާ އެއް ވާހަކައެއް:

ކޮވިޑް-19 ގެ ކަންތައްތައް ފެށުން ފަހުން ރައީސް ގައުމާ މުހާތަބު ކުރައްވާ ކޮންމެ ފަހަރަކު މާލޭގައި ބިދޭސީން އުޅެމުން އައި ދަތި ހާލަތަށް އަލި އަޅުވާލައްވަ އެވެ. އެމީހުން ތޮއްޖެހިގެން އަންނަ ނިކެމަތި ހާލަތުގެ ސަބަބުން ބަލި މަޑުކަމުގެ ޝިކާރައަކަށްވެގެންދާއިރު މިއަދަކީ އެކަމުން އިބުރަތް ނަގަންވީ ދުވަސްކަން ރައީސް ފާހަގަކުރައްވަ އެވެ. އެގޮތުން މިދަނޑިވަޅަކީ އެމީހުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރަން ވަރަށް އެކަށޭނެ ވަގުތެއް ކަމަށް ވިދާޅުވެ އެވެ.  

އެތައް އަހަރެއްވަންދެން ބިދޭސީން ތޮއްޖެހިގެން ވަރަށް ނިކަމެތި ހާލުގައި އުޅެމުން އަންނައިރު އެކަމަކީ އެންމެނަށް ވެސް އެނގޭ ކަމެކެވެ. އެކަމަކު އެހާ ގަދަޔަށް އެވާހަކައެއް ނުދައްކަ އެވެ. މިއަދު އެވާހަކަތައް ދައްކަން ޖެހިފައި މިވަނީ ކޮވިޑް-19 ގެ ނުރައްކާ އެންމެނަށް ބޮޑުވެފައިވާތީ އެވެ. އަދި އެމީހުން އުޅެމުން އަންނަ ހާލަތުގެ ސަބަބުން ބަލި ކޮންޓްރޯލް ކުރަން ދަތިވާ ހިސާބަށް ކަންކަން ގޮސްދާނެތީ އެވެ. މި ބަލި މަޑުކަމުން އަރައިގަނެ އާންމު ދިރިއުޅުން ފަށާއިރު މި ހެދުނު ގޯސް ތަކުރާރުވިޔަދީގެން ނުވާނެ އެވެ. އެހެން މީހުންނެކޭ އެއްފަދައިން އެމީހުންނަކީ ވެސް އިހުތިރާމާއި ގަދަރާއި އަޅާލުން ދޭންޖެހޭ މީހުންނެވެ. އެމީހުންނަށް ވެސް އިންސާނަކަށްވީތީ ލިބެންޖެހޭ ހައްގުތައް ކަށަވަރުވޭތޯ ޔަގީންކުރަން ޖެހެ އެވެ. 

ރައީސް ވިދާޅުވި ފަދައިން މިއީ ބިދޭސީންގެ ދިރިއުމުގެ ހާލަތު ރަނގަޅުކުރަން ލިބުނު ރަނގަޅު ފުރުސަތަކަށް ހަދަން ޖެހެ އެވެ. ހަމަ އެއާއެކު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ނިމުމަކަށް ގެންނަށް ޖެހޭ ވަގުތަކީ ވެސް މިއީ އެވެ. މިކަމަށް ކަމާބެހޭ ފަރާތްތައް ފަސް ޖެހެން ޖެހޭ ސަބަބެއް ނެތެވެ. ސަރުކާރުން ބޭނުން ނަމަ ނުހަނު އަވަހަށް ހަމަ އެހާމެ ފަސޭހަ ކަމާއެކު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރެވޭނެ އެވެ. ސުވާލަކީ އެވަރު ކަމެއް ނުކޮށް ހުރިހާ ސަރުކާރުތަކުން ތިބީ ކީއްެގެން ބާއްވަ އެވެ. ހަމަ ނަހަމަ ގޮތުގައި ލިބޭ މަންފާ ހަމަ ބޮޑީ ތޯއްޗެެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް