ads
އެންވަޔަރަމަންޓް މިނިސްޓަރު--- ފޮޓޯ: ވަން އޮންލައިން
ފުވައްމުލަކު ނަރުދަމާގެ މައްސަލައިގައި އެންވަޔަރަމަންޓް މިނިސްޓަރު އިސްތިއުފާއަށް ގޮވާލައިފި
ފުވައްމުލައް ސިޓީގެ ނަރުދަމާގެ ނިޒާމުގެ މައްސަލަ ހައްލު ނުވެ ގިނަ އަހަރުތަކެއް ފާއިތުވަމުންދާތީ ފުވައްމުލަކު މެމްބަރުން އެކަމާއި ނުރުހުން ފާޅުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވި ވާހަކަތަކާއި ގުޅިގެން މެމްބަރުން ވަނީ މިނިސްޓަރުގެ އިސްތިއުފާއަށް ވެސް ގޮވާލާފަ އެވެ.

އެގޮތުން މިނިސްޓަރު ވަނީ އެއްވެސް ޕްރޮޖެކްޓެއް ހިންގުމުގެ ކަންތައްތަކަކީ މިނިސްޓްރީގެ މަސްްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށާއި އެކަމަކު އެ މިނިސްޓްރީން ފެނާއި ނަރުދަމާގެ ހިދުމަތް ދިވެހި ރައްޔިތުންނަށް ލިބޭކަން ކަށަވަރު ކުރުމުގައި ޕޮލިސީ ލެވެލްގެ މަަސައްކަތެއް ކުރާނެ ކަމަށެވެ.

އަދި ވިދާޅުވީ އެ މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި އޮންނަ ކަމަކީ ތިމާވެއްޓާއި އެނާޖީއާ ގުޅުން ހުރި ކަންކަމުގެ ސިޔާސަތު ކަނޑައެޅުން ކަމަށާއި އުމްރާނީ ތަރައްގީއަކާ ގުޅުން ހުރި ކަމެއްގައި ވެއްޓަށް ލިބޭ ގެއްލުންތަކުގައި ޕްލޭނިން މިނިސްޓްރީއަށް ފަންނީ ލަފާ ދިނުން ކަމަށެވެ.

މިނިސްޓަރުގެ އެ ޖަވާބާ ގުޅިގެން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ އެ ޖަވާބަކީ ވަރަށް ނާއުންމީދީ ޖަވާބެއް ކަމަށާއި އެކަމުން އެނގިގެންދަނީ ނަރުދަމާގެ މައްސަލަ ހައްލުކުރުމުގެ މަަސައްކަތް ކުރިއަށް ނުދާނެކަން ކަމަށެވެ.

މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލައްވަމުން އޭނާ ވަނީ މިނިސްޓަރުގެ ޒިންމާތައް މަޖިލީހުގެ މެންބަރުންނަށް ސާފު ކަމަށާއި މެންބަރުން ސުވާލު ކުރައްވަނީ މިނިސްޓަރުގެ ޒިންމާތަކާ ގުޅޭ ގޮތުން ކަމަށް ވިދާޅުވެފަ އެވެ. 

"އޭގަ ވެސް ދެން ރައްޔިތުންގެ ކަންބޮޑުވުމަށް ހައްލެއް ހޯދުމަށް މިހާރު މިނިސްޓްރީން ކުރަމުންދާ ކަންތައްތަކާއި މެދު އަޅުގަނޑުމެންނަށް ހީވަނީ ސުވާލުތައް މިހާރު ކުރިއަށް ގެންދެވިދާނެ ހެން. އަޅުގަނޑުމެންނަށް ދެން މަޖިލީހުގަ ދެންމެ މިނިސްޓަރު ވެސް ވިދާޅުވި ގޮތަށް މަޖިލީހުގަ އިތުރުފުޅު ހެއްދެވުމަކީ ޖިނާއީ ދައުވާ ކުރެވޭނެ ކަމެއް. މި މަޖިލީހުގައި ދެއްވާ އިންފޯމޭޝަން އަކީ އަޅުގަނޑުމެން މި ބަލަނީ އެގޮތަށް އެކަން ކުރަށްވާނެ ކަމަށް. އަޅުގަނޑުމެންނަށް ޑޭޓެއް ދީ އެ ޑޭޓު ހައްދުފަހަނަ އަޅައިގެން ނުދާނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ. އަޅުގަނޑުމެން އަނެއްކާ ޖިނާއީ ދައުވާ ކުރަން ޖެހުނަސް ކުރާނަން. އަޅުގަނޑުމެންގެ ރައްޔިތުން އެ ތިބީ ނަޖިހުގެ ތެރޭގައި، އެހެންވީމަ ޖިނާއީ ދައުވާ ކޮށްގެން ނަމަވެސް މިކަން ކުރަން އެބަ ޖެހޭ މިހާރު. ނޫނިއްޔާމު މިނިސްޓަރު އިސްތިއުފާ ދެއްވައިގެން ނަަމަވެސް މިކަންތައް ކުރަން އެބަ ޖެހޭ މިހާރު،" - ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ

އަދި ފުވައްމުލަކުގެ ނަރުދަމާގެ މަސައްކަތް ފަށައި ނިމި ވަގުތީ ލައިސެންސް ދޫކުރި އިރު އޮތީ އެންވާރަމަންޓް މިނިސްޓްރީގެ ދަށުގައި ނަމަވެސް ދާއިމީ ލައިސެންސްއަށް ދިޔައިރު އެ މަސައްކަތް ވަނީ ޕްލޭނިން މިނިސްޓްރީގެ ދަށުކައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް