ads
ނޯކަރަކަށް ގެންގުޅުނު ކުއްޖާ، މީގެ ތިން އަހަރުކުރިން--
ނޯކަރަކަށް ގެންގުޅުނު ހަތް އަހަރުގެ ކުއްޖަކު މަރާލައިފި
ޕާކިސްތާނު ދެމަފިރިއަކު ނޯކަރަކަށް ގެންގުޅުނު ހަތް އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާކޮށް، މަރާލި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޕާކިސްތާނުގެ ރާވަލްޕިންޑީގައި ހިނގި އެ ހާދިސާ ފުލުހުންނަށް ހުށަހެޅުނީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެ މައްސަލަ ފުލުހަށް ހުށަހެޅީ ބޮޑެތި އަނިޔާތަކާއި އެކު އެ ކުއްޖާ ހޮސްޕިޓަލަށް ގެނައުމުން، ހޮސްޕިޓަލުގެ މުވައްޒަފުން ކަމަށް ވެއެވެ.

އެ ކުއްޖާ އަށް ބޮޑެތި އަނިޔާތަކެއް ދިނުމަށް ފަހު، ހޮސްޕިޓަލަށް ގެންދިޔައީ އެ އަނިޔާތަށް ދިން ކަމަށް ތުހުމަތު ކުރެވޭ ދެމަފިރިންނެވެ. ހޮސްޕިޓަލަށް ގެންދިއުމާއި އެކު އެއީ ގަސްތުގައި އެ ކުއްޖާ އަށް ބަޔަކު ދީފައިވާ އަނިޔާތަކެއް ކަމަށް ބެލެވުމުން، އެ މައްސަލަ ޕޮލިހުންނަށް ހުށަހެޅީ އެވެ.

އެ ކުއްޖާ މަރުވީ ހޮސްޕިޓަލަށް ގެންދިޔަތާ އެއް ދުވަސް ފަހުންކަމަށް ވެއެވެ. އަދި އެ މައްސަލަ އަށް ބައިނަލްއަގުވާމީ ގޮތުން ވެސް ސަމާލުކަން ލިބި، އެތައް ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަން ފަށާފައިވާއިރު، މިހާރު ވަނީ އެ ކުއްޖާ އަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ ދެމަފިރިން ހައްޔަރު ކޮށްފަ އެވެ.

ޕާކިސްތާން ފުލުހުން ބުނީ އެ ދެމަފިރިން ދެ ހަފްތާ އަށް ޖަލަށް ލާފައިވާއިރު، އެ މީހުން ދޫކޮށްލާނީ ޕޮލިގްރާފް ޓެސްޓެއް ހެދުމަށް ފަހު، އޭގެން ފާސްވެގެން ކަމަށެވެ. ޕޮލިގްރާފް ޓެސްޓް އާންމުކޮށް ހަދަނީ މީހުން ދޮގު ހަދާތޯ ބެލުމަށެވެ. 

ޕާކިސްތާނުގައި 15 އަހަރުން ދަށުގެ ކުދިން ވަޒީފާތަކުގައި ގެންގުޅުމަކީ މަނާ ކަމެކެވެ. ނަމަވެސް ކުޑަ ކުދިންނަށް ވަޒީފާދީ، ކުޑަ އުޖޫރައަކަށް ބުރަ މަސައްކަތް ކުރުވުން ޕާކިސްތާނުގައި އާންމުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މި މައްސަލާގައި އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވުމާއި ގުޅިގެން ޕާކިސްތާނުގެ ހިއުމަންރައިޓްސް މިނިސްޓަރު ވަނީ އެފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަށް ގާނޫނުތައް ވަރުގަދަ ކުރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ފާޑުކިޔާ މީހުން ވަނީ މިހާރު ހުރި ގާނޫނުތައް ވެސް ތަންފީޒު ނުކުރެވޭ ކަމަށް ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް