ads
ފޮޓޯ:މޯލްޑިވިއަން
މޯލްޑިވިއަން އިން 700 ޓަނުގެ ކާގޯ އެތެރެކޮށްފި
މޯލްޑިވިއަން އިން ރާއްޖެ އަށް 700 ޓަނުގެ ކާގޯ އެތެރެކޮށްފި އެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއް ގައި ވާހަކަ ދައްކަވަމުން މޯލްޑިވިއަން ގެ ޑިރެކްޓާ އޮފް ގްރައުންޑް އޮޕަރޭޝަންސް، އަހުމަދު އިބްރާހިމް ވިދާޅުވެފައި ވަނީ އެ އެއާލައިން އިން މިހާރު މުދާ އުފުލުމަށް ދަތުރުކުރަމުން ދާ ފަސް މަންޒިލުން މިހާތަނަށް 700 ޓަނުގެ މުދާ އެތެރެކުރެވިފައި ވާކަމަށެވެ. 

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް މުދާ އެތެރެކުރުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން މޯލްޑިވިއަން އިން ކާގޯ ދަތުރުތައް ފަށާފައި ވަނީ މޭ މަހުގެ 29 ވަނަ ދުވަހު އެވެ.

އަހުމަދު އިބްރާހިމް ވިދާޅުވީ އެކުންފުނިން މުދާ އެތެރެކުރަމުން ދަނީ ރާއްޖޭގެ މާކެޓުގައި ލިބޭނެ އެންމެ ހެޔޮ އަގުގައި ކަމަށް ވެސް ފާހަގަ ކުރައްވާފަ އެވެ. 

މޯލްޑިވިއަން އިން ރާއްޖެ އަށް ބޭނުންވާ ބޭސް ގެނައުމަށް އެސްޓީއޯ އާއި އެންޑީއެމްއޭގެ ހާއްސަ ދަތުރުތަކެއް ވެސް ކޮށްފައި ވާކަމަށް ފާހަގަކޮށް އަހްމަދު ވަނީ އޭގެ ތިން ދަތުރު ޗައިނާ އަށް ކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން މިހާރު މޯލްޑިވިއަން އިން މުދާ އުފުލުމަށް ދަތުރުކުރަމުންދާ ފަސް މަންޒިލަކީ، ކޮލޮމްބޯ، ޗެންނާއީ، ޓްރިވެންޑްރަމް އަދި ބެންކޮކްގެ އިތުރުން ދުބާއީ އެވެ.

މޯލްޑިވިއަން އިން ކާގޯ ދަތުރުތައް ފަށާފައި ވަނީ ކޮވިޑް-19 ގެ ސަބަބުން ގިނަ އަދަދެއްގެ ގައުމުތަކުން ދަތުރުތައް ހުއްޓާލުމުން ރާއްޖެއަށް ބޭނުންވާ މުދާ ގެނައުމަށް އެހީތެރިވުމުގެ ގޮތުން ނެވެ.

އެކުންފުނިން ވަނީ މުދާ ގެނައުމަށް ޗާޓާ ފްލައިޓް ހަމަޖެއްސުމުގެ ފުރުސަތު ވެސް ވިޔަފާރިވެރިންނަށް ދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް