ads
ސުޝާންތު ސިންގް ރާޖުޕުތު--
ސުޝާންތުގެ އެންމެ ފަހު އިންސްޓަގްރާމު ޕޯސްޓް ވަރަށް އަސަރު ގަދަ!
ބޮލީވުޑުގެ ކުޅަދާނަ ތަރި، ސުޝާންތު ސިންގް ރާޖުޕުތު އަމިއްލައަށް މަރުވި ހަބަރަކީ ސަޕޯޓަރުންނާއި އޭނާއާއެކު މަސައްކަތް ކުރި ގިނަ ބަޔަކު ސިއްސުވާލި ހަބަރެކެވެ. މިއަދު އޭނާ އަމިއްލައަށް މަރުވެފައި އޮއްވާ ފެނިފައި ވަނީ އޭނާ މުމްބާއީގައި ދިރިއުޅެމުން އައި ގޭގެ ތެރެއިންނެވެ.

ސުޝާންތުގެ މަރާއި އެކު ގިނަ ބަޔަކު އޭނާގެ ހަނދާންތައް އާކުރަމުންދާ މިދަނޑިވަޅުގައި ލޮލުގައި އަޅައި ގަންނަނީ އޭނާ އެންމެ ފަހުން ކުރި އިންސްޓަގްރާމު ޕޯސްޓެވެ. މިމަހުގެ ތިން ވަނަ ދުވަހު ކުރި އެ ޕޯސްޓުގައި ފެނިގެންދަނީ އޭނާ އާއި އޭނާގެ މަންމަ އެވެ. ބްލެކް އެންޑް ވައިޓް އެ ފޮޓޯގެ ކެޕްޝަނުގައި ވަނީ އޭނާގެ މާޒީ ކަރުނައިން ކިތަންމެ ފުސް ނަމަވެސް ހުވަފެންތަކުން ހިތުންވުމެއް އަންނަ ކަމަށެވެ.

ސުޝާންތު އަމިއްލައަށް މަރުވިއިރު އޭނާ އެންމެ ފަހުން ފެނިގެންދިޔައީ ޝްރައްދާ ކަޕޫރާއެކު "ޗިޗޯރު" އިންނެވެ. އެ ފިލްމުގައި އޭނާ ފެނިގެންދަނީ އަމިއްލައަށް މަރުވުމަކީ ހައްލު ނޫންކަމާއި އޭގެ ބަދަލުގައި ދިރިއުޅުމައި ކުރިމަތިލުމަށް ހިތްވަރުދޭ މީހެއްގެ ރޯލުންނެވެ. 

ހިޓު ފިލްމު، "ދޯނީ: ދަ އަންޓޯލްޑް ސްޓޯރީ" އިން ވެސް ފެނިގެންދިޔަ ސުޝާންތު މީގެ ކުރިން ވެސް ވަނީ އޭނާގެ މަންމަގެ ހަނދާންތައް އާކޮށް އިންޓަވިއުއެއްގައި ވާހަކަ ދައްކާފަ އެވެ. އެގޮތުން އޭނާގެ ކާމިޔާބު ދެކެން މަންމަ ދުނިޔޭގައި ހުރިނަމައޭ ހިތަށް އަރާ ކަމަށް ބުނެ އެވެ. 

އޭނާ ވަނީ ކުރިއާ ހިލާފަށް އޭނާއަކީ މިހާރު ވަރަށް ތަފާތު މީހެއް ކަމަށާއި މަންމަ ދުނިޔޭގައި ހުރި ނަމަ އޭނާއަށްޓަކައި ފަހުރުވެރިވާނެ ކަމަށް ބުނެފަ އެވެ.

އޭގެ އިތުރުން ވެސް އޭނާ ވަނީ އެކްޓްކުރުމުގައި އޭނާ އުޅެނީ އަމިއްލަ ނަފުސުގެ އިހުސާސްތަކާއި ދުރުގައި އުޅުމަށް ކަމަށް ވެސް ބުނެފަ އެވެ.

ސުޝާންތު މަރުވިއިރު އޭނާ އާއި ބަތަލާ ރިއާ ޗަކްރަބަތީ އުޅުނީ ލޯބީގެ ގޮތުން ގުޅިގެންނެވެ. ސުޝާންތުގެ އެންމެ ފަހުގެ އިންސްޓަގްރާމު ޕޯސްޓަށް ވެސް އޭނާ ވަނީ ރަތް ހިތްތަކެއް ޖެހުމަށް ފަހު ކޮމެޓްކޮށްފަ އެވެ. 

ޓީވީ ޝޯތަކުން އާންމުންގެ ހިތް ދަމައިގެން ސުޝާންތު ވަނީ ބޮލީވުޑުގެ ވެސް ކާމިޔާބު ފިލްމުތަކުން ފެނިގެންގޮސްފަ އެވެ. އޭގެ ތެރޭގައި ކެދާނަތާއި ރާބްތާ އަދި ޕީކޭ ފަދަ ފިލްމުތައް ހިމެނެ އެވެ. 

އޭނާގެ ކުއްލި މަރާއެކު ބޮލީވުޑުގެ ތަރިންނާއި ޕްރޮޑިއުސަރުން އަދި ޑައިރެކްޓަރުން އަންނަނީ އޭނާގެ ހަނދާންތައް އާކުރަމުން އޭނާގެ ހުނަރަށް ވެސް ތައުރީފް ކުރަމުންނެވެ. އެ ފަދަ ފިޔަވަޅެއް ސުޝާންތު އަޅާފާނެ ކަމަށް އެމީހުންގެ ހިތަކަށް ވެސް ނާރަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް