ads
މާލެ: ފޮޓޯ އައްޑޫ ލައިވް
މާލޭގައި ދަނޑުވެރިކަން ކުރުމުގެ ފުރުސަތު އަނެއްކާ ވެސް ހުޅުވާލައިފި
މާލޭގައި ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އަނެއްކާ ވެސް ހުޅުވާލައިފި އެވެ.

އެގްރިކަލްޗަ މިނިސްޓްރީން ބުނީ މާލޭގައި ހުންނަ ހުސް ބިމެއް ނުވަތަ ގޭގޭގެ ޓެރަސް ތަކުގައި ދަނޑުވެރިކަން ކުރުމުގެ ފުރުސަތު ދިނުމަށް ހާއްސަ ޕްރޮގްރާމެއް ފަށާފައިވާ ކަމަށެވެ.  އާބަން ގާޑަން ގާއމްކުރުމުގެ ޕްރޮގްރާމްގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމުގެ ދަށުން މޮޑެލް ބިނާ ވާނީ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހޭ ތަނެއްގެ ބޮޑު ކުޑަ މިނުގެ މައްޗަށް ކަމަށް އެގްރިކަލްޗަރު މިނިސްޓްރީން ބުނެ އެވެ.

އެ ޕްރޮގްރާމަށް ބޭނުންވާ ހުރިހާ ސާމާނެއް މިނިސްޓްރީން ފޯރުކޮށްދޭން ނިންމާފައިވާއިރު އެ ޕްރޮގްރާމުގައި ގަސް ހެއްދުމަށް ވިހަ ގޭސްތައް ބޭނުން ނުކުރެވޭނެ ކަަމަށް މިނިސްޓްރީން ބުނެ އެވެ. އޭގެ ބަދަލުގައި ގަސް ކާނާގެ ގޮތުގައި މައިގަނޑު ގޮތެއްގައި ބޭނުން ކުރާނީ އޯގަނިކް ކޮމްޕޯސްޓްގެ ބާވަތްތައް ކަމަށް މިނިސްޓްރީން ބުނެ އެވެ. 

މިނިސްޓްރީން އިތުރަށް ބުނީ ގޭބީސީތަކުން އުކާލާ ތަކެތި ބޭނުން ކޮށްގެން ގަސް ކާނާ އުފައްދާ އެތަކެތި ބޭނުން ކުރުން ވެސް ޕްރޮގްރާމްގައި ހިމެނޭ ކަމަށެވެ.

އެ ޕްރޮގްރާމްގައި ބައިވެރި ވުމަށް އެދޭ މީހުން ސަރުކާރުގެ ގެޒެޓުގައިވާ ފޯމް އަދި ބިމެއް ނަަމަ އެ ބިމެއްގެ ރަޖިސްޓްރީގެ ކޮޕީ އަދި ޓެރަސް އެއް ނަަމަ އެ ޓެރަސް އެއް ހިމެނޭ އިމާރާތުގެ ރަޖިސްޓްރީގެ ކޮޕީ މިނިސްޓްރީ އަށް ހުށައަޅަން ޖެހޭނެކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި ފޯމް ހުށަހަޅާ މީހާއަކީ ބިން ނުވަތަ ޓެރަސް ހުރި އިމާރާތުގެ ވެރި ފަރާތް ނޫން ނަމަ އެތަނުގައި އާބަން ގާޑަން ތަރައްގީ ކުރުމަށް ވެރިފަރާތުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ވެސް މިނިސްޓްރީ އަށް ހުށައަޅަން ޖެހެ އެވެ. 

އެ ޕްރޮގްރާމަށް ޓެރަސް ނުވަތަ ބިން އިހްތިޔާރު ކުރުމުގައި ހުށަހަޅާ ބިމަށް ނުވަތަ ޓެރަހަށް ވަދެ ނިކުތުމަށް ފަސޭހަ މިންވަރާއި އެތަނުގެ ސެކިއުރިޓީ ބަލަހައްޓާ މިންވަރަށް ބަލާނެ އެވެ. ހަމަ އެއާ އެކު މިނިސްޓްރީން ގާއިމްކުރާ މޮޑެލް އާންމުންނަށް ދައްކާ ޕްރޮމޯޓް ކުރުމަށް ކުރާނެ މަސަައްކަތައް ވެސް ޕްރޮގްރާމަށް ހޮވާ އިރު ބަލާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ. 

މިނިސްޓްރީން އިތުރަށް ބުނެފައި ވަނީ ހުށަހަޅާ ތަނުން ޖާގަ ލިބެން އޮތް މިންވަރާއި މޮޑެލް ގާޑަން ތަރައްގީ ކުރުމުގައި އަމަލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވޭނެ މިންވަރަށް ވެސް ބަލާނެ ކަމަށެވެ. އަދި ހުށަހަޅާ ތަނަށް މޫދު ލޮނުގެ އަސަރު ކުރާ މިންވަރާ އަވި ލިބޭ ނިސްބަތަށް ވެސް ބަލާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. 

އޭގެ އިތުރުން މިނިސްޓްރީން ބުނެފައި ވަނީ މޮޑެލް ގާޑަން ގާއިމްކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު އަވައްޓެރިންނަށާއި އެހެނިހެން އާންމުންނަށް ފަހިކޮށްދިނުމަށް ހުށަހަޅާ ގޮތާއި މިންވަރަށް ވެސް ޕްރޮގްރާމަށް ހޮވުމުގައި ބަލާނެ ކަމަށެވެ. 

ޕްރޮގްރާމަށް ފޯމު ހުށަހެޅުމުގެ ސުންގަނޑި އަކީ ޖޫން 25 ވަނަ ދުވަހުގެ 14:00 އެވެ. 

މާލޭގައި އާބަން ގާޑަން ތައާރަފް ކުރުމަށް އެގްރިކަލްޗަ މިނިސްޓްރީން ނިންމާފައި ވަނީ "ކާނާގެ ޔަގީންކަން" ކަށަވަރުކުރުމަށް ދަނޑުވެރިކަން ހިއްސާ ކުރާ މިންވަރު އިތުރު ކުރުމުގެ ސިޔާސަތުގެ ދަށުންނެވެ. 

އެ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފަށާނީ ކޮވިޑް-19 އާ ގުޅިގެން އިއުލާންކޮށްފައިވާ ލޮކްޑައުންގެ ހާލަތު ނިމި އާންމު ހާލަތަށް ރުޖޫއަވެއްޖެކަން، ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމު ކުރުމުން ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް