ads
ޖަމާއަތުގައި ނަމާދުކުރަނީ--
މާލެ ސަރަހައްދުގެ މިސްކިތްތައް ހުޅުވާލައިފި
ޖަމާތުގައި ނަމާދު ކުރުމެއް އަދި ވެސް ނެތް
ފުއްޕާމޭގެބަލި މީހުންނާއި އުމުރުންދު ވަސްވީ މީހުން މިސްކިތަށް ނުދިއުމަށްވަނީ އެދިފައި
ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން މާލެ ސަރަހައްދުގެ މިސްކިތްތައް ބަންދުކޮށްފައި އޮތްއިރު މިރޭ މަގްރިބް ނަމާދުން ފެށިގެން މިސްކިތްތައް ހުޅުވާލައިފި އެވެ.

ރާއްޖޭގެ ހުރިހާ ރިސޯޓުތަކާއި މާލެ ސަރަހައްދުގެ ހުރިހާ މިސްކިތްތަކެއްގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެންނެވެ. 

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ވަގުތު ރާއްޖޭގައި ފުރަބަންދު ހާލަތުގައި ހުރި ރަށްރަށާއި، މޮނިޓަރިން ހާލަތުގައި ހުރި ރަށްރަށާއި މީހަކު ކަރަންޓީނުކޮށްފައިވާ ރަށެއްގައި ނަމަ އެ ރަށެއްގެ މިސްކިތުގައި ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދު ޖަމާއަތް ހަދައިގެން ނުކުރަން ނިންމާފައިވާ ކަމަށެވެ. 

" އެގޮތަށް ނިންމީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19، ރާއްޖޭގައި ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންނާއި ޑޮކްޓަރުންގެ ލަފާގެ މަތިން،" ބަޔާނުގައި ބުނެފައިވެ އެވެ،

އަދި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެވި ގްރޭޓާ މާލެ ސަރަޙައްދު ފުރަބަންދުގެ ހާލަތަށް ގެނައުމާއި ގުޅިގެން މިސްކިތްތައް ވަގުތީ ގޮތުން ބަންދުކުރެވުން ނަމަވެސް މިހާރުގެ ހާލަތަށް ރިއާޔަތްކޮށް އެކި މަރުހަލާތަކަށް ބަހާލައިގެން ފުރަބަންދުގެ ހާލަތަށް ލުއިތަކެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން ނިންމާފައިވާތީ، މިހާލަތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއެކު ޖަމާއަތް ހެދުމަކާ ނުލައި، މިސްކިތުގައި ނަމާދުކުރުމަށް ބޭނުންވާ މީހުންނަށް މިސްކިތްތައް ހުޅުވާލަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ. 

އެ ނިންމުން ނިންމާފައި ވަނީ ލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އަދި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން މިއަދު މަޣްރިބު ނަމާދުން ފެށިގެންނެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލެ އާއި ތިލަފުށި އަދި ގުޅީފަޅުގެ ހުރިހާ މިސްކިތްތައް ހުޅުވާލުމުގައި މައްސަލައެއް ނެތް ކަމަށް މިނިސްޓްރީން ބުނެ އެވެ. 

އިސްލާމިކް މިނިސްޓްރީން އިތުރަށް ބުނީ މިސްކިތްތައް ހުޅުވާލާއިރު ސިޓީ ކައުންސިލުން ގިނަ ކަންތައްތަކަކަށް ސަމާލުވާން ޖެހޭނެ ކަމަށެވެ. އޭގެ ތެރޭގައި ނަމާދު ކުރުމަށް ހުޅުވާލާ މިސްކިތުގައި ކާޕެޓް އަޅާފައި ނެތުމާއި ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕުލައި ސާފު ކުރުމާއި މިސްކިތުގައި ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ އިތުރުން މި ހާލަތުގައި އެއާކޯނު ބޭނުން ނުކުރުން ހިމެނެ އެވެ. 

އޭގެ އިތުރުން ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުމާއި މުސައްލައެއް ގެންދިއުމާއި މާސްކު އެޅައިގެން މިސްކިތަށް ދިއުމާއި މިސްކިތައް ވަނުމުގައި އަދި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުމާއި މުސައްލަ އެޅުމުގައި ގައިދުރުކަން ބެހެއްޓުން ވެސް ހިމެނެ އެވެ. އަދި އެމީހެއްގެ މުސައްލަ މަތީގައި މެނުވީ ނަމާދު ނުކުރުމާއި ރޯގާ ޖެހި ނުވަތަ ހުން އައިސް ނުވަތަ ކެއްސާނަމަ މިސްކިތަށް ގޮސްގެން ނުވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. 

މިނިސްޓްރީން ބުނީ ނަމާދު ނިމުމަށް ފަހު މިސްކިތުގައި މަޑު ނުކުރުމާއި ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި އުމުރުން ދުވަސް ވެފައިވާ މީހުން މިސްކިތަށް ނުދިއުން އަދި މިސްކިތާއި މިސްކިތުން ބޭރުގައި ވެސް އަތާ އަތް ޖޯޑުކޮށް ސަލާމްކުރުން ފަދަ ކަންކަންކޮށްގެން ނުވާނެ ކަމަށެވެ. 

އިސްލާމިކް މިނިސްޓްރީން އިތުރަށް ބުނީ މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ވަކިވަކިން ނަމާދުކުރަން ހުޅުވާލި ނަމަވެސް ޖަމާއަތް ހަދައިގެން ނަމާދު ކުރާގޮތަށް ހަމަޖެހިފައި ނުވާތީ، އިމާމުން ބަންގީގެ ފަހުގައި ގޭގައި ނަމާދުކުރުމަށް ގޮވާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ އެގޮތަށް މިސްކިތް ހުޅުވާލަނީ މިހާރުގެ ހާލަތަށް ރިއާޔަތްކޮށްގެން ކަމަށާއި ނަމަވެސް ފުރަބަންދުގެ ހާލަތަށް ލުއި ދިނުމުގައި މަރުހަލާތަކަކަށް ބަހާލެވިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާތީ، ހާލަތަށް ރިއާޔަތްކޮށް އިތުރު ލުއިތަކެއް ދިނުމަށް އެޗްޕީއޭއިން ކަނޑައަޅާއިފިނަމަ ޖަމާއަތުގައި ނަމާދުކުރުމާ ގުޅޭގޮތުން އިތުރު ލުއިތައް ދެމުން ދާނެ ކަމަށެވެ. 

އަދި މިދަނޑިވަޅުގައި ވެސް ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށާއި، ފަރުޟު ފަސްނަމާދު ބަރާބަރަށް އަދާކުރުމަށާއި، ހެޔޮއަމަލުތައް ގިނަކުރުމަށް އިސްލާމިކް މިނިސްޓްރީން ނަސޭހަތްތެރިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް