ads
އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީއަށް ނިސްބަތްވާ މެންބަރުން -- ފޮޓޯ: ސީއެންއެމް
ނަޝީދު ރަސްމީކޮށް މާފަށް އެދިފައި ނުވާތީ މާދަމާގެ ޖަލްސާ ވެސް އިދިކޮޅު ބޮއިކޮޓްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ ވެސް ބޮއިކޮޓް ކުރުމަށް ނިންމާފައިވާކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

މި މަހުގެ ދެ ވަނަ ދުވަހުގެ ރޭ ގާނުނުއަސާސީ އިސްލާހުކުރުމަށް ދަންވަރު ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޝިޔާމްގެ ނަން އިއްވީ މަޖިލީހުގެ ގަވައިދުގެ 65 ވަނަ މާއްދާއާ ހިލާފަށް ކަމަށް ބުނެ އެންމެ ފަހުން ބޭއްވި ޖަލްސާ ވެސް އިދިކޮޅުން ވަނީ ބޮއިކޮޓްކޮށްފަ އެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ނެރުނު ބަޔާނުގައި ބުނީ އެމްޑީޕީ މެމްބަރުން، ޝިޔާމް މަޖީލީހުގެ ތަޅުމުން ނެރުމުގައި ތަޅާ އަނިޔާކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ތަހުގީގަށް އެމްޑީޕީގެ މެމްބަރަކު ހާޒިރުކޮށްފައި ނުވާއިރު ދައުލަތުގެ ތަހުގީގީ އިދާރާއަކުން އެކަމާއި މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވުމުން މާދަމާގެ މަޖިލިސް ބޮއިކޮޓް ކުރަން ނިންމާފައިވާކަމަށް ބުނެ އެވެ.

" މެމްބަރު ޝިޔާމްއަށް އަނިޔާތަކެއް ލިބިފައިވާއިރު މިކަމާ ގުޅިގެން މަޖިލީހުގެ ރައީސް ރަސްމީކޮށް މައާފަށް އެދިފައިނުވާތީއާއި، ކޯލިޝަންގެ މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކުރެވިފައި ނުވާތީއާއި މިކަމާ ގުޅިގެން ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ މައްސަލައިގައި މިހާތަނަށް އެމްޑިޕީ އެއްވެސް މެމްބަރަކު ހާޒިރުކުރިކަމުގެ މައުލޫމާތު ލިބިނުވާތީއާއި، އަދި ދައުލަތުގެ ތަހުގީގީ އިދާރާއަކުން މިކަމާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ ބޮއިކޮޓްކުރަން ނިންމާފައިވާ ވާހަކަ ދަންނަވަމެވެ،" އެ ބަޔާނުގައިވެ އެވެ.

އޭގެ އިތުރުން ބުނީ މައިނޯރިޓީ ނެތި މަޖިލިސް ކުރިއަށް ގެންދިއުމަކީ ޑިމޮކްރަސީގައި ނާތަހުޒީބީ އަމަލެއްކަމަށާއި މަޖިލީހުގައި މައިނޯރިޓީ ނެތުމުގެ ހުރިހާ ޒިންމާ އުފުލަން ޖެހޭނީ ރައީސް ނަޝީދު ކަމަށެވެ. އަދި ގާނޫނު އިސްލާހުކުރުމަށް ބޭއްވި ޖަލްސާގައި ހިނގާދިޔަ ކަންކަން މިނިވަން މުއައްސަސާތަކުން އިންސާފުވެރިކަމާއެކު ތަހުގީގުކުރުމަށް ވެސް ގޮވާލަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް