ads
ސުޝާންތު--
ސުޝާންތުގެ މަރާއެކު ވައިރަލްވި އޭނާގެ 50 ހުވަފެން
ބޮލީވުޑުގެ ކުޅަދާނަ ތަރި، ސުޝާންތު ސިންގް ރާޖުޕުތުގެ މަރާއެކު މުޅި ބޮލީވުޑު ރޮއްވާލައިފި އެވެ. މުމްބާއީގައި އޭނާ ދިރިއުޅެމުން އައީ ގޭގައި ސުޝާންތު އަމިއްލައަށް މަރުވިއިރު އޭނާއައީ ޑިޕްރެޝަނަށް ފަރުވާ ހޯދަމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އޭނާގެ މަރާއެކު ސުޝާންތުގެ 50 ހުވަފެނެއް މިވަނީ ވައިރަލްވެފަ އެވެ. މިއީ ދިރިއުޅުމުގައި އޭނާ ހާސިލުކުރަން ބޭނުންވި ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ. 

އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސުޝާންތު ވަނީ އޭނާގެ އަތުން ލިޔެފައިވާ އެ ލިސްޓު އިންސްޓަގްރާމު މެދުވެރިކޮށް ހިއްސާކޮށްފަ އެެވެ. އެގޮތުން މަތިންދާ ބޯޓު ދުއްވަން ދަސްކުރުމުގެ އިތުރުން ކްރިކެޓް މެޗު ކުޅުމާއި ޔޫރަޕު ތެރެ ބަލާލަން ޓްރެއިނެއްގައި ދިއުމާއި 100 އެއްހާ ކުދިން ނާސާގެ ވޯކްޝޮޕަށް ފޮނުވުން އޭގެ ތެރޭގައި ހިމެނެ އެވެ. 

ސުޝާންތުގެ ލިސްޓުގައި އިތުރަށް ހިމެނެނީ ޔޯގާ ދަސްކުރުމާއި ކުޑަ ކުދިންނަށް ނަށަން ދަސްކޮށްދިނުމާއި އަމިއްލަ ލަމްބޮގެނީއެއް ގަތުމެވެ. އަދި ވެސް އަމިއްލަ ދިރިއުޅުމުގައި ހާސިލުކުރަން ބޭނުންވާ ގިނަ ކަންތައްތަކެއް އެ ލިސްޓުގައި ހިމެނެ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ސުޝާންތު މަރުވުމުގެ ކުރިން އޭނާ ވަނީ ބައްޕައަށް ގުޅައި ވާހަކަ ދައްކާފަ އެވެ. އެކަމަކު އޭގެ ކުޑައިރުކޮޅެއް ފަހުން މުމްބާއީ ފުލުހުން އޭނާގެ ބައްޕައަށް ގުޅާފައިވަނީ ސުޝާންތު މަރުވި ހަބަރު ދިނުމަށެވެ.

އަދި އެ ހަބަރު އިވި އޭނާގެ ބައްޕަ ހޭނެތުނު ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އަދި ސުޝާންތު މަރުވުމުގެ ކުރިން ބައްޕަގެ ގޭގައި މަސައްކަތް ކުރާ މީހާއަށް ގުޅައި، ކޮވިޑުގެ ބަލިމަޑުކަމުން ބައްޕަ ރައްކާތެރިކުރުމަށް މަސައްކަތް ކުރުމަށް ވެސް އެދުނު ކަމަށްވެ އެވެ. 

ސުޝާންތުގެ މަރާއި އެކު ގިނަ ބަޔަކު އޭނާގެ ހަނދާންތައް އާކުރަމުން އަންނައިރު ސުޝާންތުގެ އެންމެ ފަހު އިންސްޓަގްރާމު ޕޯސްޓުގައި ވަނީ އޭނާ އާއި އޭނާގެ މަންމަ އެވެ. ބްލެކް އެންޑް ވައިޓް އެ ފޮޓޯގެ ކެޕްޝަނުގައި ވަނީ އޭނާގެ މާޒީ ކަރުނައިން ކިތަންމެ ފުސް ނަމަވެސް ހުވަފެންތަކުން ހިނިތުންވަމުން އަންނަ ކަމަށެވެ. 

ޓީވީ ޝޯތަކުން އާންމުންގެ ހިތް ދަމައިގެން ސުޝާންތު ވަނީ ބޮލީވުޑުގެ ވެސް ކާމިޔާބު ފިލްމުތަކުން ފެނިގެންގޮސްފަ އެވެ. އޭގެ ތެރޭގައި ކެދާނަތާއި ރާބްތާ އަދި ޕީކޭ ފަދަ ފިލްމުތައް ހިމެނެ އެވެ. އޭނާ އެންމެ ފަހުން ފެނިގެންދިޔައީ ޝްރައްދާ ކަޕޫރާއެކު ޗިޗޯރުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް