ads
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ--
ސްކޫލުތައް ހުޅުވާނީ ޖުލައި އެކެއްގައި
ކޮވިޑް-19 ގެ އަސަރެއް ނެތް ރަށްރަށުގައި ސްކޫލުތައް ހުޅުވާނީ ޖުލައި އެކެއްގައި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިހާރު ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ޖުލައި އެއް ވަނަ ދުވަހު، ސްކޫލުތައް ހުޅުވާ ގޮތަށް ނިންމާފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. 

އެގޮތުން، ކޮވިޑް-19 ގެ ބަލިމަޑުކަން ނެތް ރަށްރަށުގައި އެ ދުވަހު، ގްރޭޑް އެކަކުން ފެށިގެން މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް ކިޔަވައިދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ ސްކޫލުތައް ހުޅުވާނީ ވަކި ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ. އަދި މިހާލަތުގައި ވެސް އެންމެ އިސްކަމެއްދޭނީ ދަރިވަރުންގެ ސިއްހަތަށްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެކަމަށް ފަރުވާތެރިވެގެން އުނގަންނައިދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

"މި ހާލަތުގައި ސްކޫލުތައް ހުޅުވަން އަޅުގަނޑުމެން މި ނިންމަނީ ސްކޫލުތައް ހުޅުވުމަކީ ވަރަށް ވަރަށް މުހިއްމު ކަމެއް ހަގީގަތުގައި. އަޅުގަނޑުމެންގެ ދަރިވަރުން މާޗު މަހުން ފެށިގެން މިހާރު ގޭގައި ތިބޭތާ ގާތްގަނޑަކަށް ތިން މަސްވެއްޖެ. އެހެންވީމަ އެކުދިންނަށް ވަރަށް ގިނަ ކަންކަމުން މަހްރޫމްވެފައި މިވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ސްކޫލުތަކަކީ ހަމައެކަނި ކިޔަވައިދޭ ތަނެއް ނޫން ކަމަށައި އެގޮތުން އިޖުތިމާއީ ހުނަރުތަކާއި ރަހުމަތްތެރިންނާއި ބައްދަލުވުމުގެ ފުރުސަތު ލިބޭކަމަށެވެ. އަދި ބައެއް ކުދިންނަށް ސްކޫލަކީ އެކުދިންނަށް ލިބޭ ހަމައެކަނި ރައްކާތެރި މާހައުލު ކަމުން ސްކޫލު ހުޅުވުން މުހިއްމުކަން މިނިސްޓަރު ފާހަގަކުރައްވަ އެވެ. 

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިދިޔަ ތިން މަހުގެ ތެރޭގައި ދަރިވަރުންގެ ކިޔެވުމަށް ވެސް ހީނަރު ކަމެއް އައިސްފައިވާ ކަމަށާއި އެގޮތުން ހުއްޓާ ނުލައި ކިޔަވައިދިނުމަށް މަސައްކަތް ކުރެވުން ކަމަށެވެ. އެގޮތުން ޓެލިކްލާސް އަދި ގޫގުލްކްލާސް މެދުވެރިކޮށް ކިޔަވައިދިނުމަށް މަސައްކަތް ކުރިކަން މިނިސްޓަރު ފާހަގަކުރައްވަ އެވެ.

މިނިސްޓަރު ވިދާޅުވީ އަލުން ކިޔަވައިދޭން ފަށާއިރު ވެސް ގިނަ ކަންތައްތަކަކަށް ސަމާލުކަން ދޭން ޖެހޭ ކަމަށާއި އެގޮތުން ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ދަރިވަރުންގެ އިތުރުން ޓީޗަރުން ވެސް ސްކޫލަށް ހާޒިރުނުވުމަށް ސްކޫލުތަކަށް އަންގާފައިވާ ކަމަށެވެ.

އަދި ސްކޫލު ހުޅުވުމުގެ ކުރިން އަދި ސްކޫލު ހުޅުވުމުން ކުރަން ޖެހޭ ކަންކަމާއި ގުޅޭ މައުލޫމާތު ސްކޫލުތަކަށް ހިއްސާކޮށްފައިވާ ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ ކޮވިޑް ޖެހިފައިވާ ކުދިންނާއި މުވައްޒަފުން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރެވެމުން އަންނަ ކަމަށާއި އެގޮތުން އެކުދިންނަށް ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ގޮތްތަކެއް އިންތިޒާމުކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ. 

"ދެން ސިއްހީ ގޮތުން ހައި ރިސްކުގެ ކުދިން މިހާރު އަޅުގަނޑުމެން ވަނީ އެއްކޮށްފައި. އަދި އެކުދިންނަށް ކިޔެވުން ކުރިއަށް ގެންދާނެ ގޮތްތައް ރާވާ އެކަންކަން އަޅުގަނޑުމެން މިހާރު ސްކޫލުތަކާއި ހިއްސާކުރެވިފައި ވަނީ،"

މިނިސްޓަރު ވިދާޅުވީ އެ ކަންކަން ނިންމުމުގެ ކުރިން އެޗްޕީއޭ އާއި ސްކޫލުތަކާއި ވެސް މަޝްވަރާކުރާ ކަމަށެވެ. އަދި މިނިސްޓަރު ވަނީ ސްކޫލުތަކަށް ދަރިވަރުން ނިކުންނައިރު މާސްކް އަޅަން ޖެހޭނެ ކަމަށާއި އެގޮތަށް އަޅާ މާސްކްތައް ހުންނަން ޖެހޭ މިންގަނޑުތައް ވެސް މިހާރު ސްކޫލުތަކާއި ހިއްސާކޮށްފައިވާނެ ކަމަށް ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް