ads
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު--
ފުރުސަތެއް ލިބިއްޖެނަމަ ރާއްޖެއިން ހައްޖަށް މީހުން ގެންދާނެ
މިއަހަރު މީހުން ހައްޖަށް ގެންދަން ފުރުސަތު ލިބިއްޖެނަމަ މީހުން ހައްޖަށް ގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެެވެ.

ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިރޭ މިނިސްޓަރު ވިދާޅުވީ ސައުދީ ސަރުކާރުން ހައްޖަށް މީހުން ގެންދިއުމަށް މިއަހަރު ފުރުސަތު ދޭނަމަ އެ ފުރުސަތުގެ ބޭނުން ހިފާނެ ކަމަށެވެ. 

އޭގެ އިތުރުން ބައެއް ގައުމުތަކުން މިއަހަރު ހައްޖަށް މީހުން ނުގެންދާން ނިންމާފައިވީނަމަވެސް ސައުދީ ސަރުކާރުން އަންނަނީ ގައިދުރުކޮށްގެން ހައްޖުގެ އަޅުކަން ކުރެވޭނެ ގޮތެއް އޮތްތޯ ބަލަމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"އެންމެ ފަހު ވަގުތު ވެސް އެ ބޭފުޅުން، ސައުދީ ސަރުކާރުން ގައުމުތަކަށް ހައްޖަށް ގެންދިއުމަށް ހުޅުވާލައިފިކަމަށް ވެއްޖެއްޔާ އަޅުގަނޑުމެން މިތިބީ އެގޮތަށް ވެސް ތައްޔާރުވެގެން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެންމެ ފަހު ވަގުތު ފުރުސަތު ދިނަސް އެ ފުރުސަތު ދިވެހިންނަށް ފަހި ކޮށްދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކޮންމެ އަހަރަކު ވެސް ހައްޖުގެ އަޅުކަން އަދާކުރުމަށް 2.5 މިލިއަނެއްހާ މީހުން ސައުދީ އަރަބިއްޔާއަށް ދާއިރު މިއަހަރު ކޮވިޑް-19 އާ ގުޅިގެން ހައްޖުގެ އަޅުކަމަށްދާ މީހުންގެ އަދަދު މަދުކޮށް، ދެލައްކަ ހަތްދިހަ ހާހެއްހާ މީހުންނަށް އެ ފުރުސަތު ދޭން އެގައުމުގެ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މިނިސްތަރު އިތުރަށް ވިދާޅުވީ މިހާރުގެ ހާލަތަށް ބެލުމަށް ފަހު މީހުން ހައްޖަށް ގެންދިއުމުގެ އަގުތަކަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ހައްޖަށް މީހުން ގެންދާ ގްރޫޕްތަކުން އެކަމަށް އެދި ކުރިމަތިލާން ހުޅުވާލީ ކޮވިޑް-19 ގެ ހާލަތު އައުމުގެ ކުރިން ކަމަށާއި މިހާރު އިވެލިއުޓްކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. 

އަދި ގްރޫޕްތައް ކަނޑައެޅުމަށް ފަހު، އެ ފަރާތްތަކަށް ހައްޖަށް މީހުން ގެންދެވޭނީ ކޮން އަގެއްގައިތޯ ސާފުކުރާނެ ކަމަށެވެ. އަދި މިހާރުގެ އަގަށް ވުރެ ބޮޑު އަގެެއް ކިޔާނަމަ އެ ގުރޫޕުތަކާއި ވާހަކަަ ދައްކާ އެއްބަސްވުމަކަށް އަންނާނެ ކަމަށް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް