ads
ދިވެހި ލިބާސްލައިގެން އިން ދުވަސްވީ އަންހެނެއެއް
ދިވެހީންގެ ކިބައިގައި ދިވެހިވަންތަ ސިފަ ނެތުމަކީ ލަދުގަންނަންޖެހޭ ކަމެއް!
ދިވެހިންގެ ކިބައިގައި ދިވެހިން ވަންތަ ރީތި ސިފަ ނެތުމަކީ މިއަދު އަޅުގަނޑުމެން ދެރަވެ ހިތާމަކުރަން ޖެހޭ ކަމެކެވެ. ދިވެހިންނަށް ގުނާ އަދަދު ނުކުރެވޭ ވަރަށް ގިނަ ނިއުމަތްތައް ލިބިފައިވެއެވެ. އަމިއްލަ ބަހަކާއި އަމިއްލަ ވަންތަ ސަގާފަތެއްގެ އިތުރުން އަމިއްލަ ތަރިކަތަކެއް އަޅުގަނޑުމެންނަށް ލިބިފައިވެއެވެ. މި ކަންތައްތައް އައި ގޮތާއި، އައީ ކޮންބައެއްގެ ފަރާތުންކަމާމެދު ސުވާލުކޮށް ފިކުރުކުރުމުން އެނގިގެންދާ ހަޤީޤަތަކީ މި ސުވާލުތަކަށް ޔަޤީންކަމާއެކު ޖަވާބު ދެވެންނެތް ކަމެވެ. މިކަމުން އެނގިގެންދަނީ އަޅުގަނޑުމެން ދިވެހިންނަށް މި އުޅެވެނީ އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައިކަމެވެ. އެއީ ކީއްވެގެންތޯއެވެ؟ ސަބަބަކަށް މިވަނީ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ތާރީޚު އެންމެ އެދެވިގެންވާ ގޮތެއްގައި އެނގިފައި ނުވާތީވެއެވެ. ކަންމިހެން ހުރުމާއެކު ދިވެހި ދަރިންނަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން އަދުމިވަނީ ޖެހިފައެވެ.

ދިވެހިންނަކީ ކޮން ނަސްލެއްގެ ކޮން ދަރިފަސްކޮޅެއްގެ ބައެއްކަމާ މެދު ދެބަސްވުންތަކެއް އުފެދުމަކީ އަދު އާއްމުވެފައިވާ ކަމެކެވެ. ބައެއް ލިޔުންތަކަށް ބަލާއިރު، ދިވެހިންނަކީ އިންޑޯ އާރިއަން ދަރިކޮޅުން އައިސްފައިވާ ބައެކެވެ. މިއާ ހިލާފަށް އަނެއް ބަޔަކު ބުރަވަނީ ދިވެހިންނަކީ ޑްރެވީޑިއަން ނަސްލުގެ ބައެއް ކަމުގައެވެ. މީލާދީން 1899 ގައި ޕްރޮފެސަރ ޖޯން ސްޓޭންލީ ގާރޑިނަރ ދިވެހިރާއްޖެއަށް ޒިޔާރަތްކުރައްވާ ދިވެހިންގެ ނަސްލު ހޯއްދެވުމަށް، ރާއްޖޭގެ އެކިރަށްރަށަށް ނިސްބަތްވާ މީހުންގެ އިސްކޮޅާއި، ބޮލާއި، ހަށިގަނޑުގެ ސައިންޓިފިކް މިންތަކެއް ނަންގަވައި ވިދާޅުވެފައިވަނީ ދިވެހިންނަކީ އިންޑިޔާގެ ސަބްކޮންޓިނެންޓާއި، ސްރީ ލަންކާ، އަރަބިކަރަ، އެފްރިކާ އަދި އަސޭކަރައިގެ ނަސްލުތަކުން އައި ބައެއް ކަމުގައެވެ. ކަންމިހެން ހުރުމާއެކު ދިވެހިންގެ އަސްލު ނުވަތަ ނަސްލު އަންނަން އޮތް ޖީލުތަކަށް ހާމަކޮށް ދިނުމަށްޓަކައި ދިވެހި ތާރީހު ދިވެހި ދަރިންނަށް އަންގައިދިނުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.

ރާއްޖޭގައި ހުރި އާސާރީ ދާގަބާތަކާއި ހަވިއްތަތަކުން، ރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތް ލިބުމުގެ ކުރިން ދިވެހިންގެ ތެރޭގައި ހިންދުއިޒަމާއި ބުޑިޒަމް އޮތްކަން އެނގެއެވެ. ބުޑިޒަމް ދޫކޮށް އިސްލާމްދީން ގަބޫލުކުރުމަށް ރައްޔިތުންނަށް އަންގަވައިފައިވާ ކަމަށާއި، ރައްޔިތުން އިސްލާމްދީން ގަބޫލުނުކޮށްފިނަމަ އަދަބު ދެވޭނެ ކަމުގައި އިސްދޫ އަދި ދަނބިދޫ ލޯމާފާނު ފަދަ ދައުލަތުން ނެރެފައިވާ ލޯމާފާނުތަކުގައި ހާމަކޮށްފައިވެއެވެ. ރާއްޖެ އިސްލާމްވުމަށް މެދުވެރިވީ މޮރޮކޯ ނުވަތަ މަޣްރިބުކަރައިގެ އިލްމު ވެރިއެއްކަމުގައިވާ އަބުލް ބަރަކާތުލް ޔޫސުފުލް ބަރުބަރީ ކަމަށް ބައެއް ބޭފުޅުން ހާމަކުރައްވާފައިވެއެވެ. ނަމަވެސް ހަސަން ތާޖުއްދީން ލިޔުއްވި ދިވެހި ތާރީހުގައި ރާއްޖެ އިސްލާމް ކުރެއްވި ކަމަށް ލިޔެވިފައި ވަނީ ތަބުރޭޒީގެފާނު ކަމަށެވެ. ޒަމާނުއްސުރެ ދިވެހީން ކިޔަމުން އައީ މިހެންނެވެ. ބަރުބަރީއަށް ބަދަލުވީ ކަމަށް ބެލެވެނީ އިބްނު ބަތޫތާގެ އަރަބި ދަތުރުނާމާގައި އެގޮތަށް ލިޔުއްވާ އަދި އެދަތުރުނާމާ ފަހުގެ ތާރީޚެއްގައި ތަރުޖަމާ ކުރެވުމާއި ގުޅިގެންކަން ފާހަގަކުރެވެ އެވެ. ކޮންމެއަކަސް، ރާއްޖެ އިސްލާމް ކުރެއްވި ބޭކަލެއްގެ ނަންފުޅާއި މެދުގައި މިއަދު ދިވެހިންގެ ތެރޭ ތާރީހު ދިރާސާ ކުރައްވާ ފަރާތްތައް ވެސް ވަނީ ހިޔާލު ތަފާތުވެ ދެކަފިވެފައެވެ.

ކަންމިހެން ހުރުމާއެކު މިފަދަ ތާރީހީ ހާދިސާތައް ދިވެހި ދަރިންނަށް އަންގައި ދިނުމުގެ ބޭނުމަކީ މިފަދަ ތާރީހީ ހިޔާލު ތަފާތުވުންތަކާއި މެދުގައި ލިބެން ހުރި ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދީ، ދިވެހި ތާރީހާއި މެދުގައި ދިވެހި ދަރިންގެ ލޯ ހުޅުވާލުމެވެ.

ދިވެހި ބަހަކީ ދިވެހިންގެ އެންމެ ބޮޑު އެއް ފަހުރެވެ. އެހެންކަމުން ދިވެހި ބަހުގެ އަސްލު ދިވެހިދަރިންނަށް އެނގެންޖެހެއެވެ. މިގޮތުން ދިވެހި ބަހަކީ އިންޑޯ ޔޫރަޕިއަން އާއިލާގެ ބަހެއްކަމާއި، ދިވެހި ބަސް އެކުލެވިގެންވަނީ އިންޑޯ އާރިޔާން ބަހުގެ ގޮފީގައިކަން ދިވެހި ދަރިންނަށް އެނގެންޖެހެއެވެ. 

ދިވެހިބަހާއި ގުޅޭގޮތުން ދިރާސާކުރައްވާފައިވާ ބަހަވީ ޢިލްމުވެރިން ދިވެހިބަހަކީ އިންޑޯ އާރިޔަން އާއިލާއަށް ނިސްބަތްވާ، ސިންގަޅަ ބަހާއި ގުޅުންހުރި ބަހެއްކަމަށް (ޔުމްނާ މައުމޫން، 2002) ހާމަކުރައްވައެވެ. މި އާއިލާގެ މައި މޫ ގޮސް ގުޅެނީ އިންޑޯ ޔޫރަޕިއަން އާއިލާއަށެވެ. މީގެއިތުރުން، ސިންގަޅަ ބަހާއި ދިވެހިބަސް ހިމެނެނީ މޮޑަރން އިންޑޯ އާރިޔާން އާއިލާގެ ތެރޭގައި ހިމެނޭ އެންމެ ތިމާގެކަން ބޮޑު ދެބަސްކަމުގައި ކަމަށް (ސޮންޔާ ފްރިޓްޒް، 2001) ހާމަކުރައްވައެވެ.

ދިވެހިބަސް އުފެދުނީ މިވެނި ދުވަސްވަރެއްގައޭ ބުނާކަށް ނޭނގެއެވެ. ސަބަބަކީ ބަހަކީ އެއްދުވަހުން ޓަސްކިޔާފައި އުފެދޭ އެއްޗަކަށް ނުވާތީކަމެވެ. ދިވެހިބަސް ލިޔުމަށް ތަފާތު ހަތަރު އަކުރެއް ބޭނުންކޮށްފައިވާކަން ތާރީހުން އެނގެއެވެ. އޭލޫ ނުވަތަ އެވޭލާ އަކުރާއި ދިވެސް އަކުރާއި ލެޓިން އަކުރުގެ އިތުރުން ތާނައަކުރު ބޭނުންކުރިކަން ތާރީހީ ފަތްފުށްތަކުން އެނގެއެވެ. އެހެން ކަމުން މިފަދަ މައުލޫމާތުތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށް ދިނުމަށްޓަކައި، އަދުގެ ދިވެހި ދަރިންނަށް ދިވެހި ތާރީހު އެނގިފައި ހުންނަށްޖެހޭނެ ކަމުގައި ދެކެމެވެ.

ދިވެހިންނަކީ ވަރަށް އެކުވެރި ބައެކެވެ. ދިވެހިންނަކީ ގޭގެއަށް ޒިޔާރަތް ކުރުމުގެ ރީތި އާދަ އާއި މީހުންނަށް މެހުމާންދާރީ އަދާކުރުމުގެ އާދަ ލިބިފައިވާ ބައެކެވެ. ދިވެހިންގެ ތެރެއިން ޒަމާނުއްސުރެން ފާހަގަ ކުރެވެމުން އައި ދުވަސްތަކާއި ކަންކަން އެނގެންޖެހެ އެވެ. އެކަންކަމުން އިބްރަތް ލިބި ގަންނަން ޖެހެއެވެ. ރަށްރަށުގެ ރައްޔިތުން އެންމެން ގުޅިގެން ބޮޑުމާލޫދު ކިޔުމާއި ރައްޔަތު މީހާއަށް މަތީމަގާމު ލިބުމުން ކޮލިލުން ފަދަ ކަންކަން އަޅުގަނޑުމެންގެ ކިޔަވާ ކުދިން ދަސްކުރަންޖެހެއެވެ. ކީއްވެގެންތޯއެވެ؟ ދިވެހިންގެ މިއާދަކާދައި ސަގާފަތް މި ދީބު ދޫކޮށް ދިއުމަށް ދަތުރު ފައްޓާފައިވާތީ މިކަންކަން އަންނަން އޮތް ޖީލަށް ފޯރުކޮށް ދެވޭނީ އަދުގެ ދިވެހި ދަރިންނަށް ކަމުގައިވާތީއެވެ. 

ދިވެހި ތާރީޙާއި ސަގާފަތް ހިމާޔަތްކޮށް އަދުގެ ދަރީންނާއި ހަމައަށް މިކަންކަން ނޯޅޭނެ ގޮތަކަށް ގެނައުމަކީ އަހަރެމެންގެ ޒިންމާއެކެވެ.

ދިވެހިންނަކީ އެތައް ފަހަރެއްގެ މަތިން އަޅުވެތި ކަމުގެ ހިތި ކަރުބުޑުގައިލާފައި ތިބި ބައެކެވެ. ހޮޅިންނާއި ދޮންބަންޑާރައިން ރާއްޖެއާ އަތްގަދަ ކުރިއެވެ. އަދި އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި 128 އަހަރު ވާންދެން އޮތްކަންވެސް ލިޔުންތަކުން ސާބިތުވެގެންދެއެވެ. ނަމަވެސް މިފަދަ ކޮންމެ ދަނޑިވަޅެއްގައި ފެނިގެން ގޮސްފައި ވަނީ ދިވެހިންގެ ތޫނުފިލިކަމާއި ކުޅަދާނަކަމެވެ. އަދި އެއްބައިވަންތަކަމާއި ދިވެހިންކަން ރަމްޒުކޮށްދޭ މި ރިވެތި އާދަކާދަތަކެވެ. 

ވީމާ އިންޑިޔާމީހުން އެމީހުންގެ ތާޖުމަޙަލްއަށް ރައްކާތެރިވާ ފަދައިން ޗައިނާމީހުން އެމީހުންގެ ބޮޑުފާރަށް ރައްކާތެރިވާ ފަދައިން އަޅުގަނޑުމެންގެ މިތަރިކަތަކާމެދު ރައްކާތެރިވާންޖެހެއެވެ. ދިވެހިން ކަމުގައި ރަމްޒުކޮށްދޭ ދިވެހި ވަންތަ ސަގާފަތާއި ދިވެހީންގެ އާދަކާދަތައް ދިރުވާ އާލާކޮށް އަހަރެމެންގެ ގައިގައި މި ސިފަތައް އަށަގަންނަވަމާތޯއެވެ. އަދި ދިވެހި ކާބަފައިންގެ މި މިންނެތް ބުރަ މަސައްކަތުގެ އަގުވަޒަންކޮށް އަންނަން އޮތް ޖީލަށް ވާރުތަ ކޮށްދިނުމަށްޓަކައި ހުރިހާ އެންމެންގެ އަތުކުރި އޮޅާލަމާތޯއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް