ads
ގުޅީފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ--- ފޮޓޯ: އީޕީއޭ
ގުޅިފަޅު ހިއްކާ ސަރަހައްދުން 6،000 ހައުސިން ޔުނިޓަށް ބިމެއް ކަނޑައަޅަން ކޮމިޓީން ނިންމައިފި
ގުޅީފަޅުން އަލަށް ހިއްކާ ސަރަހައްދުން ހަމައެކަނި އިގްތިސޯދީ ކަންކަމަށް ހާއްސަކުރުމުގެ ބަދަލުގައި، އެތަނުގައި ސޯޝަލް ހައުސިންއަށް 6000 ހައުސިން ޔުނިޓް އިމާރާތް ކުރެވޭވަރުގެ ބިމެއް ކަނޑައަޅަން ސަރުކާރަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިންމައިފި އެވެ.

ގުޅިފަޅުގައި ގާއިމުކުރާ، ޕޯޓްގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ގުޅިފަޅު ހިއްކުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު އެސަރަހައްދުގެ ތިމާވެއްޓަށް އަސަރު ކުރަމުންދާތީ، އެކި ފަރާތްތަކުން އެކަމާ ކަންބޮޑުވުން ފާޅު ކުރަން ފެށުމާއެކު، އެ މައްސަލަ ދިރާސާކުރުމުގެ މަސައްކަތް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ފެށި އެވެ. 

އެ މައްސަލަ ދިރާސާ ކުރުމަށް ފަހު އެ ކޮމިޓީން ނެރުނު ރިޕޯޓުގައި ބުނީ އެ މަޝްރޫއަކީ ތިމާވެއްޓަށް އިއާދަނުކުރެވޭނެ ބޮޑު ބަދަލެއް އަންނާނެ މަޝްރޫއުއެއްކަމުން އެކަމުގެ ސަބަބުން އެންވަޔަރަމަންޓަލް ކޯސްޓް ވެސް ބޮޑުވާނެ ބެލެވޭ ކަމަށެވެ. އަދި އެކަން ޖަސްޓިފައި ކުރުމަށްޓަކައި އިޖުތިމާއީ އަދި އިގްތީސޯދީ ފައިދާ އިތުރުކުރުން މުހިއްމު ކަމަށެވެ. 

އެގޮތުން މާލޭ ސަރަހައްދަކީ ތޮއްޖެހިފައިވާ ރަށަކަށްވެފައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ޖާގަ އުފެއްދިދާނެ ތަނެއްގެ ގޮތުގައި ގުޅީފަޅު އޮތުމުން، އެތަނުގައި ސޯޝަލް ހައުސިންއަށް 6000 ހައުސިން ޔުނިޓަށް ބޭނުންވާނެ ބިން ކަނޑައަޅަން ނިންމާ ކަމަށެވެ. 

މިހާރުން މިހާރަށް އަޅަން ޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި ކޮމިޓީން ލަފާދީފައި ވަނީ ގުޅީފަޅުގެ ބަނދަރުގެ މަޝްރޫއުއާ ގުޅޭގޮތުން ތިމާވެށި ރައްކާތެރިކުރުމަށް އީއައިއޭ ރިޕޯޓުގައި ކަނޑައަޅާފައިވާ ފިޔަވަޅުތަކާއި އޭގެ އިތުރުން ވެސް އެ ހާލަތުގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.  

އޭގެ އިތުރުން ވެސް، މަޝްރޫއުގެ ތިމާވެއްޓާއި ގުޅޭ މަސައްކަތްތައް ވިލަރެސްކުރުން ހަރުދަނާކުރުމުގެ ގޮތުން ޕްލޭނިން، ހައުސިން މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ އިތުރުން  އީއައިއޭ ކޮންސަލްޓަންޓާއި ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތް ކުރާ އަމިއްލަ ފަރާތްތައް ހިމެނޭ ގޮތުން ވަގުތީ ކޮމިޓީއެއް އުފައްދާ، ހަފުތާއަކު އެއް ފަހަރު ބައްދަލުވުމެއް ބާއްވައި، ކުރަމުން އަންނަ މަސައްކަތްތަކާއި ދިމާވާ މައްސަލަތައް މަޝްވަރާކޮށް ހައްލުކުރަން ޖެހެ އެވެ. 

އެ ރިޕޯޓުގައި ބުނީ، ވިލިނގިލީ ފަރާއި ހެންހާސް ޕްލޭސް މޮނިޓާކުރުން ހަރުދަނާކޮށް ކޮންމެ ދުވަހަކު އެއްފަހަރު ކިސަޑުގެ އަސަރު އެ ސަރަހައްދުތަކަށް ކުރަމުންދާ ގޮތް ބަލައި، ފޮޓޯ އާއި ވީޑިއޯ އާންމުކުރުމާއި ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކުގެ ހުލާސާ ރިޕޯޓެއް ހަފުތާއަކު އެއް ފަހަރު އީޕީއޭ އިން ތައްޔާރުކޮށް އެ ރިޕޯޓް އާންމުކުރުމާއި އެ ރިޕޯޓް ކޮމިޓީއަށް ފޮނުވަން ޖެހޭނެ ކަމަށެވެ.  

އެ ރިޕޯޓުގައި އިތުރަށް ބުނީ، ބޮޑު ދިޔައިގައި އަދި މޫސުން ގޯސް ދުވަސްވަރު ހިއްކުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމާއި މަޝްރޫއުގެ ފުޓް ޕްރިންޓުގައި ހުރި ދިރޭ މުރަކަ ރައްކާތެރި އެހެން ސަރަހައްދަކަށް ގެންދިއުމަށް ކުރާ މަސައްކަތް ހަރުދަނާ ކުރުމާއި އެކަމުގެ މައުލޫމާތު އާންމުކުރަން ޖެހޭނެ ކަމަށެވެ.

ގުޅީފަޅު ހިއްކުމުގެ މަސައްކަތް ސަރުކާރުގެ ފަރާތުން ބޮސްކާލިސް ކުންފުނިން މިހާރު ކުރަމުން އަންނައިރު އެ މަސައްކަތް ފެށުމާއެކު ވިލިމާލޭގެ ހުޅަނގު ދެކުނު ފަރާތުގެ ފަޅަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. އެކަން ހުއްޓުވުމަށްޓަކައި ނުވަތަ އެކަމުން ކުރާ އަސަރު ކުޑަކުރުމަށްޓަކައި ތަފާތު ފިޔަވަޅުތައް އެޅުމަށް އީއައިއޭ ރިޕޯޓުގައި ލަފާދީފައިވާއިރު، ބޮސްކާލިސްގެ ފަރާތުން ފަޅު ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ އެފަދަ އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށާއި އެކަމުގެ ސަބަބުން އިއާދަނުކުރެވޭނެ ގެއްލުންތަކެއް ވިލިމާލޭ ފަރަށް ލިބެމުންދާތީ އެ މައްސަލަ ބަލައިދިނުމަށް ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމު ވެސް މަޖިލީހުގައި އެދިވަޑައިގަތެވެ. 

އެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް އިދާރާތައް ހާޒިރުކުރި ދުވަހު، ޕްލޭނިން، ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައި ވަނީ ، އެ ރަށުގެ ފަޅުން ބޮޑު ސަރަހައްދެއް ހިއްކަމުން އަންނައިރު އެކަމުގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރުކުރި ނަމަވެސް އިގްތިސޯދަށް މާބޮޑަށް ފައިދާވާނެ ކަމަށެވެ.

އަސްލަމް އިތުރަށް ވިދާޅުވީ ތިލަފުށީގައި ވެސް އެ ބަނދަރު ހެދުމުގެ ވިސްނުން އޮތް ނަމަވެސް އެތަނުގައި މަޝްރޫއު ކުރިއަށް ނުގެންދިޔައީ އެތަނީ ކުނި ޖަމާކުރާ ރަށަކަށް ވުން ކަމަށެވެ. އެގޮތުން ވިދާޅުވީ ޕޯޓަކީ ކާބޯތަކެތި ވެސް އެތެރެކޮށް ބޭރުކުރާނެ ތަނެއް ކަމުން އެގޮތަށް އެކަން ކުރުމަކީ ރައްކާތެރިކަމެއް ކަމަށް ފެނިވަޑައިނުގަތީ ކަމަށެވެ. އަދި ދެން އެކަން މާލެ ސަރަހައްދުން އެންމެ ރަނގަޅަށް ކުރެވެން އޮތް ތަނަކީ ގުޅީފަޅުކަމަށް ވެސް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް