ads
އީސީގެ މެމްބަރުން--
އީސީން ތިން ޕާޓީއަކަށް ފިޔަވަޅު އަޅައިފި
ސިޔާސީ ޕާޓީގެ ގާނޫނާއި ހިލާފުވެގެން ތިން ސިޔާސީ ޕާޓީއަކާމެދު ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އީސީން ފިޔަވަޅު އަޅަން ނިންމާފައި ވަނީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް އާއި، ދިވެހި ރައްޔިތުންގެ ޕާޓީ އަދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް އަށެވެ. 

އިސީން ބުނި ގޮތުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްއިން އެ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ގައުމީ ބައްދަލުވުން ބާއްވާފައިނުވާތީ، ސިޔާސީ ޕާޓީގެ ގާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގެ 2 ގެ ދަށުން އެ ޕާޓީ 50,000 ރުފިޔާ އިން ޖޫރިމަނާކުރަން ވަނީ ނިންމާފަ އެވެ. 

އަދި ޖޫރިމަނާ، ސަރުކާރުން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށާއި އަދި ސަރުކާރުން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން ޕާޓީގެ ގައުމީ ބައްދަލުވުން ވީއެންމެ އަވަހަކަށް ބޭއްވުމަށް އީސީން ވަނީ އެ ޕާޓީއަށް އަންގާފަ އެވެ. އަދި ބައްދަލުވުން ބޭއްވުމަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ ސިއްހީ ކުއްލި ހާލަތު އިއުލާނުކޮށްފައިވާ ޖުމުލަ ދުވަހުގެ މުއްދަތުކަމަށް ވެސް އީސީން ބުނެ އެވެ.

އޭގެ އިތުރުން އީސީން ބުނީ ދިވެހި ރައްޔިތުންގެ ޕާޓީން ތަކުރާރުކޮށް ސިޔާސީ ޕާޓީގެ ގާނޫނާއި އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފުވެފައިވާ ކަމަށާއި އެގޮތުން 2016 އަދި 2019 ގައި ކޮށްފައިވާ ޖޫރިމަނާތަކުގެ ފައިސާ ދައްކާފައިނުވާ ކަމަށެވެ. އަދި ދެ ފަހަރެއްގެ މަތިން އެ ފައިސާ ކޮމިޝަނަށް ދެއްކުމަށް އެ ޕާޓީއަށް އެންގުނު ނަމަވެސް މިހާތަނަށް އެ ފައިސާ ދައްކާފައި ނުވާތީ އާއި ސިޔާސީ ޕާޓީގެ ގާނޫނާއި އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް 2018 އަދި 2019 ވަނަ އަހަރުގެ އެ ޕާޓީގެ އަހަރީ ރިޕޯޓާއި އޯޑިޓް ރިޕޯޓްވެސް ކޮމިޝަނަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

އެގޮތުން އަސާސީ ގަވާއިދުގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އެ ޕާޓީގެ ގައުމީ ޖަލްސާ ވެސް ބާއްވާފައި ނުވާތީ އެ ކަންކަން އިސްލާހު ކުރުމަށް އެ ޕާޓީއަށް ކޮމިޝަނުން އެންގާފައިވާ ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ޕާޓީއަށް އެކި ފަހަރު މަތިން ނަސޭހަތާއި އިންޒާރު އަދި ފިޔަވަޅު އަޅާފައިވާތީ، އިތުރަށް އަޅަން ހުރި އެންމެ ފަހުގެ ފިޔަވަޅާބެހޭ ގޮތުން އެ ޕާޓީއާއެކު މަޝްވަރާކޮށް ބައްދަލުވުމެއް ބޭއްވުމަށް ވެސް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށް އީސީން ބުނެ އެވެ. 

އީސީން އިތުރަށް ބުނި ގޮތުގައި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް އިން ވަނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން އެ ޕާޓީގެ ގައުމީ ބައްދަލުވުން ބާއްވާފައިނުވާތީ، ސިޔާސީ ޕާޓީގެ ގާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގެ 2 ގެ ދަށުން އެ ޕާޓީ 30،000 ރުފިޔާއިން ޖޫރިމަނާކުރަން ނިންމާފައި ކަމަށެވެ.

އެގޮތުން އެ ފައިސާ ސަރުކާރުން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށާއި އަދި ސަރުކާރުން އިއުލާނުކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން ޕާޓީގެ ގައުމީ ބައްދަލުވުން ވީ އެންމެ އަވަހަކަށް ބޭއްވުމަށް އެ ޕާޓީއަށް ވެސް އީސީން އަންގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް