ads
ސިއްހަތަށް ބެލުމެއް ނެތި ކަމުންދާ މަންޒަރު
ސިއްހަތަށް ނުބަލާ އުޅުމުން ފަހުން ދެރަވާނެ
ފުރިހަމަ ސިއްހަތަކީ ހާސް ނިއުމަތޭ ބުނެވޭއިރު އެ ނިއުމަތް ހޯދުމަކީ މުހިންމުކަމެކެވެ. ވުމާއިއެކު ފުރިހަމަ ސިއްހަތެއް ހޯދޭނެ ގޮތްތަކަކީ ކޮބައިތޯ ބަލަންލުން މުހިންމެވެ.

ރަނގަޅު ކާނާ

ފުރަތަމަވެސް އަޅުގަނޑު ހިޔާލަށް އަންނަނީ އިނގިރޭސި ބުނުމެކެވެ. އެއީ "އޭން އެޕަލް އަ ޑޭ ކީޕްސް ދި ޑޮކްޓާ އަވޭ" އެވެ. ދަންނަވަން މި އުޅެނީ ރަނގަޅު ކާނާގެ ވާހަކައެވެ. ފުރިހަމަ ސިއްހަތެއްގައި ހުރުމަށްޓަކައި ރަނގަޅު ކާނާ ކާންޖެހެއެވެ. ބަލިތަކުން ދުރުކޮށް ހަށިގަނޑަށް ބޭނުންވާ ވިޓަމިންސްއާއި ޕްރޮޓީންސްއާއި މިނެރަލްސް ފަދަ ބައިތައް ލިއްބައިދޭތީވެއެވެ. މިގޮތުން ފުރިހަމަ ސިއްހަތެއް ހޯދޭނީ ތަރުކާރީއާއި މޭވާ، ގޮވާމާއި ފަލަމަޑި، އަދި މަހާއި، ބިހުގެ އިތުރުން ފެހިކުލަ ގަދަފަތް ފަދަ ކާނާގެ ބާވަތްތައް ކެއުމުގެ ވަށްޓަފާޅީގެ ތެރޭގައި ހިމަނައިގެންނެވެ.

ތައްޔާރީ ކާނާ

ފުރިހަމަ ސިއްހަތެއް ހޯދޭނެ އެއްގޮތަކީ ކާނާ ކަމުގައި ވީއިރު ވިސްނަންޖެހޭ ކަމެއް އެބައޮތެވެ. އެއީ ކޮންމެ ކަހަލަ ކާނާއެއް ހައްދެއްނެތި ބޭނުންކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމެވެ. މިސާލަކަށް އެކި ބާވަތްތަކުގެ ފިޒީ ޑްރިންކްސްތަކާއި ތައްޔާރީ ކާނާ މާގިނައިން ކެއުމަކީ އެންމެ ރަނގަޅު ގޮތްނޫން ކަމުގައި ވާއިރު މިތަކެތި ގިނައިން ބޭނުން ކުރުމުން ހަކުރު މައްޗަށް ގޮސް ލޭމައްޗަށްގޮސް މީހާ ފަލަވުމަށް މަގުފަހިވެއެވެ. އެކި ބަލިތަކުގެ ޝިކާރަޔަކަށް ތިމާ ވެގެން ދެއެވެ. ކަން މިހެން ހުރި އިރު ފުރިހަމަ ސިއްހަތެއް ހޯދޭނީ ހަޑިށިގަނޑަށް ފައިދާހުރި ކާނާ ފައިދާވާ މިންވަރަށް ކައިގެންނެވެ.

ކަސްރަތު

ކުރިން މިދެންނެވި ހަކުރު މައްޗަށް ދިއުމާއި ލޭމައްޗަށް ދިއުން ނުވަތަ މީހާ މާބޮޑަށް ފަލަވުމުން ދެންމ އެކަމަށް ހައްލު ހޯދުމަސް ގިނަ ފަރާތްތަކުން މަސައްކަތް ކުރެއެވެ. އެގޮތުން ކަސްރަތަކީ ހަށިގަނޑުގެ ދުޅަހެޔޮކަން ހޯދުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ކަސްރަތުގެ ސަބަބުން މީހާގެ ހަށިގަނޑުގެ މަސްތައް ވަރުގަދަވެ، ހަށިގަނޑުގެ ލޭދައުރުވުން ފުރިހަމަވެގެން ދެއެވެ. ހަމައެއާއި އެކު ހަށިގަނޑުގައި ޖަހާފައި ހުންނަ ބޭނުންނެއް ސަރުބީތައް ވިރުވައިދެއެވެ. މިކަމާ ބެހޭ ގޮތުން ސިއްހީ މާހިރުންގެ ހޯދުންތަކުން ދައްކާގޮތުގައި ކަސްރަތުގެ ގޮތުގައި ދުވާލަކު މަދުވެގެން އެއް ގަޑިއިރު ހިނގާމީހާގެ ހަޖަމުކުރުމުގެ ނިޒާމުގައި މައްސަލަޖެހުން ވަރަށް ކުޑަ ކަމުގައި ފާހަގަ ކޮށްފައިވެއެވެ.

 

ސާފުތާހިރުކަން

ފުރިހަމަ ސިއްހަތެއް ހޯދޭނެ އަނެއްގޮތަކީ ސާފުތާހިރުވުމެވެ. ފުރިހަމަ ސިއްހަތެއް ހޯދުމަށްޓަކައި ތިމާގެ ފޭރާމާއި އުޅޭތަނާއި ގެންގުޅޭ ތަކެތި ސާފުތާހިރު ކުރަންޖެހެއެވެ. ރަނގަޅަށް ދަތް ނޫގުޅާނަމަ ދަތްތައް ފަނިކާނެއެވެ. ޝޭމްޕޫ ލައިގެން ރަނގަޅަށް ބޯނުދޮންނަ ނަމަ ބޮލުގައި އުކުނު އެޅުމާއި ހަންފޮޅުން ފަދަ ކަންކަން ދިމާވެއެވެ. މީ ސިއްހަތައް ހުރި ގެއްލުންތަކެކެވެ. މީގެ އިތުރުން ތިމާ ދިރިއުޅޭތަނުގައި ސާފުތާހިރުކަން ނެތްނަމަ ބަލިޖެހުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ. ސާފުތާހިރުވުމަކީ ފުރިހަމަ ސިއްހަތެއް ހޯދުމަށްޓަކައި ކޮންމެހެންވެސް ކުރަންޖެހޭ މުހިންމު ކަމެކެވެ.

ނިދުމާ އަރާމުކުރުން

ފުރިހަމަ ސިއްހަތެއް ހޯދުމަށްޓަކައި ވަރަށް ގިނަ ކަންކަން ކުރަންޖެހެއެވެ. ފުރިހަމަ ސިއްހަތެއް ހޯދުމަށްޓަކައި ރަނގަޅަށް ނިދުމާއި އަރާމު ކުރުމަކީވެސް ކުރަންޖެހޭ ކަމަކަށް ވީއިރު ދުވާލަކު މަދުވެގެން ހަ ގަޑި އިރު ނިދުމަށް ޑޮކްޓަރުން ލަފާދެއްވައެވެ. ނިދުން މަދުވުމުގެ ސަބަބުން ލޮލުގައި ރިއްސުމާއި ބޮލުގައި ރިއްސުމަކީ އާންމު ކޮށް ދިމާވާ ކަންކަމެކެވެ. ހަމަ އެގޮތަށް އެއްވެސް އަރާމެއްނެތި މާ ބުރަކޮށް މަސައްކަތް ކުރުމަކީވެސް ރަނގަޅު ކަމެއްނޫނެވެ. އަދި މާގިނައިރު ޓީވީ ކައިރީ ނުވަތަ ކޮންޕިއުޓާ ކައިރީގައި އިނުމުން ލޮލަށް އެކަމުގެ ނޭދެވޭ އަސަރު ކުރެއެވެ. އެހެންކަމުން ތިމާގެ ހަށިގަނޑަށް ބޭނުންވާ އަރާމު ދިނުމަކީ މުހިންމު ކަމެކެވެ. 

މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުންފަދަ ހަށިގަނޑަށް ގެއްލުން ހުރި އަމަލުތަކުން ދުރުހެލި ވުމަކީވެސް ފުރިހަމަ ސިއްހަތެއް ހޯދުމަށްޓަކައި ކުރަންޖެހޭކަމެކެވެ. 

އުފާވެރި ދިރިއުޅުމަކަށް ފުރިހަމަ ސިއްހަތެއް މުހިންމެވެ. އެހެންކަމުން ތިމާގެ އަމިއްލަ ސިއްހަތާއި މެދު ރައްކާތެރިވުމަކީ މުހިންމު ކަމެކެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް